ads
އިންތިހާބާ ބެހޭ ބިލް ދެންވެސް ތަސްދީގު ނުކުރައްވާނެ ކަމުގެ އިޝާރާތެއް..!
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު ފަސްކުރުމާ ބެހޭ ބިލް ދެންވެސް ތަސްދީގު ނުކުރައްވާނެ ކަމުގެ އިޝާރާތެއް ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވައިފި އެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު ފަސްކޮށް، ރޯދަމަސް ތެރޭގައި އެއްވެސް އިންތިހާބެއް ނުބޭއްވޭ ގޮތަށް އިންތިހާބާ ބެހޭ ގާނޫނަށް އިސްލާހު ގެނައި ބިލް ދެވަނަ ފަހަރަށް ރައްޔިތުންގެ މަޖިލިހުން މިއަދު ވަނީ ފާސްކޮށްފަ އެވެ.

ނަމަވެސް މިއަދު ނ. ހޮޅުދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ މަޖިލިސް އިންތިހާބު އޮންނާނީ މިހާރު ވެސް ކަނޑައަޅާފައިވާ ތާރީހުގައި ކަމަށް ދޭހަވާ ފަދަ އިބާރާތަކުން ވާހަކަފުޅު ދައްކަވާފަ އެވެ.

"17 މާޗްގަ އޮންނަ އިންތިހާބުގައި ތިޔަބޭފުޅުން ނިންމައި ދެއްވަންވީ މުސްތަގުބަލް." ރައީސް ވިދާޅުވި އެވެ.

ރައީސް މިހެން ވިދާޅުވުމުން، މަޖިލިސް އިންތިހާބު ފަސްކުރުމާ ބެހޭ ބިލް އަނެއްކާ ވެސް ތަސްދީގު ނުކުރައްވާ ފޮނުވާލައްވާނެ ކަމަށް ވަނީ ބެލެވެން ފަށާފަ އެވެ. މީގެކުރިން ވެސް ރައީސް މި ބިލް ތަސްދީގު ނުކުރައްވާ މަޖިލިހަށް ފޮނުވާލެއްވުމުގެ ކުރިން ރަށްރަށަށް ޒިޔާރަތް ކުރައްވައި، "މާޗް 17 ގައި އޮންނަ އިންތިހާބު" މި އިބާރާތް ބޭނުން ކުރައްވާފައިވެ އެވެ.

ރޯދަ މަސް ތެރޭ އިންތިހާބު ނުބޭއްވޭ ގޮތަށް ފާސްކުރި ބިލް ތަސްދީގު ނުކުރައްވައި ރައީސް ފޮނުވާލެއްވީ އެ ބިލް ގާނޫނުއަސާސީއާ ފުށުއަރާ ކަމަށް ވިދާޅުވެ، ފަސް ކަމެއް ފާހަގަކުރެއްވުމަށް ފަހު އެވެ. 

މީގެއިތުރުން މިއަދު ރައީީސް ވަނީ އިދިކޮޅު އެމްޑީޕީގެ މެންބަރުންނަށް ފާޑުވިދާޅުވެފަ އެވެ. އެ މަނިކުފާނު ވިދާޅުވީ ރައްޔިތުންގެ މަޖިލިހުން ޝަރުއީ ދާއިރާގެ މައްޗަށް ވެސް ބާރު ހިންގަމުންދާ ކަމަށާއި، ސުޕްރީމް ކޯޓުން ނެރޭ އަމުރަކީ ވެސް މަޖިލިސް ކުރިމަތީގައި އެއްވެސް އެއްޗަކަށް ނުވާ ކަމަށެވެ.

"ސުޕްރީމް ކޯޓުން އަމުރެއް ނެރުނަސް އެ އަމުރު ނުވޭ އެއްވެސް އެއްޗަކަށް ރައްޔިތުންގެ މަޖިލީހުގެ ކުރިމަތީގައި. މިއެއް ނޫން އަޅުގަނޑުމެން ދިވެހި ރައްޔިތުން ދެކެން ބޭނުންވި ދުވަހަކީ،" މަޖިލީހަށް ފާޑު ވިދާޅުވެ ރައީސް ހޮޅުދޫގައި ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުން އިންތިހާބުތަކާ ބެހޭ ގާނޫނަށް ގެނައި އިސްލާހުގައި އިންތިހާބުތަކާބެހޭ އާންމު ގާނޫނުގައި ނުވަތަ އެހެން ޤާނޫނެއްގައިވެސް އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް ރޯދަ މަހުގެ ދުވަހެއްގައި އިންތިހާބެއް ބާއްވައިގެން ނުވާނެކަމަށް ވަނީ ބަޔާން ކޮށްފަ އެވެ. އަދި ރޯދަމަހުގެ ދުވަހަކާއި އިންތިހާބު ދިމާވާނަމަ އެ އިންތިހާބެއް ބާއްވަންވާނީ ރޯދަ މަސް ނިމި 10 ދުވަސް ފަހުންކަމަށް ވެސް ވަނީ ބަޔާންކޮށްފައެވެ. އެހެންކަމުން މަޖިލީހުން ފާސްކުރި ބިލް ރައީސް ތަސްދީގު ކުރެއްވުމުން އަންނަ މަހުގެ 17 ވަނަ ދުވަހު ބާއްވާ މަޖިލިސް އިންތިހާބުގެ ތާރީހު ބަދަލުކުރަން ޖެހޭނެ އެވެ.

އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ތަސްދީގު ކުރުމަށް މަޖިލީހުން އަނެއްކާވެސް ރައީސްގެ އޮފީހަށް ފޮނުވާނެއެވެ. ގާނޫނުގައިވާގޮތުން ރައީސް މަޖިލީހަށް އަނބުރާ ފޮނުވާ ބިލަކަށް އެއްވެސް ބަދަލެއް ނުގެނެސް މަޖިލީހުން ފާސްކޮށްފިނަމަ ރައީސް އެ ބިލެއް ތަސްދީގު ކުރެއްވުމަށްފަހު ގެޒެޓު ކުރައްވަން ޖެހޭނެ އެވެ. 

ރައީސް މީގެ ކުރިން އެ ބިލު އަނބުރައި ފޮނުއްވައިލެއްވީ، އެ ބިލުގައި، ގާނޫނު އަސާސީގައި ކަނޑައަޅާފައިވާ އުސޫލުތަކާ ތައާރުޒުވާ ކަންކަމާއި، ގާނޫނު އަސާސީގައި ކަނޑައަޅާފައިވާ ގޮތުގެމަތީން އިންތިޚާބުތައް ބޭއްވުމާއި މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށް ހުރަސްއެޅިދާނެ ފަދަ އިޖުރާއާތުތައް ކަނޑައަޅާފައިވާކަން ދައުލަތުގެ ބަންޑާރަނާއިބު ފާހަގަކުރައްވައި، އެ ކަންކަން އިސްލާހުކުރުމަށް ބިލަށް ބަދަލުތަކެއް ގެންނަން ޖެހޭކަމަށް ބަންޑާރަނައިބު ލަފާދެއްވާފައިވާތީ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އެ ބިލް ފާސްކުރުމަށް ފަހު، މަޖިލީހުގެ އަގުލަބިއްޔަތު އޮތް އިދިކޮޅު އެމްޑީޕީން ވަނީ، ރައީސް މިއަދުން މިއަދަށް އެ ބިލް ތަސްދީގުކޮށް ނިންމަވަން ޖެހިވަޑައިގަންނަވާނެ ކަމަށް ފެންނަ ކަމަށް ބުނެފައެވެ. އަދި ގާނޫނު އަސާސީ ލާޒިމް ކުރާ ގޮތަކީ އެއީ ކަމަށާއި ސުޕްރީމް ކޯޓުން އެ މާއްދާ މާނަކޮށްފައި އޮތް ގޮތަކީ ވެސް އެއީ ކަމަށް އެ ޕާޓީން ބުންޏެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް