ads
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް - ފޮޓޯ:ރައްޔިތުންގެ މަޖިލިސް
ވައުދުތައް ނުފުއްދާ ކަމަށް ބުނެ ކުއްލި މައްސަލައެއް
ސަރުކާރުގެ ފުރަތަމަ 14 ހަފުތާގެ ތެރޭގައި ކުރަން ވައުދުވި ކަންކަމުގެ ތެރޭގައި ހިމެނޭ ކަންކަން ފުއްދިފައިވާ ކަމަށް ބުނެ، އާންމުކޮށްފައިވާ މައުލޫމާތަކީ ދެކޮޅު ނުޖެހޭ އޮޅުވާލުންތަކެއް ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް މިއަދު ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.

މި މައްސަލަ މިއަދު މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު މީކާއިލް އަހުމަދު ނަސީމެވެ. މައްސަލަ ހުށަހަޅުއްވަމުން އޭނާ ވިދާޅުވީ 100 ދުވަހުގެ ވައުދުތަކުގެ ތެރެއިން 35 ޕަސެންޓް ވައުދު ފުއްދާފައިވާ ކަމަށް ސަރުކާރުން ބުނި ނަމަވެސް އެއީ ބޮޑު ދޮގެއް ކަމަށެވެ.

"މައުލޫމާތު އިތުރަށް ދިރާސާކުރުމުން 59 އިންސައްތަ ކަންކަން ހާސިލް ނުވާ ކަމަށާއި، 18.9 އިންސައްތަ އަކީ ދޮގުކަން އަދި ހާސިލްވެފައި ވަނީ އެންމެ 24.3 އިންސައްތަ މަސައްކަތްކަން އެނގޭ،" މީކާއިލް ވިދާޅުވި އެވެ.

 

މީގެ އިތުރުން، މި މައްސަލައިގައިވަނީ ރާއްޖޭގެ އިގުތިސާދާ ގުޅޭ ގޮތުން ހުރި ކަންބޮޑުވުންތައް ވެސް ފާހަގަކޮށްފަ އެވެ.

އެ މައްސަލައިގައި ބުނީ "ނިމިދިޔަ ސަރުކާރުން ބޭރު ގައުމުތަކުންނާއި ބައިނަލްއަގްވާމީ އިދާރާތަކުން ނަގާފައިވާ ދަރަނިތައް ރީފައިނޭންސް ކުރުމުގެ މަސައްކަތް ފަށާނެ ކަމަށް ބުނި ނަމަވެސް ޑެޓް ރީފައިނޭންސް ކުރުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދެވި (ސަރުކާރަށް) 100 ދުވަސް ނުވަނީސް ދައުލަތް ދަރުވާލައި އައިއެމްއެފްގެ ޕެކޭޖަކަށް އެއްބަސްވެފައިވާ ކަމަށް އަޑުފެތުރިފައިވާއިރު، އިވެސްޓްމެންޓް ޑިވަލޮޕްމެންޓް ބޭންކެއް ގާއިމުކުރުމަށް ބޭނުންވާ ޕޮލިސީ ފްރޭމްވޯކް އެކުލަވާލަން ރޭވި ނަމަވެސް މިއީ ކުންފުންޏާ ބެހޭ ގާނޫނުގެ ދަށުން ހަދާފައިވާ ޕޭޕަ ކޮމްޕެނީއެއްކަން ހާމަވެފައިވާ،" ކަމަށެވެ.

އަދި، އެކި ދާއިރާތަކުގެ އޮނިގަނޑު އިސްލާހު ކުރުމަށް މަޖިލީހަށް ހުށަހަޅާނެ ކަމަށް ބުނި ނަމަވެސް، 99 ޕަސެންޓް ބިލް ހުށަހަޅާފައި ނުވާ ކަމަށެވެ. އޭގެ ބަދަލުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންދަވަނީ މަޖިލީހުގެ ނިންމުންތަކަށް ގޮންޖައްސަވަމުން ކަމަށް ވެސް ވިދާޅުވި އެވެ.

"މިސަރުކާރުގެ ނާގާބިލްކަމާ ދޮގާ މަކަރާ އޮޅުވާލުމުގެ ސަބަބުން ދިވެހިރާއްޖެއަށް ދިމާވެދާނެ ހުރިހާ ނުރައްކަލަކުން ރައްޔިތުން ސަލާމަތް ކުރުމަށް ސަރުކާރަށް ގޮވާލަން،" މީކާއިލް ވިދާޅުވި އެވެ.

މިއަދުގެ މަޖިލިސް ޖަލްސާއަށް ހާޒިރުވެ ތިބި 59 މެންބަރުންގެ ތެރެއިން 43 މެންބަރުން ވަނީ މި މައްސަލައަށް ބަހުސް ކުރުމަށް ވޯޓު ދެއްވާފައެވެ. މައްސަލައާ ދެކޮޅަށް ވޯޓު ދެއްވީ 14 މެންބަރުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް