ads
ފަޒުލްރޭގެ ޖަލްސާގައި ވާހަކަ ދައްކަވަނީ: އެޗްޑީސީގެ ތެރޭގައި ހިންގާފައިވާ ގިނަ ކަންތައްތަކެއް ފާހަގަ ކުރެއްވި
އެޗްޑީސީގެ މައްސަލަތަކެއް އޭސީސީއަށް ހުށަހަޅަނީ
ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ކުރީގެ މެނޭޖުމެންޓުން ވަނީ ކުންފުނީގެ ތެރޭގައި ނާޖާއިޒު ގިނަ ކަންތައްތަކެއް ކޮށްފައި ކަމަށާއި އެ ކަންތައްތަކުގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހުށަހަޅާނެ ކަމަށް އެޗްޑީސީގެ މިހާރުގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދު ވިދާޅުވެއްޖެ އެވެ.
Advertisement

ވ. ފެލިދޫ ރައްޔިތުންނާ ރައީސް ޑރ. މުހައްމަދު މުއިއްޒު ބައްދަލުކުރައްވަން ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ފަޒުލް ވިދާޅުވީ މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު އެޗްޑީސީ އޮތީ ރަނގަޅު ހާލަތެއްގައި ނޫން ކަމަށެވެ. ކުންފުނީގެ ދަރަނި 10 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށް ވިދާޅުވި އެވެ.

"މި ދަރަނި ހިންގި ބަޔަކު ނޫނީ މި ދަރަނި މިހާ ހިސާބަށް ގެނައި ބަޔަކު އެބަވޭ. މިކަންކަމަށްޓަކައި ޒިންމާވާން ޖެހޭ ފަރާތްތަކެއް އެބަވޭ. އަޅުގަނޑުމެންގެ އޮޑިޓް ރިޕޯޓްތައް ހެދެމުން ދަނީ. ބައެއް އޮޑިޓް ރިޕޯޓްތައް އަޅުގަނޑުމެން ހިއްސާ ކުރަން ޖެހޭ ފަރާތްތަކާ ހިއްސާކުރަމުން އެބަ ގެންދަން. މި ހިއްސާ ކުރުމުގައި އަޅުގަނޑުމެންގެ އަބުރު ކަތިލިޔަސް ރައްޔިތުންގެ ހައްގުގައި މިކަންކަން ހާމަކޮށްދޭނަން،" ފަޒުލް ވިދާޅުވި އެވެ.

ފަޒުލް ވިދާޅުވީ އެޗްޑީސީގެ ކުރީގެ މެނޭޖުމެންޓުގެ ދަށުން ވަނީ އަވަސް އަރުވާލައިގެން 50 މަޝްރޫއެއް އިއުލާންކޮށް އެކި ފަރާތްތަކާ ހަވާލުކޮށްފައި ކަމަށެވެ. އެކަމުގެ ސަބަބުން ކުންފުންޏަށް ބޮޑު އާމްދަނީއެއް ގެއްލިގެން ދިޔަ ކަމަށެވެ. އޭގެ ތެރެއިން ބައެއް މަޝްރޫއުތަކުގެ ޑިވެލޮޕްމެންޓް ޕީރިއަޑަކީ ދެ އަހަރު ކަމަށްވާނަމަ، އެ މުއްދަތު ތިން އަހަރަށް ކުރީގެ މެނޭޖުމެންޓުން އިތުރުކޮށްދީފައި އެބަހުރި ކަމަށް އޭނާ ވިދާޅުވި އެވެ.

"މާނައަކީ 36 މަހު އެއްވެސް ކުއްޔަކާ ނުލައި ހަމަ ޖަހާނެ ސަކަރާތެއް ޖަހަން ދޫކޮށްލެވޭ ގޮތަށް ހުރި ބިންތަކެއް އެބަ ހުރި،" ފަޒުލް ވިދާޅުވި އެވެ.

އެޗްޑީސީގައި 10 ބިލިއަން ރުފިޔާގެ ދަރަންޏެއް އެބައޮތް ކަމަށާއި ނަމަވެސް މިދިޔަ ފަސް އަހަރުގެ ތެރޭގައި ކުންފުންޏަށް ލިބެންޖެހޭ 800 މިލިއަނެއްހާ ރުފިޔާ ހޯދުމަށް ކުރީގެ މެނޭޖުމެންޓުން އެއްވެސް މަސައްކަތް ކޮށްފައިނުވާ ކަމަށެވެ. އެޗްޑީސީގެ ދަރަނި އެހާ ހިސާބަށް ގެނައި ބަޔަކު އެކަމަށް ޒިންމާކުރުވަން ޖެހޭނެ ކަމަށް ފަޒުލް ވިދާޅުވި އެވެ.

ފަޒުލް ވިދާޅުވި ގޮތުގައި އޮޑިޓް ރިޕޯޓުން އެނގޭ ގޮތުގައި ހުޅުމާލޭގެ ބައެއް ސަރަަހައްދުތައް އަލި ކުރަން ގެނެސްފައިވާ ލައިޓް ޕޯސްޓްތައް ވެސް ވަނީ ބާ ދަގަނޑަށް ކިރާލައިފަ އެވެ. ރާއްޖޭން ބޭރު ގެނައި އެތަކެތި ބާދަގަނޑަށް ކިރުވި މައްސަލާގައި ކުރީގެ މެނޭޖްމެންޓްގެ ޝާމިލުވުން އެބަ އޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

އެޗްޑީސީގައި ނާޖާއިޒު މަންފާ ބޭނުންކުރި ކަމުގެ މައްސަލަތައް މިހާރުގެ މެނޭޖްމެންޓުން އޭސީސީއަށް ހުށަހަޅާނެކަން މިރޭ އިއުލާންކޮށްފައިވާ އިރު، ފެނަކައިގެ ކޮރަޕްޝަންގެ މައްސަލަތައް ވެސް އޭސީސީއަށް ހުށަހަޅާނެ ކަމަށް ހޯމަ ދުވަހު އެ ކުންފުނީގެ ފަރާތުން ވަނީ ހާމަކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް