ads
ހަނިމާދޫ އެއާޕޯޓްގެ ކުރެހުމެއް
ހަނިމާދޫ އެއާޕޯޓު ފީސަބަލް ކުރުމަށް 8000 އެނދު ބޭނުން: ރައީސް
ހަނިމާދޫ އެއާޕޯޓު ފީސަބަލް ކުރުމަށް ނުވަތަ ފައިދާއެއް ހޯދަން 8،000 އެނދު ބޭނުންވާ ކަމަށާއި އެކަން ކުރެވޭނީ 2.4 ބިލިއަން ޑޮލަރުގެ އިންވެސްޓްމެންޓް އުތުރުގައި ކުރިއަށް ގެންގޮސްގެން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް ރާއްޖޭގެ އުތުރަށް ކުރައްވާ ދަތުރުފުޅުގައި މިއަދު ހެނދުނު ހަނިމާދޫގައި ބޭއްވި ޖަލްސާގައި ވިދާޅުވީ މި ރަށު އެއާޕޯޓް ތަރައްގީކުރަން ކުރީގެ ސަރުކާރުން ބޮޑު އިންވެސްޓްމަންޓެއް ކޮށްފައި އޮތް ނަމަވެސް، އެއީ އަސްލު އަގަށް ވުރެ އެތައް ގުނައެއް ބޮޑުކޮށް ހިންގާ މަޝްރޫއެއް ކަމަށެވެ. އަދި މި އެއާޕޯޓް ތަރައްގީކުރަނީ އެ އަގާ އަޅާބަލާއިރު، މަޝްރޫއު ހިންގަން ޖެހޭ ސްކޭލަށް ވުރެ މާ ކުޑަކޮށް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. 

ރައީސް ޑރ. މުއިއްޒު ވިދާޅުވީ އެއާޕޯޓު މަސައްކަތް މުހިންމުވަނީ މި ސަރަހައްދަށް ފަތުރުވެރިކަން ފުޅާކޮށް 8،000 އަށްވުރެ ގިނަ ފަތުރުވެރިކަމުގެ އެނދު ތަރައްގީކުރުމަށް ކަމަށެވެ.

ނަމަވެސް ކުރީ ސަރުކާރުން އެއާޕޯޓު މަސައްކަތް ހަވާލުކޮށްފައި އޮތީ އެވަރު ކެޕޭސިޓީއަކަށް ޚިދުމަތްދޭ ފެންވަރަށް ވަސީލަތް ގާއިމްވާ ގޮތަށް ނޫންކަމަށް ވިދާޅުވިއެވެ. ނަމަވެސް އަގު އެތައް ގުނައެއް ބޮޑުކަމަށް ވިދާޅުވި އެވެ

"ދެގުނަ ތިންގުނަ އަގުބޮޑުކޮށް ހަދަމުން ދާއިރުގައި ހަގީގަތުގައި މި ޕްރޮޖެކްޓު ފޯމިއުލޭޓު ވެގެން ފެށިގެން މިދިޔަ ސަރުކާރުގައި އައިއިރުގައި އެ ވަަރަށް ވިސްނައި ނުލައި، ނޫނިއްޔާ ކޮން ވިސްނުމަކުން ކަމެއް ނޭނގޭ އެހައި ސްކޭލް ކުޑަކޮށް އެ މަސައްކަތް ފަށައިފައި އެއޮތީ. އަޅުގަނޑުގެ ސިޔާސަތެއް ނޫން، އަޅުގަނޑުމެން ސަރުކާރުގެ ސިޔާސަތެއް ނޫން އެހާ ސްކޭލް ދަށްކޮށް އެކަން ކުރުން،" ރައީސް ވިދާޅުވި އެވެ.

ހަނިމާދޫ އެއާޕޯޓުގައި ހަދަމުން އަންނަ އާ ރަންވޭގެ އެއް ބައި ނިންމައި ބޭނުންކުރަން ފެށީ މިދިޔަ މަހު އެވެ. ތިން ފިޔަވައްސަކަށް ބަހާލައިގެން މިހާރު ހަދަމުން އަންނަނީ 2،460 މީޓަރުގެ ރަންވޭއެކެވެ. އެ ރަންވޭ އިން މިހާރު ނިމިފައިވަނީ 1،200 މީޓަރެވެ.

މި އެއާޕޯޓް ޕްރޮޖެކްޓަށް އިންޑިއާގެ އެގްޒިމް ބޭންކުން ވަނީ 136 މިލިއަން ޑޮލަރު (ދެ ބިލިއަން ރުފިޔާ) ލޯނު ހަމަޖައްސައިދީފަ އެވެ. އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ ގޮތަށް ހަދަމުން އަންނަ މި އެއާޕޯޓުގެ ރަންވޭގެ އެއްކޮށް ނިމުމުން، އޭ320 އަދި ބޮއިން737 ބޯޓުތައް ވެސް ޖެއްސޭނެ އެވެ.

މީގެއިތުރުން މި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ވެރިކަމާ ހަވާލުވިފަހުން މިވީ ތިން މަސްދުވަހުގެ ތެރޭގައި މަޖިލީހުގެ ތެރެއިން ފެނުނީ ޣައިރުޒިންމާދާރު ގޮތެއްގައި މަސައްކަތްކުރިތަން ކަމަށާއި ކުރިއަށްއޮތްތަނުގައި އެކަން ތަކުރާރުވުމަށް ބޭނުން ނުވާ ކަމަށެވެ.

ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުރިހަމައަށް ފުއްދަވާނެކަން ފާހަގަ ކުރައްވާ ރައީސް މުއިއްޒު ވިދާޅުވީ އެކަން ކުރުމުގައި މަޖިލީހުގެ ފުރިހަމަ އެއްބާރުލުން ބޭނުންވާނެ ކަމަށެވެ. މަޖިލީހަކީ ސަރުކާރަށް އެއްބާރުލުންދޭ މަޖިލީހަކަށް ވާންޖެހޭ ކަމަށާއި އެހެން ނޫންނަމަ ތަރައްގީ ފަހަތަށް ޖެހޭލެއް އަވަސް ކަމަށް ރައީސް ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް