ads
ހަސަން ލަތީފް
މަޖިލިސް ހުއްޓުވާފައި ކެމްޕެއިން ކުރާތީ ޑިމޮކްރޭޓުން ދެކޮޅު ހަދަނީ
މަޖިލީހުގެ މަސައްކަތް ހުއްޓާލާފައި އަންނަ އިންތިހާބަށް ކެމްޕެއިން ކުރުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށާއި އެ އުސޫލާ ދެކޮޅަށް މަސައްކަތް ކުރާ ބަޔަކަށް ވެސް އެކަމުގައި އެއްބާރުލުން ނުދޭނެކަމަށް ދަ ޑިމޮކްރޭޓްސް ޕާޓީން ބުނެފި އެވެ.

މިއަދު ބާއްވަން ތާވަލް ކުރި ރައްޔިތުންގެ މަޖިލީސްގެ ޖަލްސާ ކޯރަމް ހަމަނުވެގެން ކެންސަލް ކުރުމާ އެކު ޑިމޮކްރޭޓުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި  ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަދި އެ ޕާޓީގެ ރައީސް ހަސަން ލަތީފު ވިދާޅުވީ މަޖިލީހުގެ މަސައްކަތް ހުއްޓުވާފައި ބާއްވައިގެން ކެމްޕެއިން ކުރުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

"މަޖިލީހުގެ މަސައްކަތް ހުއްޓާފައި ބާއްވައިގެން ކެމްޕެއިން ކުރަން އުޅުމަކީ ގަބޫލު ކުރެވޭނެކަމެއް ނޫން. މަޖިލިސް ހުއްޓުވާފައި ނުބޭއްވޭނެ. މަޖިލީހުގެ މަސައްކަތް ހުއްޓާލާފައި ކެމްޕެއިން ކުރުމަކީ ޒިންމާދާރު ކަމެއް ނޫން. ކެމްޕެއިން ވެސް ކުރަންވީ. ޖަލްސާއަށް ހާޒިރުވެ މަޖިލީހުގެ މަސައްކަތް ކުރެވޭގޮތަށް ކެމްޕެއިން ކުރަން ދާންވީ. މިއުސޫލާ ދެކޮޅަށް މި ކަހަލަ ކަންކަމުގައި އެއްވެސް ބަޔަކާއެކު މަސައްކަތެއް ވެސް ނުކުރާނެ،" ހަސަން ވިދާޅުވި އެވެ.

މަޖިލީހުގެ މަސައްކަތް ހުއްޓާލާފައި ބާއްވައިގެން ކެމްޕެއިން ވެސް އަދި އެހެން ކަމެއްވެސް ކުރުމަށް އެމްޑީޕީ އާއި ސަރުކާރު ހިންގާ ކޮލިޝަނާއެކު ވެސް އެއްބަސްވުމެއް ހަދާފައިނުވާނެކަމަށާއި އެކަމަކީ ޑިމޮކްރޭޓުން ގަބޫލު ކުރާ އުސޫލެއް ނޫންކަމަށް އޭނާ ވިދާޅުވި އެވެ.

ހަސަން ވިދާޅުވީ ވަރަށް މުހިންމު މަސައްކަތް މަޖިލީހުގައި އެބަ ހުރި ކަމަށާއި އެކަންކަން ހުއްޓާލާފައި ކެމްޕެއިން ކުރުމަކީ ގަބޫލު ކުރާ ހަމައެއް ނޫންކަމަށާއި ޑިމޮކްރޭޓުން މަސައްކަތް ކުރަނީ ވަކި ހަމަ އަކާއި އުސޫލެއްގެ މަތިން ކަމަށާއި ހިނގަމުންދާ މަޖިލިސް ހުއްޓާފައި އޮންނަ ނަމަ އެކަމާ ދެކޮޅަށް ކުރަންޖެހޭ ކަންކަން ކުރާނެ ކަމަށާއި އެއީ އިހުތިޖާޖު ކުރަން ޖެހުން ނަމަ އެކަންވެސް ކުރާނެ ކަމަށް ހަސަން ވިދާޅުވި އެވެ.

ޑިމޮކްރޭޓުންގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވީ މަޖިލިސް ހުއްޓާލާފައި ބޭއްވުމަކީ ސަރުކާރުން ވަރަށް ބޭނުންވާނެ ކަމެއްކަމަށާއި އެ ގޮތަށް ބޭނުންވަނީ ސަރުކާރު ޖަވާބުދާރީ ކުރުވާނެތީ ކަމަށެވެ.

"ސަރުކާރުން ބޭނުމެއް ނުވާނެ މަޖިލީހުގެ މަސައްކަތް މިހާރު ހިނގާކަން. ސަރުކާރުން ބޭނުންވާނީ މަޖިލިސް ހުއްޓުވުން. އެއީ ސަރުކާރު ޖާވާބުދާރީކުރުވުމަކީ ސަރުކާރުން ބޭނުންވާނެގޮތެއް ނޫން. މިއަދުގެ ޖަލްސާ ވެސް ނުބޭއްވުނީ ސަރުކާރަށް ނިސްބަތްވާ މެމްބަރުން ޖަލްސާ ކުރާ މާލަމަށް ނުވަދެ ތިބެގެން،" އާޒިމް ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް