ads
އެމްޑީޕީން ބޭއްވި ޖަގަހަ ޖަލްސާގައި ކުރީގެ ރައީސް ސޯލިހު ވާހަކަފުޅުދައްކަވަނީ -- ފޮޓޯ/ އެމްޑީޕީ
ރައީސް ޑރ. މުއިއްޒު އީސީއަށް ނުފޫޒު ފޯރުވާ: ރައީސް ސޯލިހު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލެކްޝަންސް ކޮމިޝަނަށް ނުފޫޒު ފޯރުވާ ކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވި 20 ވަނަ ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީން ވާދަކުރައްވާ ކެންޑިޑޭޓުންނަށް ތާއިދު ހޯދުމަށް ޕާޓީގެ ހަރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ނެވެ.

ރައީސް ސޯލިހު ވިދާޅުވީ ރޯދަމަހު އިންތިހާބު ނުބޭއްވޭހެން ގެނައި އިސްލާހު ރައީސް ޑރ. މުއިއްޒު އެންމެ ފަހުން ތަސްދީގުކުރެއްވުމާއެކު، ފަސްކުރަންޖެހުނު މަޖިލިސް އިންތިހާބު އެޕްރީލް 21ވާ، އާދިއްތަ ދުވަހު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމީ، ރައީސް ޑރ. މުއިއްޒުގެ ނުފޫޒާއެކުކަމަށެވެ.

"މަޖިލިސް އިންތިހާބު ސަރުކާރު ބަންދުނޫން ދުވަހެއްގައި ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމީ ރައީސްގެ ނުފޫޒާއެކު" ސޯލިހު ތުހުމަތުކުރެއްވި އެވެ.

އެ މަނިކުފާނު ވިދާޅުވީ ބޮޑެތި އިންތިހާބުތަކުގައި، އަބަދުވެސް ވޯޓުލުން ބާއްވަނީ ސަރުކާރު ބަންދު ދުވަހެއްގައި ކަމަށާއި، އެއީ ވީހާ ވެސް ގިނަ ރައްޔިތުންނަށް ފުރުސަތު ދިނުމަށް ކަމަށެވެ.

އެއާއެކު ރައީސްގެ ނުފޫޒަށް ތަބާނުވުމަށް ސޯލިހު ވަނީ އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުންނަށް ގޮވައިލައްވައިފައެވެ.

"އަޅުގަނޑު އިލެކްޝަންސް ކޮމިޝަނަށް ދަންނަވައިލަން ބޭނުންވަނީ އެ ބާރުގައި އެ ނުފޫޒުގައި ޖެހިވަޑައިނުގަންނަވާށޭ. ތިއީ މިނިވަން މުއައްސަސާއެކޭ،" ސޯލިހު ވިދާޅުވި އެވެ. "ނަމަނަމަ މިހާރުގެ ސަރުކާރަށް މަޖިލީހުގެ އަގުލަބިއްޔަތު ތިބޭފުޅުން ނުދެއްވައްޗޭ. ލިބިއްޖިއްޔާ ކުރާނެ ކަންތައްތަކުގެ ކުޑަކުޑަ ތަސައްވުރެއް އަޅުގަނޑުމެންނަށް މިއަދު ފެނިގެން މިދަނީ،" 

މި ހުރިހާ ކަމަކާއިއެކު މަޖިލީހުގެ އަގުލަބިއްޔަތު އެމްޑީޕީއަށް ހޯދުމަކީ ރައްޔިތުންނަށްޓަކައި ކުރަންޖެހޭ ކަމެއްގެ ގޮތުގައި ފާހަގަ ކުރައްވައި ރައީސް ސޯލިހު ވިދާޅުވީ ހަތަރު ދާއިރާއެއް ފިޔަވައި ކޮންމެ ދާއިރާއަކަށް ވެސް އެމްޑީޕީގެ ކެންޑިިޑޭޓުން ކުރިމަތިލާނެ ކަމަށާއި، ހުރިހާ ރައްޔިތުން ވެސް ވޯޓު ދޭންވާނީ އެ ކެންޑިޑޭޓަށް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް