ރޭގަނޑާއި ދުވާލުގެ ހުރިހާ ވަގިތެއްގައި ވެސް އެހީތެރިކަން ލިބޭ 1677 ހެލްޕްލައިން ތައާރަފްކޮށްދެއްވީ ސްޕޯޓްސް، ފިޓްނެސް އެންޑް ރިކްރިއޭޝަން މިނިސްޓަރު އަބްދުﷲ ރާފިއު އެވެ
ހެލްތް މިނިސްޓްރީން މިއަދު ބުނީ މިއަދު ގާއިމް ކުރި ސައިކޯޝޯސަލް ހެލްޕްލައިންގެ ސަބަބުން ގިނަ ބަޔަކަށް ދިމާވެފައިވާ ނަފްސާނީ ބަލިމަޑުކަމަށް ހައްލެއް ލިބިގެންދާނޭކަމަށެވެ.
ސައިކޯޝޯސަލް ހެލްޕްލައިން 1677 އަށް ގުޅައިގެން ބޭނުންވާ ނަފްސާނީ ބަލި މަޑުކަމާއި ގުޅުން ހުރި ހިދުމަތްތައް ލިބިގެންދާނޭ ކަމަށް ހެލްތު މިނިސްޓްރީން ބުނެ އެވެ.
ހެލްތް މިނިސްޓްރީން ބުނީ ހެލްޕް ލައިން ނަމްބަރުން ހުރިހާ އުމުރެއްގެ މީހުންނަށް ވެސް ހިދުމަތް ލިބިގެންދާނޭ ކަމަށާއި ނަފްސާނީ ދުޅަހެޔޮކަމަކީ ވަރަށް ވެސް މުހިންމުކަމެއް ކަމަށެވެ.
ހެލްޕް ލައިން ނަމްބަރު ގުޅުމުން ނަފްސާނީ ދުޅަހެޔޮ ކަމާއި ގުޅުން ހުރި މައުލޫމާތުގެ ލިބިގެން ދިޔުމުގެ އިތުރުން، ނަފްސާނީ އެހީތެރިކަމަށް ބޭނުންޖެހިފައިވާ މީހުންނަށް އެ ވަގުތުން ވަގުތަށް ދެވެން ހުރި އެހީ ދިނުމާއި، މައްސަލަތައް ހައްލެން ކުރާނޭ ގޮތްތައް ކިޔާ ދިނުމުގެ އިތުރުން އެ މީހަކަށް ބޭނުން ވާނި ކޮން ކަހަލަ ފަރުވާއެއްތޯ ބަލާ އެ ފަރުވާ ލިބިގެންދާނެ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.
މިނިސްޓްރީން ބުނިގޮތުގައި ނަފްސާނީ މައްސަލަތަކާއި ހަނގުރާމަ ކުރުމަކީ އެއްވެސް ހާލެއްގައި އެކަނިމާއެކަނި ކުރަން ޖެހޭ ހަނގުރާމައެއް ނޫންކަމަށާއި މިކަމަށް ބޭނުން ބޭނުންވާ އެހީ ހެލްޕް ލައިންއިން ލިބިގެންދާނޭ ކަމަށެވެ.
ނަފްސާނީ ގޮތުން ބަލިކަށިވެގެން އެހީއަށް އެދުމަކީ އެއްވެސް ހާލެއްގައި މީހާ ބަލިކަށި، މީހަކަށް ވުން ނޫން ކަމަށް ވެސް މިނިސްޓްރީން ބުނެ އެވެ.
ނަފްސާނީ އެހީއަށް ބޭނުންވާ މީހާ ކުރާ ހަނގުރާމާއިގައި ބައިވެރިވެ އެ ފަރާތަށް ދޭން ޖެހޭ އެހީތެރިކަމެއް ދިނުން ވަރަށް މުހިންމު ކަމަށާއި އެހެން ކަމުން އެ މިނިސްޓްރީން ވެސް ބައިވެރިވެވެން އޮތް މިންވަރަކުން އެ ކަމުގައި ބައިވެރިވެ އެކަމަށް ދެވޭނެ ހައްލެއް ހޯދައިދޭނެ ކަމުގެ ޔަގީންކަން ހެލްތް މިނިސްޓްރީން ދެ އެވެ.