ރައީސުލްޖުމްހޫރިއްޔާ އަޒުލު ކުރުމުގެ މަރުހަލާތައް ބަޔާން ކުރާ މާއްދާތައް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުން ބަދަލު ކުރުމުން، އެކަން ބާތިލު ކުރުމަށް ބަންޑާރަ ނައިބުގެ އޮފީހުން ހުށަހެޅި ދުސްތޫރީ މައްސަލައިގެ ހުކުމް ކުރުމަށް ސުޕްރީމް ކޯޓުގައި ތާވަލުކޮށްފައިވަނީ މާދަމާ ހެނދުނު އެވެ.
ގާނޫނު އަސާސީގައިވާ ގޮތުން ރައީސާއި ނައިބު ރައީސް މަގާމުން ދުރުކުރެވޭނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ ތިން ބައިކުޅަ ދެ ބައި މެންބަރުންގެ ވޯޓުންނެވެ. 87 މެމްބަރުން ތިބެންޖެހޭ މި ދައުރަށް ބަލާއިރު އެއީ 58 މެމްބަރުންނެވެ.
އެހެންނަމަވެސް މަޖލީހުން ވަނީ އެ އަދަދު ގުނުމުގައި މަޖިލީހުން ހުސްވެފައިވާ ގޮނޑިތައް ނުގުނުމަށް ނިންމާ މަޖިލީހުގެ ގަވައިދަށް އިސްލާހު ގެނެެސްފައެވެ. މި ބަދަލު ގެނައީ އައު ސަރުކާރުގެ މަގާމުތަކަށް މަޖިލީހުގެ 6 މެމްބަރަކު މަޖިލީހުން ވަކިވެގެން އެ މަގާމުތަކަށް ދިޔުމުންނެވެ.
ރައީސް ވަކިކުރުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހުތަކަށް އަމަލުކުރުން މަޑުޖައްސާލަން ސުޕްރީމް ކޯޓުންވަނީ އަމުރުކޮށްފައެވެ.
ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ ތެރެއިން ތިން ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ނެރުއްވި އަމުރުގައިވަނީ މެމްބަރުންގެ އަދަދު ގުނާނެ ގޮތާ ބެހޭގޮތުން މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހު ގާނޫނު އަސާސީއާ ހިލާފް ކަމަށް ދައުލަތުން ތުހުމަތު ކުރާ ހާލަތެއްގައި، އެ އިސްލާހަށް އަމަލުކުރުން މަޑުޖައްސާލަން ޖެހޭ ކަމަށެވެ.
ސުޕްރީމް ކޯޓުން ވަގުތީ އަމުރެއް ނެރިފައިވަނިކޮށް އާންމު ކޮމިޓީން މިހާރު ވަނީ، މައްސަލަ ޖެހުނު އިސްލާހުތައް ކުރީގެ މާއްދާއިން އުނިކޮށް، މަޖިލިސް ގަވާއިދުގެ އެހެން މާއްދާއެއްގައި އެކަމާ ގުޅޭ އިސްލާހު ހިމަނަން ފާސްކޮށްފަ އެވެ.