ads
އަނިޔާ ދިން މީހުންގެ ބަހަށް ޔާމީން ހެއްލިއްޖެ: އަބްދުއްރަހީމް
ކުރީގެ ރައީސް އަބްދުﷲ ޔާމީން މިހާރު މަސައްކަތް ކުރައްވަނީ އެމަނިކުފާނަށް އަނިޔާދިން މީހުންގެ ބަހަށް ހެއްލި، ސަރުކާރު ވައްޓާލުމަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރު އަދި ކޮންގްރެސް ޕާޓީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ނ. މަނަދޫގައި ރޭ އޮތް ޖަލްސާގައި ވާހަކަދައްވަމުން އަބްދުއްރަހީމް ވިދާޅުވީ، ޔާމީންގެ ވެރިކަން ނިމުމާ އެކުގައި އެ މަނިކުފާނަށް އަނިޔާދިނީ ކޮން ބަޔެއްކަން ރާއްޖޭގެ ރައްޔިތުން ދަންނާނެ ކަމަށެވެ.

"އޭރު ވެރިކަމުގައި ހުންނެވީ ކޮން ބޭފުޅެއްކަމެއް އަޅުގަނޑުމެން ދިވެހި ރައްޔިތުންނަކަށް ނޯޅޭނެ. އެކަމަކު އެބޭފުޅުން މިއަދު ނުކުމެ ވަޑައިގެން އެބަ ވިދާޅުވޭ ރައީސް ޔާމީން މިނިވަން ވުމަށް ހުރަސް އަޅުއްވަނީ ޑރ. [މުހައްމަދު] މުއިއްޒޭ. ވިދާޅުވާތީ އަޅުގަނޑު މި ދަންނަވަނީ މި ވަރު ނޭނގޭ ކުޑަކުދިން ހެއްޔޭ ރާއްޖޭގައި މިތިބީ،" އެމްޑީޕީގެ ވެރިކަމަށް އިޝާރާތް ކުރައްވައި އޭނާ ވިދާޅުވި އެވެ.

އަދި ވިދާޅުވީ އަނިޔާ ދިން މީހުންގެ ވާހަކަ އަނިޔާ ލިބުނު މީހުނަށް ގަބޫލުކުރެވި އެ އެންމެން އެކުގައި މި ސަރުކާރު ވައްޓާލުމަށް މަސައްކަތް ކުރާ ކަމަށެވެ.

ސަރުކާރުން ވައްޓާލުމަށް ބަޔަކު ކުރަމުންދާ މަސައްކަތަކީ ހެއްލުމެއްގެ ގޮތުގައި ސިފަކުރައްވާ އަދުރޭ ވަނީ އެއްގޮތަކަށް ވެސް އެކަހަލަ ހެއްލުމެއްގެ ދަށުގައި ނުވުމަށް ރައްޔިތުންނަށް ގޮވާލާފަ އެވެ. އަދި އެފަދަ ހެއްލުމެއްގެ ދަށުވެއްޖެ ނަމަ ރައްޔިތުންނާއި ގައުމަށް ގެއްލުންތަކެއް ލިބޭނެ ކަމަށްވެސް ވިދާޅުވި އެވެ.

"އެއްގޮތަކަށް ވެސް އެކަހަލަ ހެއްލުމެއްގެ ދަށުގައި ނުވާށޭ. ހެއްލުމެއްގެ ދަށުގައި ވެއްޖެއްޔާ ގެއްލުމެއް ލިބޭނެ. މިއީ ސުވާލެއް ވެސް އޮތް ކަމެއް ނޫން،" އަބްދުއްރަހީމް ވިދާޅުވި އެވެ.

މީގެ އިތުރުން، ރާއްޖޭގައި ރިޔާސީ ނިޒާމެއް ގާއިމުކޮށްފައިވީ ނަމަވެސް ރައީސްގެ "ހަތަރެސް ފައި ބަނދެވޭ ގޮތަށް" މަޖިލީހަށް ބާރުތައް ދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ރިޔާސީ ނިޒާމެއްގައި އެގޮތަށް ކަންތައް ކުރެވިގެން ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޑިސެމްބަރު 25، 2022ގައި 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ޔާމީން އަދިވެސް ހުންނެވީ ހުކުމުން ސަލާމަތްނުވެ އެވެ. މިދިޔަ ސަރުކާރުގެ ފަހު ކޮޅު، ޔާމީންގެ ޖަލު ބަންދަށް ބޮޑެތި ލުއިތަކެއްދީ ގޭބަންދަށް ބަދަލުކުރި ނަމަވެސް އެ މަނިކުފާނުގެ ހުކުމުގެ އިސްތިއުނާފު ހައިކޯޓުގައި ވަނީ ދިގުލައިގެން ގޮސްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް