ads
އިމާރާތްތައް މަރާމާތުކުރަން ތަމްރީނު ލިބިފައިވާ މީހުން ތިބުން މުހިންމު: ޑރ. ހައިދަރު
އުސް އިމާރާތްތަކުގެ މެއިންޓަނަންސް ބެލެހެއްޓުމަށް ތަމްރީން ލިބިފައިވާ މީހުން ތިބުން މުހިންމު ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު ވިދާޅުވެއްޖެ އެވެ.

އިމާރާތްތަކާ ގުޅޭ ކަންކަމަށް ހޭލުންތެރިކުރުމަށް ކުރިއަށް ގެންދިޔަ ސްޓްރާޓާ މެނޭޖްމަންޓް ކޯސް ނިންމުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ހައިދަރު ވިދާޅުވީ އުސް އިމާރާތްތަކުގައި މީހުން ދިރިއުޅެމުން ދިޔަ ނަމަވެސް އެ އިމާރާތްތަކުގެ މެއިންޓަނަންސްގެ މަސައްކަތަށް ޒިންމާވާނެ ބަޔަކު ނެތް ކަމަށެވެ.

"ޕްރޮޕަޓީ މެއިންޓަނަންސަކީ ބޮޑެތި ކުންފުނިތަކަށްވެސް ކުރެވިދާނެ ކަމެއް. ނޫނީ ވަކި ފަރުދުންނަށްވެސް ކުރެވިދާނެ ކަމެއް،" ހައިދަރު ވިދާޅުވި އެވެ.

މިނިސްޓަރު ވަނީ އިމާރާތްކުރުމާބެހޭ ދާއިރާގެ އެކި ލެވެލްގެ ކޯސްތައް ކުރިއަށް އޮތްތަނުގައި ކުރިއަށް ގެންދަވާނެ ކަމަށް ވިދާޅުވެފަ އެވެ. ސްޓްރާޓާ މެނޭޖްމަންޓް ކޯހަކީ ރާއްޖޭގައި ކުރިއަށް ގެންދެވުނު އާ ދާއިރާއެއްގެ ކޯހެކެވެ. މި ކޯހުގެ ބޭނުމަކީ އިމާރާތްކުރުމަށް ޑިވެލޮޕަރުންނަށް ފުރުސަތު ފަހިކޮށްދިނުމެވެ.

މި ކޯސް ކުރިއަށް ގެންގޮސްފައިވަނީ ގައުމީ ޔުނިވާސިޓީ އާއި ހަޔާ އެޑިއުކޭޝަން މިނިސްޓްރީ އަދި ހައުސިން މިނިސްޓްރީ ގުޅިންނެވެ.

ރާއްޖޭގައި މީހުން ދިރިއުޅެނީ އުސް އިމާރާތްތަކުގައިކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ އެތަންތަނުގެ މެއިންޓަނަންސްގެ މަސައްކަތުގައި ޒިންމާވާނެ ބަޔަކު ނެތް ކަމަށެވެ. އެހެންކަމުން މުސްތަގްބަލުގައި އިމާރާތްކުރުމާ ބެހޭ ދާއިރާގެ އެކި ލެވެލްތަކުގެ ކޯސްތައް ކުރިއަށް ގެންދަވާނެ ކަމަށް ހައުސިން މިނިސްޓަރު ވިދާޅުވި އެވެ.

މި ދާއިރާއިން ކޯސްތައް ކުރިއަށް ގެންގޮސް އިމާރާތް ބެލެހެއްޓުމާއި އިމާރާތް މެނޭޖުކުރުމާއި ގަނެވިއްކުމަށް ބޭނުންވާ ތަމްރީނުވެފައިވާ ބަޔަކު އުފެއްދޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް ހައުސިން މިނިސްޓަރު ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް