ads
އުތުރުގެ ހަތަރު އަތޮޅު ތަރައްގީކުރެވިގެން ދާނީ ޑިވެލޮޕްމަންޓު ޒޯނެއްގެ ގޮތުގައި: ރައީސް
އުތުރުގެ ހަތަރު އަތޮޅު ތަރައްގީކުރެވިގެންދާނީ ޑިވެލޮޕްމަންޓު ޒޯނެއްގެ ގޮތުގައިކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މުއިއްޒު މިހެން ވިދާޅުވީ އެމަނިކުފާނު ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށް ކުރައްވަމުންދާ ދަތުރުފުޅުގައި މިއަދު ހދ. ހަނިމާދުއަށް ވަޑައިގެން އެރަށުގައި ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި އެވެ.

ރައީސް ވިދާޅުވީ، ދެމެހެއްޓެނިވި ތަރައްގީ ހާސިލުވާނެ ގޮތަކީ ރާއްޖޭގެ އެކި ސަރަހައްދުތައް ޕްލޭންކޮށް، ސަރަހައްދީ ތަރައްގީ ގެނެސްގެންކަން ކަމަށާއި އުތުރުގެ ހަތަރު އަތޮޅު ޑިވެލޮޕްމަންޓު ޒޯނެއްގެ ގޮތުގައި ތަރައްގީކުރާއިރު ދެކުނުގެ 4 އަތޮޅުވެސް ޑިވެލޮޕްމަންޓް ޒޯނެއްގެ ގޮތުގައި ބަލައިގެން ތަރައްގީކުރާނެކަމަށާއި، ހަމައެހެންމެ މެދުރާއްޖެ ތެރޭގައި 7 ސަރަހައްދެއް އަރބަން ސެންޓަރުތަކެއްގެ ގޮތުގައި ތަރައްގީކުރައްވާނެކަމަށެވެ.

ރައީސް ވިދާޅުވީ އުތުރުގެ 4 އަތޮޅު ހިމެނޭ ތަރައްގީގެ ޒޯނުގެ ތެރޭގައިވެސް އާބާދީއާ އެއްފަސްކުރެވޭ އަދި އިސްކަންދޭ ރަށްތަކެއް ހިމެނޭނެކަމަށާއި، އޭގެތެރެއިން ހަނިމާދޫއަކީ ހާއްސަ އިސްކަމެއް ދެއްވާނެ އަދި ތަރައްގީގެ ސިޔާސަތުގައި ގިނަ ކަންތައްތަކެއް ހިމެނޭ ރަށެއްކަމުގައެވެ.

"އެއާޕޯޓު މިހާރު ތަރައްގީކުރެވިގެން ދަނީ އެންމެ ބޭނުންވާ ފުޅާ ދާއިރާއެއްގައި ނުވަތަ ސްކޭލްގައި ނޫން. އެހެންކަމުން ރަންވޭ މިހާރަށްވުރެ 700 ވަރަކަށް މީޓަރު ދިގުކުރުމަށް އެއާޕޯޓުގެ ލޯނު ހަމަޖެއްސި ފަރާތާ މަޝްވަރާ ކުރާނަން" "މިހާރު ކުރިއަށްދާ އެއާޕޯޓު ތަރައްގީކުރުމުގެ މަސައްކަތަށް އިޝާރާތްކުރައްވައި ރައީސް ވިދާޅުވި އެވެ.

ހަނިމާދޫއާއި އަދި އިތުރު ދެރަށެއްގެ ހޮސްޕިޓަލް ތަރައްގީކުރުމުގެ މަޝްރޫއުގައި ކުރިން ސޮއިކޮށްފައި އޮތީ ކުވޭތު ފަންޑުގެ ހިލޭ އެހީގެ ދަށުން އެ މަސައްކަތްކުރުމަށް ކަމަށާއި، ނަމަވެސް ކުރީގެ ސަރުކާރުގެ އިހުމާލުން އެ ފަންޑު ދޫކުރި ފަރާތުން ފަންޑު އަނބުރާ ގެންގޮސް، އެ މަޝްރޫޢު ކުރިއަށް ގެންދެވޭގޮތްނުވެ އޮތްކަން ރައީސް ފާހަގަކުރެއްވި އެވެ. 

"ކުވެއިތު ފަންޑުން ހިލޭ އެހީ ހަމަޖައްސައްދީފައި އޮތީ. މިދިޔަ ސަރުކާރުން އެ ފަންޑުގެ ބޭނުން ނުކޮށް މި ޕްރޮޖެކްޓުތައް ހިންގުން ލަސްކުރަމުން ލަސްކުރަމުން ގޮސް، ކުވެއިތު ފަންޑުން އެންމެފަހުން ފަންޑު އަނބުރައި ގެންދިޔައީ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ކޮންމެ އިދާރާއެއްގައި ވެސް މާލީ އެހީ ދިނުމުގެ ނިޒާމުތަކެއް އޮންނަ ކަމަށެވެ. ނަމަވެސް ކުރީ ސަރުކާރުގެ" ފަރުވާކުޑަކަމުގެ" ސަބަބުން އެ ފަންޑު ގެންދިޔައީކަމަށް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ މިއީ ސަރުކާރެއްގައި ކަންކަން ބޮއްސުންލައިގެން ދާނެ މިންވަރުގެ މިސާލެއް ކަމަށެވެ. ނަމަވެސް މި ސަރުކާރުން އެ މަޝްރޫއުތައް އަލުން ގެނެސް ހިންގޭތޯ މަސައްކަތްކުރާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އެގޮތުން ރައީސް ވިދާޅުވީ މި ސަރުކާރުން ހަނިމާދޫގައި ރަނގަޅު ފެންވަރުގެ ހޮސްޕިޓަލެއް ގާއިމުކޮށްދެއްވާނެ ކަމަށާއި އެ މަޝްރޫއު ކުރިއަށް ގެންދާނީ ސަރުކާރުގެ ސަރަހައްދީ ތަރައްގީގެ ސިޔާސަތުގެ ދަށުން، އެވިސްނުމުގައި ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް