ads
ރާއްޖެ އާއި ލަންކާއާ ދެމެދު ކުރާ އެއާ އެމްބިއުލާންސް ދަތުރުތަކުގައި ބޭނުންކުރާނެ ބޯޓު --- ފޮޓޯ/ހެލްތު މިނިސްޓްރީ
ރިޔާސީ ވައުދު: އެއާ އެމްބިއުލާންސްގެ ހިދުމަތް ދޭން ފަށައިފި
ދެ ބޯޓާއެކު ދިވެހި ސަރުކާރުގެ އަމިއްލަ ވަސީލަތްތައް ބޭނުންކޮށްގެން ރާއްޖޭގައި އެއާ އެމްބިއުލާންސްގެ ހިިދުމަތް މިއަދު ރަސްމީކޮށް ފަށައިފި އެވެ. އެއާ އެމްބިއުލާންސްގެ ހިދުމަތް ފެށުމަކީ ރައީސް މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެފުޅެކެވެ.

މީގެ ކުރިން ރާއްޖޭގެ އެކި ރަށްރަށުން ބަލި މީހުން އުފުލަން ބޭނުން ކުރަނީ މޯލްޑިވިއަންގެ ޗާޓަރު ފްލައިޓްތަކާއި އިންޑިއާގެ ވައިގެ އުޅަނދުތަކެވެ.

އެއާ އެމްބިއުލާންސްގެ ހިދުމަތް ދިނުމަށް ބޭނުންކުރަނީ މޯލްޑިވިއަންގެ ޑޭޝް 8-200 މަރުކާގެ ބޯޓަކާއި ސީޕްލޭނެކެވެ. ސީޕްލޭން ބޭނުން ކުރާނީ ދުވާލު ވަގުތު އެވެ. ސީޕްލޭންގެ އޮތް ފަސޭހަ އަކީ ކޮންމެ ރަށަކަށް ވެސް ފަސޭހައިން ކައިރި ކުރެވުމެވެ.

މި ދެ ބޯޓުގައި ވަނީ އެމަޖެންސީ ހާލަތުގައި ބަލި މީހަކަށް ފަރުވާ ދިނުމަށް ބޭނުންވާ ވަސީލަތްތަކާއި އާލާތްތައް ގާއިމުކޮށްފަ އެވެ.

މި ހިދުމަތް 24 ގަޑިއިރު ދިނުމަށް ހަމަޖެހިފައިވާއިރު ކުއްލި ހާލަތްތަކުގައި ފަރުވާ ބޭނުންވާ މީހާއަށް ފުރަތަމަ އަވަސް ފަރުވާ ދިނުމަށް ހަމަޖެހިފައިވަނީ ބަލި މީހާ އެވަގުތު އޮތް ހިސާބާ އެންމެ ގާތުގައި ހުންނަ ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލަކަށް ގެންގޮސްގެންނެވެ.

ހެލްތު މިނިސްޓްރީން ބުނީ މިއަދު ހިދުމަތް ދޭން ފެށި އެއާ އެމްބިއުލާންސްގައި ހިދުމަތް ދިނުމަށް 15 މީހަކު ތަމްރީންކޮށްފައިވާ ކަމަށެވެ. މީގެތެރޭގައި ހިމެނެނީ ފަސް ޑޮކްޓަރަކާއި ފަސް ނަރުހަކާއި މެޑިކަލް ޓެކްނީޝަނުންނެވެ.

your imageއެއާ އެމްބިއުލާންސްގެ ގޮތުގައި ބޭނުންކުރާ ބޯޓު.

އެއާ އެމްބިއުލާންސުގައި ރާއްޖެއިން ބޭރަށް ބަލި މީހުން އުފުލުމަށް ސަރުކާރުން އަމާޒު ހިފާފައިވާއިރު އެކަމުގެ މަޝްވަރާތައް ވަނީ ސްރީލަންކާއާ އެކު ކޮށްފަ އެވެ. މިހާރު ވަނީ ދެ ގަޑިއިރުން ބަލި މީހުން އުފުލުމަށް ލިބެން ޖެހޭ ހުއްދަތައް ލިބޭނެ އިންތިޒާމު ހަމަޖައްސައިފަ އެވެ. ކުރިން އެކަމަށް ގާތްގަނޑަކަށް އެއް ދުވަސް ނަގަ އެވެ.

ދުރު ގައުމުތަކަށް ވެސް އެއާ އެމްބިއުލާންސްގައި ބަލި މީހުން އުފުލުމަށް ސަރުކާރުން މަސައްކަތްކުރާއިރު އެކަން ކުރަން ޖެހެނީ އެކި ތަންތަނަށް ހުއްޓައިގެން ދާށެވެ.

ރާއްޖޭގެ ސިއްހީ ނިޒާމު ހަރުދަނާކޮށް ސިއްހީ ކުއްލި ފަރުވާގެ ހިދުމަތް ފުޅާކުރެއްވުމަކީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ މުހިއްމު ވައުދުފުޅެކެވެ. އެގޮތުން ސިއްހީ ކުއްލި އެހީ ބޭނުންވާ ހަލާތްތަކުގައި އިތުރު ބަޔަކަށް ބަރޯސާނުވެ، ހިދުމަތް ދިވެހީންނަށް ދެވޭނެ މަގުފަހި ކުރެއްވުމަކީ ރައީސް ހާއްސަ އިސްކަމެއް ދެއްވާކަމެކެވެ. މިއާއެކު މެޑިކަލް އިވެލުއޭޝަންގެ ދާއިރާ ހަރުދަނާވެ، އޭގެ ފައިދާ މުޅި ސިއްހީ ނިޒާމަށް ކުރާނެކަމަށްވެސް ރައީސް ވަނީ މީގެކުރިން ފާހަގަކުރައްވާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް