ads
އްދޫ ދާއިރާ އަށް އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ އަހުމަދު ސައީދުގެ މާލޭގެ ކެމްޕޭނު ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ސޯލިހު ވާހަކަދައްކަވަނީ
އިދިކޮޅުގައި ތިބެ ސަރުކާރު ޖަވާބުދާރީ ކުރުވާއިރު ޗެލެންޖު ހުންނާނެ: ސޯލިހު
އިދިކޮޅުގައި ތިބެ ސަރުކާރު ޖަވާބުދާރީ ކުރުވަން މަސައްކަތް ކުރާއިރު ޗެލެންޖު ހުންނާނެ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
Advertisement

އެމަނިކުފާނު މިފަދައިން ވިދާޅުވީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ގައްދޫ ދާއިރާ އަށް އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ އަހުމަދު ސައީދުގެ މާލޭގެ ކެމްޕޭނު ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ނެވެ.

އެމްޑީޕީގެ އެޑްވައިޒަރުކަން ވެސް ކުރައްވާ ސޯލިހު ވިދާޅުވީ މިހާރު ވެރިކަމުގައި ތިއްބެވި ބޭފުޅުން ވެރިކަމަށް އަންނަން ވެގެން ވެސް ހެދީ ދޮގު ކަމަށާއި މިހާރު ވެސް ހަދަމުންދަނީ ދޮގު ކަމަށެވެ. 

ސޯލިހު ވިދާޅުވީ މި މަސައްކަތް ކުރާއިރު މަޖިލީހުގައި ތިބެން ވާނީ ކެރިގެން މި ކަންކަމާ ކުރިމަތިލާން ކެރޭ ބޭފުޅުން ކަމަށާއި އިދިކޮޅު ޕާޓީގައި ތިބެ ސަރުކާރު ޖަވާބުދާރީ ކުރުވަން މަސައްކަތް ކުރާއިރު ބޮޑެތި ޗެލެންޖުތަކާ ކުރިމަތިވާނެ ކަމަށެވެ.

"ވަރުގަދަ އަޒުމެއްގައި، ކެރިގެން މަސައްކަތް ކުރައްވަން ޖެހޭނެ. ސަރުކާރު ޖަވާބުދާރީ ކުރުވަންޖެހޭނެ. ވަޒީރުންނާ ސުވާލު ކުރެވެން ޖެހޭނެ. ހަމަ މަގަށް އެޅުވުމަށްޓަކާ ކުރެވޭ މަސައްކަތްތަކުން ނަތީޖާ ނުނިކުންނަ ކަމަށްވާނަމަ ދެން ކުރަންޖެހޭ ކަންތައްތައް ވެސް މަޖިލީހުގެ ތެރެއިން ކުރެވޭ ވަރުގެ ހިތްވަރު ހުރި ބޭފުޅުންނަށް ވާންޖެހޭނެ،" ނިމުނު ރިޔާސީ އިންތިހާބުން ބޮޑު ނާކާމިޔާބީއެއް ލިބިލެއްވި ސޯލިހު ވިދާޅުވި އެވެ.

ސޯލިހު ވިދާޅުވީ ގައުމު ސަލާމަތް ކުރުމަށް މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީއަށް ލިބުން ވަރަށް މުހިންމު ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ނިމިދިޔަ ރިޔާސީ އިންތިހާބުގައި ހެދުނީ ގޯހެއްކަން ރައްޔިތުން މިހާރު ގަބޫލު ކުރާ ކަމަށެވެ.

"މި ސަރުކާރު ވެރިކަމަށް އަންނަންވެގެން ރައްޔިތުންނަށް ދެއްކި ހުވަފެނާއި ހެދި ދޮގުތަކާއި އޮޅުވާލި އޮޅުވާލުންތައް މިއަދު ރައްޔިތުންނަށް އެބަ ފެނޭ، ހާމަވަމުން އެބަދޭ، އަޅުގަނޑު މިކުރާ ދަތުރުތަކުން ވެސް އިވެނީ ހަމަ އެ އަޑުތައް، ރައްޔިތުންގެ މަޖިލީހަކީ އަޅުގަނޑު މިދެންނެވިހެން މި ސަރުކާރު ހަމަ މަގަށް އެޅުވުމަށްޓަކައި މަސައްކަތް ކުރެވެން އޮތް އެންމެ މުހިންމު ތަން،" ކުރީގެ ރައީސް ސޯލިހު ވިދާޅުވި އެވެ.

އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި އެމްޑީޕީން ބޮޑު ކާމިޔާބީއެއް ހޯދާފައިވެ އެވެ. 2019 ވަނަ އަހަރު ބޭއްވި އެ އިންތިހާބުގައި އެ ޕާޓީން ވަނީ 87 ދާއިރާގެ ތެރެެއިން 65 ދާއިރާ ކާމިޔާބުކޮށްފަ އެވެ. އެއީ އެއް ޕާޓީއަކަށް އެހާ ބޮޑު މެޖޯރިޓީއެއް ލިބުނު ހަމައެކަނި ފަހަރެވެ.

ނަމަވެސް މި ވަގުތު އެމްޑީޕީގައި ތިބީ 44 މެންބަރުންނެވެ. އެމްޑީޕީ ދޫކޮށް ޑިމޮކްރެޓްސް ނަމުގައި އާ ޕާޓީއެއް އުފެއްދެވި، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވަފާތެރި 12 މެންބަރަކު މިހާރު މަޖިލީހުގައި މަސައްކަތް ކުރައްވަނީ އެމްޑީޕީއާ ގުޅިގެންނެވެ.

އަދި ރިޔާސީ އިންތިހާބު ދުވަސްވަރު އެ ޕާޓީއާ ގުޅުނު ބައެއް މެންބަރުން ވެސް ހިމެނޭހެން 13 މެންބަރަކު ވަނީ މިހާރު ވެރިކަންކުރާ ޕީއެންސީއާ ގުޅިފަ އެވެ.

މަޖިލިސް އިންތިހާބު ބޭއްވުމަށް އީސީ އިން ކުރިން ނިންމާފައި އޮތީ މިމަހުގެ 17 ވަނަ ދުވަހު އެވެ. ނަމަވެސް މިހާރު ވަނީ ކުރިއަށް އޮތް އޭޕްރީލް 21 ވަނަ ދުވަހަށް އިންތިހާބު ފަސްކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް