ރާއްޖޭގައި އެންމެ ރަނގަޅަށް ހިނގަމުން އައި، އަދި ދުވަސްވީ މަޝަހޫރު "ހަވީރު" ނޫސް ހުއްޓާލީ އެ ނޫހުގެ މިލްކުވެރިކަމާ މެދު، އިބްރާހީމް ރަޝީދު މޫސާ އާއި އަބްދުﷲ ފާރޫގު ހަސަން އަދި ޑރ. ޒާހިރު ހުސެއިންގެ މެދުގައި އުފެދުނު ދެބަސްވުންތަކުގެ ތެރެއިން ކޯޓު މަރުހަލާއިންނެވެ. އެ މައްސަލައިގައި ފަހު ބަސް މިއަދު އިއްވީ ސުޕްރީމް ކޯޓުންނެވެ.
މަޝަހޫރު "ހަވީރު" ނޫހާއި ލޯމާފާނު ޕްރިންޓްގައި އިބްރާހީމް ރަޝީދު މޫސާ އާއި އަބްދުﷲ ފާރޫގު ހަސަންގެ އެއްވެސް ހިއްސާއެއް ނެތް ކަމަށާއި އަދި އެ ދެ ތަނުން ލިބުނު ނަފާގެ އެއްވެސް މިންވަރެއް ދޭން ނުޖެހޭ ކަމަށް ސިވިލް ކޯޓުން 2014 ވަނަ އަހަރު ކުރި ހުކުމަށް ސުޕްރީމް ކޯޓުން މިއަދު ތާއީދުކޮށް، އަދި މި މައްސަލާގައި ހައިކޯޓުން ކުރި ހުކުމް ބާތިލްކަމަށް ކަނޑައަޅައި، މައްސަލަ ނިންމީ ސުޕްރީމް ކޯޓުގައި އެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާގުންނެވެ. އެއީ، ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދު އަދި ފަނޑިޔާރު އަލީ ރަޝީދު ހުސައިން އާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމް ހިމެނިވަޑައިގެންނެވި ބެންޗެވެ.
މި މައްސަލައިގައި 2014 ވަނަ އަހަރު، ސިވިލް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ ފާރޫގާއި ރަޝީދު މޫސާ ހުށަހަޅުއްވާފައިވާ އެއްބަސްވުމަކީ "އޭގެ ޒާތުން އެ މައްޗަށް އަމަލްކުރެވޭ ފަދައަކުން އަދި ގާނޫނީ ގޮތުން ބަނދެވޭ ފަދައަކުން އޮތް އެއްބަސް ވުމެއް ނޫން" ކަމަށެވެ. އެކަމަކު އެ ނިންމުން ހައިކޯޓުން ބާތިލު ކުރިއެވެ. އަދި ހައިކޯޓުގެ ހުކުމަށް ކުރީގެ ސުޕްރީމް ކޯޓުން ތާއީދު ކުރިއެވެ. އެކަމަކު އެ ނިންމުން އެ ކޯޓުގައި އަލުން ރިވިއު ކުރުމަށް އެދުމުން، މައްސަލަ އަލުން ބަލަން ނިންމައި ހައި ކޯޓުގެ ހުކުމާ ގުޅޭ ގޮތުން ފިޔަވަޅެއް ނޭޅުމަށް އޮތީ އަމުރުކޮށްފައެވެ.
އެ އަމުރަށް ފަހު ސުޕްރީމް ކޯޓުން މިއަދު ނިންމީ، "ހަވީރު" ނޫހާއި ލޯމާފާނު ޕްރިންޓްގައި އިބްރާހީމް ރަޝީދު މޫސާ އާއި އަބްދުﷲ ފާރޫގު ހަސަންގެ އެއްވެސް ހިއްސާއެއް ނެތް ކަމަށާއި އަދި އެ ދެ ތަނުން ލިބުނު ނަފާގެ އެއްވެސް މިންވަރެއް ދޭން ނުޖެހޭ ކަމަށް ސިވިލް ކޯޓުން 2014 ވަނަ އަހަރު ކުރި ހުކުމަށް ތާއީދުކޮށެވެ.