ads
ރައްޔިތުންގެ މަޖިލިސް --
ހުވައެއް ކުރިޔަސް ގޮނޑި ލިބުމުން ޕާޓީގައި މަޑުކުރާނެބާ؟!
ކުރިޔަށް މިއޮތް ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީންގެ ފަރާތުން ވާދަ ކުރާ ކެނޑިޑޭޓުންނާއި ޓިކެޓު ހަވާލުކުރުމަށް ބޭއްވި ރަސްމީޔާތުގައި އެ ކެންޑިޑޭޓުން ވަނީ ގޮނޑި ލިބުނުކަމުގައިވި ނަމަވެސް ޕާޓީ ދޫކޮށް އެހެން ޕާޓީއަކަށް ބަދަލު ނުވާން "ހުވާ" ކޮށްފަ އެވެ.
Advertisement

އުފެދޭ ސުވާލަކީ މިވަރުގެ ކަމެއް ކުރުމުންވެސް މި މެންބަރުންނައް ގޮނޑި ލިބުމުން އެ މީހުންނައް އެންމެ ގިނައިން ދޭ ކޮޅަކަށް ބަދަލުވުމުން ހުއްޓުވޭނެތޯ އެވެ...؟

މާޒީގައި ކަން ހިންގާފައި އޮތް ގޮތަށް ބަލާ ނަމަ އެންމެ ވަރުގަދަޔަށް ޕާޓީގައި މަސައްކަތް ކުރަމުން އައިސްފައިވާ މެމްބަރުނަށް ގިނައިން އަނެއްކޮޅުން ދޭން ބުނުމުން ބަދަލުވާތަން ވަނީ ފެނިފަ އެވެ. އަދި ބަދަލުވެސް ވަނީ ވެފަ އެވެ.

އެ ގޮތުން އެމްޑީޕީގެ ތެރޭގައި އުފެދުނު ހިޔާލު ތަފާތުވުންތަކުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމަނިކުފާނަށް ތާއީދުކުރައްވާ 13 މެންބަރަކު އެމްޑީޕީ ދޫކޮށް ދަ ޑިމޮކްރެޓްސް އުފެއްދި އެވެ. މީގެ އިތުރުން އެމްޑީޕީގެ 13 މެންބަރަކު މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ވަނީ ވެރިކަންކުރާ ޕީއެންސީއާ ގުޅިވަޑައިގެންފަ އެވެ.

ގޮނޑި ވިއްކުމުގެ ކުޅިވަރު ހުއްޓުވުމަށް އެންޓި ޑިފެކްޝަން ބިލް އަލުން ގާނޫނަކަށް ހަދަން ޖެހޭ ކަމީ އެއްވެސް ސައްކެއްނެތި އެންމެންވެސް ގަބޫލު ކުރާނެ ކަމެކެވެ.

your imageއެމްޑީޕީ ކެނޑިޑޭޓުން ވަނީ އިންތިހާބު ވެއްޖެނަމަ ޕާޓީގައި ދެމިތިބޭނެކަމަށް ހުވާކުރަައްވާފައި—

އެންޓި ޑިފެކްޝަން ގާނޫނުން ވަކި ޕާޓީީއެއްގެ ޓިކެޓުގައި މަޖިލީސް ކާމިޔާބުކޮށްފިނަމަ އެ ޕާޓީ ދޫކޮށް އެހެން ޕާޓީ އަކަށް ސޮއި ކުރާ ހިސާބުން އެ މެމްބަރެއްގެ ގޮނޑި ގެއްލޭނެ އެވެ. 

ހަމައެކަނި އެ ފަދަ ބިލެއް ގެނެސްގެންވެސް އެކަން ހުއްޓުވޭކަން ނެތެވެ. 

އެ ފަދަ ގޮތަކަށް ޕާޓީ ބަދަލުކުރާ މީހުންނާއި ދެކޮޅަށް ރައްޔިތުންނައް ރިކޯލް ވޯޓެއް ނެގޭނެ ފަދަ ގޮތަކަށް ގާނޫނު ބައްޓަން ކުރުން ވަރަށް މުހިންމުކަމެއް ކަމަށް އެންމެން ގަބޫލުކުރާނެ އެވެ. 

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އިންތިހާބުވާ ޕާޓީ ބަދަލުކުރުން ހުއްޓުވާ، އެންޓި-ޑިފެކްޝަން ބިލް ރައްޔިތުންގެ މަޖިލީހަށް މިހާރު ވަނީ ހުށައެޅިފަ އެވެ. މިބިލް މަޖިލީހަށް ހުށަހެޅުއްވީ ބާރަށު ދާއިރާގެ އެމްޑީޕީ މެންބަރު އަހްމަދު އަބްދުﷲ އެވެ. މަޖިލީހުގެ ނިމުނު ހަފްތާގައި ބޭއްވި ޖަލްސާގައި ވަނީ މި ބިލު މަޖިލީހަށް ތައާރަފުކޮށް ފުރަތަމަ ކިޔުން އިއްވާފަ އެވެ. 

your imageރައީސް ޑރ. މުއިއްޒު ކެންޑިޑޭޓުންނާއި ބައްދަލުކުރެއްވުމުގެ ތެރެއިން 

ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެމްބަރަކު އެ ބޭފުޅަކު އިންތިޚާބުވި ޕާޓީން ވަކިވެއްޖެ ނަމަ، ވަކިކޮށްފި ނަމަ ނުވަތަ އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ، މަޖިލީހުގެ މެމްބަރުކަމުން ވަކިވާނެ ކަމަށް ޖުލައި 13، 2017 ގައި ސުޕްރީމް ކޯޓުން ހުކުމް ކުރީ ބަންޑާރަ ނައިބު ހުށަހެޅުއްވި ދުސްތޫރީ މައްސަލައަކާ ގުޅިގެންނެވެ. އެ ހުކުމުގައި އެންޓި ޑިފެކްޝަން ގާނޫނެއް ހަދަން މަޖިލީހަށް ލާޒިމް ވެސް ކުރި އެވެ.

އެންޓި ޑިފެކްޝަން ގާނޫނު މަޖިލީހުން ފާސްކޮށް، ރައީސް އަބްދުﷲ ޔާމީން ތަސްދީގު ކުރައްވާފައި ވަނިކޮށް އެ ގާނޫނާ މެދު އުފެދުނު ހިޔާލު ތަފާތުވުންތަކުގެ ސަބަބުން، އެއީ ބާތިލް ގާނޫނެއްގެ ގޮތުގައި ކަނޑައަޅަން އިދިކޮޅު ފަރާތްތަކުން ސުޕްރީމް ކޯޓަށް މައްސަލައެއް ވެސް ހުށަހެޅި އެވެ. އެކަމަކު، ސުޕްރީމް ކޯޓުން ކަނޑައަޅާފައި ވަނީ އެންޓި ޑިފެކްޝަން ގާނޫނަކީ ސައްހަ ގާނޫނެއްގެ ގޮތުގަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް އަމާޒުކޮށް ރައީސް ޔާމީންގެ ސަރުކާރު ދުވަސްވަރި މަޖިލީހުން ހެދި، އެންޓި ޑިފެކްޝަން ގާނޫނު އުވައިލަން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަޣުލަބިއްޔަތަކުން ފާސްކުރީ 01 ނޮވެމްބަރ 2018 ގައި އެވެ.

ކުރިން އަމަލުކުރި އެންޓި ޑިފެކްޝަން ގާނޫނުގައިވާ ގޮތުން، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލޭ ހާލަތްތަކުގެ ތެރޭގައި އެ މެމްބަރަކު ނިސްބަތްވާ ޕާޓީން ސުލޫކީ ފިޔަވަޅު އެޅުން ވެސް ހިމެނެ އެވެ. އަދި ޕާޓީގެ ވިޕްލައިނާ ހިލާފުވުމަކީ ވެސް މަޖިލީހުގެ ގޮނޑި ގެއްލޭނެ ހާލަތެއް ކަމަށް އެ ގާނޫނުގައި ބަޔާންކޮށްފައިވެ އެވެ.

މަޖިލީހަށް އިންތިހާބުވި ޕާޓީން ވަކިވެއްޖެ ނަމަ، ވަކިކޮށްފި ނަމަ ނުވަތަ އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ، މަޖިލީހުން ވަކިވާނެ ކަމަށް ކަނޑައަޅައި މަޖިލީހުން ހެދި އެންޓި ޑިފެކްޝަން ގާނޫނު އުވައިލަން ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 54 މެމްބަރުންގެ ތެރެއިން 37 މެމްބަރުންގެ އަގުލަބިއްޔަތުންނެވެ.

އެންޓި ޑިފެކްޝަން ގާނޫނު އުވައިލުމާ ދެކޮޅަށް 17 މެމްބަރުން ވަނީ ވޯޓު ދެއްވައިފަ އެވެ. ވަކި ގޮތަކަށް ވޯޓު ނުދެއްވާ ފަސް މެމްބަރަކު އިންނެވި އެވެ.

your imageގޮނޑި ގެއްލުނު ކަމަށް އީސީން ކަނޑައެޅި މެމްބަރުން ރައީސް މައުމޫނާއެކުގައި. --ފޮޓޯ: މިހާރު

އެންޓި ޑިފެކްޝަން ގާނޫނު އުވާލުމަށް މަޖިލީހުގައި ވަކާލާތު ކުރެއްވި މެމްބަރުންގެ އެދުވަހުގެ ސިޔާސީ ތަރުޖަމާއަކީ "އެންޓި ޑިފެކްޝަން ގާނޫނު" ފާސްކުރީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ދަމަހައްޓަން ކަމަށެވެ. އަދި އެންޓި ޑިފެކްޝަން ގާނޫނަކީ ބަރުލަމާނީ ސިފަތައް އެކުލެވިގެންވާ ގާނޫނަކަށް ވެފައި، މި ގާނޫނުގެ ސަބަބުން ރައްޔިތުންގެ ހައްގުތަކެއް ގެއްލިގެންދާ ކަމަށާއި ގާނޫނު އެކުލަވާލާފައި ވަނީ މާޒީއަށް އަމަލު ކުރެވޭ ގޮތަށް ކަމުގައިވާތީ ގާނޫނު އެކުލަވާލާފައިވަނީ އުސޫލުތަކާ ހިލާފަށް ކަމަށް ވެސް ބައެއް މެމްބަރުން ފާހަގަ ކުރެއްވި އެވެ.

ޕާޓީ ބަދަލުކުރާ މެމްބަރުންގެ ގޮނޑި ގެއްލޭނެ ގޮތަށް އަމަލުކުރާ އެހެން ގިނަ ގައުމުތަކުގައި ވެސް ބަދަލު ގެނެސްފައި ހުރީ ގާނޫނު އަސާސީ އިސްލާހު ކޮށްގެންނެވެ. ރާއްޖޭގެ ގާނޫނު އަސާސީގައި މެމްބަރުކަމުގެ ގޮނޑި ގެއްލޭނެ ހާލަތްތައް ބަޔާން ކޮށްފައި އޮތްއިރު، ގާނޫނު އަސާސީ އިސްލާހު ކުރުމެއް ނެތި، ގާނޫނަކުން އެފަދަ ބަދަލެއް ގެނައުމަކީ، އެއް ބައެއްގެ ނަޒަރުގައި، ގާނޫނު އަސާސީގެ ބާރު ކަނޑުވާލުމެވެ.

ޕާޓީ ދޫކޮށް ހިނގައިދާނެ ކަމުގެ ބިރު އޮތްނަމަ އެމީހަކަށް ޕާޓީ ޓިކެޓުގައި މަޖިލީހަށް ވާދަ ކުރުމުގެ ފުރުސަތު ދިނުމުގެ ބޭނުމަކީ ކޮބާތޯ އެވެ. 

your imageޕީއެންސީއަށް ސޮއިކުރެއްވި މެމްބަރުން އެ ޕާޓީގެ ރައީސް ޑރ. މުހައްމަމު މުއިއްޒު އާއެކު—

ދެން އުފެދޭ ސުވާލަކީ ހަމަ އެކަނި ހުވައެއް ކޮށްގެން މި މެމްބަރުން ޕާޓީގައި ދެމި ތިބޭނެ ކަމުގެ ކިހާ ޔަގީން ކަމެއް ޕާޓީގެ ލީޑަސިޕް އަށް އެބަ އޮތްތޯ އެވެ. އެބޭފުޅުންނަށް ސިޔާސީ އިތުބާރު ހުވަޔަކުން އަހުދުވީ ތޯ އެވެ.

މިކަމާއި ގުޅިގެން ސުވާލު ކުރުމުން ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހްމަދު އީސަ ވިދާޅުވީ ކުރިޔަަށް އޮތް ތަނުގައި މަޖިލީސް ކާމިޔާބު ކުރާ ކެނޑިޑޭޓުން ޕާޓީ ބަދަލު ކުރުމަށް ފުރުސަތު ނުދިނުމަށް މަޖިލީސް ތެރެއިންވެސް ކުރެވެން ހުރި ކަންކަން ކުރިޔަށްގެންދާނެ ކަމަށެވެ.

"އެ މެމްބަރުންލައްވާ ހުވާ ކުރުވީ ކޮންމެހެން އެ ބޭފުޅުންނައް އިތުބާރު ނުކުރާތީ އެއް ނޫން. އެބޭފުޅުންނައް ފުރިހަމަ އަށް އަޅުގަނޑުމެންގެ ޕާޓީގެ އާންމު މެމްބަރުންވެސް އަދި ލީޑާސިޕް ވެސް ފުރިހަމައަށް އިތުބާރު ކުރޭ. އާންމުންގެ ކަންބޮޑުވުމެއް އެންމެ ކުރިންސުރެވެސް އެއީ ވަކި ޕާޓީއެއްގެ ޓިކެޓުގައި އެ މެމްބަރުން މަޖިލީހަށް ހޮވުމުން އެ މެމްބަރުންގެ އަމިއްލަ އެދުމަކަށް އެ ޕާޓީ ދޫކޮށް އެހެން ޕާޓީ އަކަށް ގުޅުން އެއީ. އަސްލު ކޮންމެ ޕާޓީއެއްގެ އާންމު މެމްބަރުންވެސް ވަރަށް ބުރަ މަސައްކަތެއް ކޮށްގެން އެ ޕާޓީގެ ކެނޑިޑޭޓަށް މަޖިލީސް ކާމިޔާބު ކޮށްދެނީ. އެހެން ވީ އެމްޑީޕީން އެކަން އެގޮތަށް ނުވާނެ ކަމުގެ ޔަގީންކަން ރައްޔިތުނަށް ދިނުމަށް އެކަން އެގޮތަށް ކުރީ" މަޖިލިސް އިންތިހާބުގެ ތަރުޖަމާނު ކަންވެސް ކުރައްވާ އީސަ ވިދާޅުވި އެވެ.

ސަބަބަކީ މަޖިލީހުގެ މެމްބަރުގެ ހުވާ ކުރާ އިރު ރައްޔިތުންގެ ހައްގުގައި ވަކާލާތު ކުރުމަށް ﷲ ގަންދީ ހުވާ ކުރުމަށް ފަހުވެސް ހަމަ އެ މެމްބަރުން އެ ހުވަޔާއި ހިލާފަވެ މަދު ލާރިކޮޅަކަށް ރައްޔިތުންނައް ނިކަމެތިިކަން ލިބޭފަދަ ގޮތަކަށް ކަންކަން ނިންމަމުންދާތީ އެވެ. ދެން މި ފަދަ ބަޔަކު ޕާޓީގައި ދެމި ތިބުމަށް ހުވާ ކުރުމުން އެކަން އަޅުގަނޑުމެން އާންމު ރައްޔިތުންނައް ވާނީ ހަމަ ބޮޑު ޖޯކަކަށެވެ. 

މަޖިލީހުގެ މެންބަރުންނާ މެދު ރައްޔިތުންގެ މެދުގައި އޮންނަ ތުހުމަތާއި ނުތަނަވަސްކަން ދުރުކޮށް، ގަނެ ވިއްކޭ ބައެއްގެ ގޮތުގައި މެންބަރުން ނުތިބުމަށް ވެސް މިއީ މުހިންމު ކަމެކެވެ. 19 ވަނަ މަޖިލީހުގެ ދައުރު ހަމަވެ 20 ވަނަ މަޖިލިސް އިންތިހާބު ކުރުމުގެ މަރުހަލާއާ ކައިރިވެފައިވާއިރު، އޭގެ ކުރިއަށް އެންޓި-ޑިފެކްޝަން ގާނޫނެއް ގެނުމަކީ ހުރިހާ ސިޔާސީ ފަރާތްތަކުން ވެސް ގަބޫލު ކުރާ ގޮތުގައި މުހިންމު ކަމެކެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް