ads
އޯއައިސީގެ ބައްދަލުވުމުގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ބައިވެރިވެ ވަޑައިގަންނަވަނީ.
ފަލަސްތީންގެ ނަސްލު ނައްތާލުމުގެ ޖަރީމާ ހުއްޓުވަން ރާއްޖޭން އޯއައިސީގައި ގޮވާލައިފި
މިއީ، ހައްދުފަހަނައަޅާފައިވާ ޔަހޫދީންނަށް ފިޔަވަޅު އެޅުމަށްފަހު، ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމްކުރަންޖެހޭ ވަގުތުކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ޝަހީމް މިފަދައިން ވިދާޅުވީ ސައުދީ އަރަބިއްޔާގެ ޖިއްދާގައި ބޭއްވި ހާރިޖީ ވަޒީރުންގެ ކައުންސިލްގެ އެކްސްޓްރާއޯޑިނަރީ ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ދެއްވި ބަޔާނުގައި އެވެ.

ޝަހީމް ވިދާޅުވީ އިޒްރޭލުން ފަލަސްތީނުގައި ހިންގަމުންދާ ނަސްލު ނައްތާލުމުގެ އަމަލުތަކާއި އިޒްރޭލުން ރަފަހް އަށް ހަމަލާ ދޭނެ ކަމަށް ބުނަމުންދާ ބުނުން ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ ކަމަށެވެ.

އިޒްރޭލުން ހިނގަމުންދާ ލާއިންސާނީ އަމަލުތައް ހުއްޓުވުމަށް ބައިނަލްއަގުވާމީ މުޖްތަމައުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށާއި ގާޒާގެ ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެއްޗާއި އެހެނިހެން އަސާސީ ތަކެތި އެކަށީގެންވާ މިންވަރަށް ފޯރުކޮށްދިނުމަށް މިހާރަށްވުރެ ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ޝަހީމް ގޮވާލި އެވެ.

ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކުރަން ޖެހޭ ވަގުތަކީ މިއީކަން ފާހަގަކުރައްވާ ޝަހީމް ވިދާޅުވީ ދިވެހިރާއްޖެއިން އަބަދުވެސް ދެމި އޮންނާނީ ފަލަސްތީނާއެކުގައި ކަމަށާއި ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ކުރެވެން އޮތް ހުރިހާ މަސައްކަތެއް ރާއްޖެއިން ކުރާނެ ކަމުގެ ޔަޤީންކަން ދެއްވާކަމަށެވެ.

ޔަހޫދީން ފަލަސްތީނަށް ދެމުންދާ އަނިޔާތަކާއި ގުޅިގެން ރާއްޖެއިން ވަނީ ބައިނަލްއަގުވާމީ ފެންވަރުގައި ގިނަ މަސައްކަތްތަކެއް ކުރަން ފަށާފައެވެ. މިގޮތުން، ޔަހޫދީން ފަލަސްތީނުގައި ހިންގަމުންދާ ޖަރީމާތަކާއި ދެކޮޅަށް އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގައިވެސް ރާއްޖެއިން ވަނީ ބަޔާނެއް ދީފަ އެވެ. 

އަދި ފަލަސްތީނުގައި އަމިއްލަ މިނިވަން ދައުލަތެއް ގާއިމްކުރުމަށް ފަލަސްތީނުގެ ރައްޔިތުން ކުރަމުންދާ މަސައްކަތަށް ތާއީދުކުރުމަކީ ޒަމާނުއްސުރެ ރާއްޖޭގެ ހާރިޖީ ސިޔާސަތުގައި ހިމެނޭ މުހިންމު ކަމެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް