ads
އުޝާމް
ނޫސްބަޔާން ބާތިލުކުރަން އެލްޖީއޭއަށް ނޭންގޭނެ: އޭޖީ
ކައުންސިލްތަކުން ނެރޭ ނޫސްބަޔާން ބާތިލުކުރުމަށް ލޯކަލް ގަވާމަންޓު އޮތޯރިޓީ (އެލްޖީއޭ) އަށް ނޭންގޭނެ ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

ކެނދިކުޅުދޫއަށް މިދިޔަ ބުރާސްފަތި ދުވަހު ކުރެއްވި ދަތުރުފުޅުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ކެމްޕެއިން ހަރަކާތްތައް ހިންގާފައިވާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށް ނެރުނު ނޫސްބަޔާން ބާތިލު ކުރުމަށް އެލްޖީއޭއިން އެންގީ އާދީއްތަ ދުވަހެވެ.

މިއަދު ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭޖީ އުޝާމް ވިދާޅުވީ ކައުންސިލަކުން ނޫސްބަޔާނެއް ނެރުމުން، އެ ނޫސްބަޔާން ބާތިލުކުރަން އެލްޖީއޭއަށް އެންގިދާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. އަދި ބަޔާނެއް ބާތިލުކުރަން އެންގުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ވެސް ވިދާޅުވިއެވެ.

އުޝާމް ވިދާޅުވީ އެލްޖީއޭއަށް އެގޮތަށް އަމަލުކުރެވިދާނެ ކަމަށް ގަބޫލުނުކުރެވޭ ކަމަށް މިހާރު ދަންނަވާފައިވާނެ ކަމަށެވެ. ކައުންސިލަކުން ގާނޫނު އަސާސީއާއި ގާނޫނާ ހިލާފަށް ކަމެއް ކޮށްފި ކަމަށްވާނަމަ އެލްޖޭއަށް އެ މައްސަލައެއް ބެލޭނީ ވެސް ގާނޫނުގައިވާ ގޮތުގެ މަތިން ކަމަށް އުޝާމް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، ކައުންސިލަކަށް ފިޔަވަޅު އެޅޭނީ ވަކި ޕްރޮސެސްއެއް ފުރިހަމަ ކުރުމަށް ފަހުގައި ކަމަށެވެ. އެހެންކަމުން އެ ޕްރޮސެސްތައް ފުރިހަމަ ނުކޮށް އެލްޖީއޭއަށް ކައުންސިލަކަށް ވަކި ކަމެއް ނުކުރުމަށް އަމުރު ނުކުރެވޭނެ ކަމަށް ވިދާޅުވިއެވެ. 

ބަޔާން ބާތިލު ކުރަން ނޭންގޭނެ ކަމަށް އޭޖީ ލަފާދިން އިރު، ކައުންސިލްތަކަށް ދަތި ނުކުރައްވާނެ ކަމަށް ރައީސް މުއިއްޒު ވަނީ ރޭ ވިދާޅުވެފަ އެވެ.

ކެނދިކުޅުދޫ ކަންސިލުން ބަޔާނެއް ނެރުނީ، ރައީސް މިފަހުން އެ ރަށަށް ވަޑައިގެން ދައުލަތުގެ ވަސީލަތްތަކުގެ ބޭނުން ނަހަމަ ގޮތުގައި ހިއްޕަވައި ރަަސްމީ ދަތުރުފުޅުގެ ނަމުގައި ކެމްޕޭނު ހަރަކާތްތައް ހިންގަވާ ކަމަށް ބުނެ އެވެ.  

އެލްޖީއޭ އިން ވަނީ އެ ބަޔާނަކީ ހަގީގަތާ ހިލާފު ބަޔާނެއް ކަމަށް ބުނެ ބަޔާން ބާތިލް ކުރުމަށް އަންގައިފަ އެވެ. އެކަމަކު ކައުންސިލުން ފަހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ބަޔާން ބާތިލް ކުރަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.

އެލްޖީއޭގެ ސީއީއޯ އަކަށް ބޭފުޅަކު އައްޔަން ކުރައްވަނީ ރައީސުލްޖުމްހޫރިއްޔާ އެވެ. ރައީސް މުއިއްޒު އެ މަގާމަށް އައްޔަން ކުރައްވާފައި ވަނީ ޑރ. މަރިޔަމް ޒުލްފާ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް