ads
ރައީސް ޑރ. މުހައްމަދު މުއިއްޒު، ހއ. ހޯރަފުށީ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވާހަކަދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް
އިހަވަންދިއްޕޮޅު ބަންކަރިންގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ: ސައީދު
އިހަވަންދިއްޕޮޅު ބަންކަރިން މަޝްރޫއު ކުރިއަށް އޮތް ދެތިން މަސް ތެރޭގައި ފެށޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
Advertisement

ރައީސް ޑރ. މުހައްމަދު މުއިއްޒު އުތުރުގެ ހަތަރު އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ހއ. ހޯރަފުއްޓަށް ވަޑައިގެން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ އަންނަ ޖުލައި މަސް ނިމުމުގެ ކުރިން އިހަވަންދިއްޕޮޅުގައި ބަންކަރިން ވިޔަފާރި ފަށައިގަނެވޭނެ ކަމަށެވެ.

ދެތިން ހަފްތާ ތެރޭގައި ދުނިޔޭގެ ޓޮޕް 10 ގައި ހިމެނޭ އެންމެ ވަރުގަދަ އެއް ކުންފުންޏާއެކު ބަންކަރިން ހިދުމަތަށް އެ ސަރަަހައްދުގައި ހުޅުވުމުގެ މަސައްކަތް ފަށައިގަނެވޭނެ ކަމަށާއި ޖުލައި މަސް ނިމުމުގެ ކުރިން އެ ސަރަަހައްދުގައި އެ ވިޔަފާރި ފަށައިގަނެވޭނެ ކަމަށް ސައީދު ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ ދެތިން ހަފުތާއެއްގެ ތެރޭގައި ދުނިޔޭގެ ޓޮޕް 10 ގައި ހިމެނޭ ކުންފުންޏަކުން މި ސަރަހައްދުގައި ބަންކަރިންގެ ހިދުމަތަށް ވަންނާނެ،" ސައީދު ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ ބަންކަރިން ހިދުމަތް ފެށުމުން ވަޒީފާތައް އުފެދި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ވިޔަފާރި ފުރުސަތު ތަނަސްވެ ރާއްޖޭގެ އާމްދަނީ އިތުރުވާނެ ކަމަށެވެ. އަދި އެއާއެކު ރާއްޖެއަށް ބޭރު ފައިސާ ވަންނާނެ ބޮޑު ދޮރެއް މި މަޝްރޫއާ އެކީ ހުޅުވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭގެ އިތުރުން "މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ"ގެ ނަމުގައި ހޯރަފުށި ފަޅުތެރޭގައި ކުރިއަށްގެންދާ މަޝްރޫއަށް ބޭނުންވާ ބިން ހިއްކުން މި އަހަރުތެރޭ ފަށައިގަންނާނެ ކަމަށް ވިދާޅުވި އެވެ.

އެކަމަށް ފައިސާ ހޯދުމަށް ޔޫރަޕިއަން ބޭންކަކާ ވާހަކަ ދައްކަމުން އަންނަކަމަށް ސައީދު ވިދާޅުވި އެވެ.

އިހަވަންދިއްޕޮޅުގައި ބަންކަރިން ހިދުމަތް ދެތިން މަސްތެރޭ ފެށޭނެ ކަމަށް ސައީދު ވިދާޅުވި އިރު، ރާއްޖޭގެ އެންމެ އުތުރު، އިހަވަންދިއްޕޮޅުގައި ތެލުގެ ސްޓޯރޭޖެއް ހަދައި ތެޔޮ ބަންކަރިން ހިދުމަތް ދިނުމަށް އެސްޓީއޯ އިން މިދިޔަ އޮގަސްޓް މަހު ވަނީ ގަތަރުގެ އާބަކޮން ޓްރޭޑިން އެންޑް ކޮންޓްރެކްޓިން (ޔޫސީސީ) އާ ހަވާލުކޮށްފަ އެވެ. 

އެގޮތުން ސޮއި ކުރެވުނު އެމްއޯޔޫއަކީ އެ ކުންފުންޏާއި އާބަކޮން ގުޅިގެން ބަންކަރިން އަދި ގައުމީ ތެލުގެ ރިޒާވް ތަރައްގީ ކުރުމަށް ބޭނުންވާ ފީސިބިލިޓީ ސްޓްޑީޒްތައް ހަދައި މި ޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށްޓަކައި ވެވުނު އެއްބަސްވުމެއް ކަމަށް އެސްޓީއޯއިން އޭރު ބުނިއެވެ 

އެސްޓީއޯއިން ބުނެފައިވަނީ ރާއްޖޭގެ އިހަވަންދިއްޕޮޅު އަތޮޅު އޮންނަނީ އިންޑިއާ ކަނޑުގެ މާލީ މުއާމަލާތްތައް ހިނގާ ޝިޕިންގެ އިރުމައްޗަށް އަދި ހުޅަނގަށް ދަތުރުކުރާ މައި ލޭނުގައި ކަމަށާއި މި ސަރަހައްދުން ދުވާލަކު 300 އަށް ވުރެ ގިނަ ބޮޑެތި އާގު ބޯޓު ހުރަސް ކުރާ ކަމަ ށެވެ.

މި ސަރުކާރުން މީގެކުރިން ހާމަކޮށްފައިވާ ގޮތުގައި އެ އެއްބަސްވުން ދަނީ ރިވިއު ކުރަމުންނެވެ. ދެތިން ހަފްތާގެ ތެރޭގައި ބަންކަރިން ހިދުމަތް ދިނުމަށް ހަވާލު ކުރަނީ ކޮން ބަޔަކާ ކަމެއް ސައީދު ވިދާޅެއް ނުވެއެވެ. އެކަމަކު، ބެލެވޭ ގޮތުގައި އެ މަސައްކަތް ހަވާލު ކުރަނީ މުޅިން އާ ކުންފުންޏަކާއެވެ.

ރާއްޖެ އޮންނަ ލޮކޭޝަންގެ ގޮތުން އިހަވަންދިއްޕޮޅު ކައިރިން ދުވާލަކު 300އަށް ވުރެ ގިނަ އާގު ބޯޓު ދަތުރުކުރެ އެވެ. ނަމަވެސް މި ސަރަހައްދުގައި އެ ބޯޓުފަހަރަށް ހިދުމަތްތައް ދެވޭނެ މާ ގިނަ ގޮތްތަކެއް ނޯވެ އެވެ.

ސައީދު މިއަދު ވިދާޅުވި ގޮތުގައި، މި ހިދުމަތް ފެށުމާ އެކު މި ސަރަހައްދުގައި ވަޒީފާގެ ފުރުސަތުތައް އިތުރުވެ، އެކި ފަންތީގެ ވިޔަފާރިތަކަށް ވެސް ބޮޑު ފައިދާއެއް ވާނެ އެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް