އިލްކެޝަންސް ކުރިޔަށް ގެންދާ މި ކައުންޓް ޑައުންގައި ވާ ގޮތުން ކުރިޔަށް އޮތް މަޖިލީސް އިންތިހާބު އޮންނާނީ މިއަދުން ފެށިގެން ވިހި ދުވަސް ތެރޭގައި އެވެ.
އިންތިހާބު ބާއްވަން ނިންމާފައިވަނީ މި އަންނަ މަހުގެ 17 ވަނަ ދުވަހު ނަމަވެސް އެ ދުވަސް ދިމާވަނީ ރޯދަ މަހާއި އެވެ. އެހެންކަމުން އިދިކޮޅު އެމްޑީޕީން ވަނީ މަޖިލީހުން އިންތިހާބު ރޯދަ މަސް ތެރޭގައި ނުބޭއްވޭނެ ގޮތަށް ގާނޫނު އިސްލާހު ކުރަން ހުށަހަޅާފައި އެވެ. އެ ގާނޫނުގައި ވާގޮތުން އެންމެ އަވަހަށްވެސް ދެން އިންތިހާބު ބޭއްވޭނީ މި އޭޕްރީލް މަހުގެ 20 ވަނަ ދުވަހު އެވެ.
މިކަމާއި ގުޅިގެން ރައީސް އަދި އެއްޗެއް ވިދާޅުވެފައިއެއް ނުވެއެވެ. ނަމަވެސް ރައީސް ރަށްތަކަށް ކުރައްވާ ދަތުރުތަކުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވެފައި ވަނީ ރައްޔިތުން ބޭނުންވާ ތަރައްގީ ކަށަވަރު ކުރުމަށް މި "އަންނަ މަހު" ބާއްވަން ނިންމާފައިވާ މަޖިލީސް އިންތިހާބުގައި ސަރުކާރަށް މެޖޯރިޓީ ލިބުން މުހިންމު ކަމަށެވެ.
ގާނޫނުއަސާސީގައިވާ ގޮތުން މަޖިލީހުން ބިލެއް ފާސް ކުރާތާ ހަތް ދުވަސް ތެރޭގައި އެ ބިލު ތަސްދީގު ކުރުމަށް ރައީސް އަށް ފޮނުވަން ޖެހެއެވެ. އަދި އެ ބިލު ލިބޭތާ 15 ދުވަސް ތެރޭގައި ތަސްދީގު ކުރަން ވާނެއެވެ. ރައީސް އެ ބިލު ތަސްދީގު ނުކުރައްވައި އަނބުރާ ފޮނުވާލަން ބޭނުންވާ ނަމަ ވެސް އެ 15 ދުވަސް ތެރޭގައި މަޖިލީހަށް ބިލު އަނބުރާ ފޮނުވާލަން ޖެހެއެވެ.
ރައީސް ބިލު އަނބުރާ ފޮނުވާލުމުން އެއްވެސް ބަދަލެއް ނުގެނެސް އަލުން ފާސް ކުރުމުގެ ފުރުސަތު ވެސް މަޖިލީހަށް ލިބެއެވެ. އެގޮތަށް ދެވަނަ ފަހަރަށް މަޖިލީހުގެ އަގުލަބިއްޔަތުން ބިލު ފާސް ކޮށްފި ނަމަ ރައީސް އެ ބިލު ތަސްދީގު ކުރައްވަން ޖެހިވަޑައިގަންނަވާނެ އެވެ.