ކޮންމެ އަހަރެއްގެ ރޯދަ މަހާއި ދިމާކޮށް ގެތައް ސާފުކުރާއިރު، ގޭގައި ބާވެފައި ހުންނަ ފަރުނީޗަރާއި އެހެނިހެން ސާމާނު މަގުމައްޗަށް ނެރެ މާލޭގެ މަގުތައް ގޮނޑަކަށް ބަދަލުކޮށްލަ އެވެ.
މިއަހަރުގެ ރޯދަމަހާއި ދިމާކޮށްވެސް މަގުމައްޗަށް އަޅާ ކުނީގެ އަދަދު އިތުރުވަމުންދާކަން ފާހަގަކޮށް އީޕީއޭ އިން ނެރުނު ބަޔާނެއްގައި ބުނީ ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން ގޭތެރެ ސާފުކޮށް މަގުމައްޗަށް ކުނި ނެރެމުންދާކަން ފާހަގަކުރެވިފައިވާ ކަމަށާއި އޭގެ ސަބަބުން މަގުތަކުގެ ސާފުތާހިރުކަން ގެއްލި، މަގު ބޭނުން ކުރާ ފަރާތްތަކަށް ބޮޑެތި ދަތިތައް ދިމާވާ ކަމަށެވެ. އަދި މިއީ ސިއްހީ ގޮތުން ބޮޑެތި މައްސަލަތައް ކުރިމަތިވެދާނެ ކަމެއް ކަމަށްވެސް އީޕީއޭ އިން ބުންޏެވެ.
އީޕީއޭއިން ބުނީ ތިމާވެށި ތަޣައްޔަރުވާ ނުވަތަ ތަޣައްޔަރުވެދާނެ ފަދަ ގޮތަކަށް އެއްވެސް ފަރާތަކުން ކުނި ގެންގުޅުމުގެ ނުވަތަ އެއް ތަނުން އަނެއް ތަނަށް ކުނި އުފުލުގެ ނުވަތަ ނައްތާލުމުގެ އެއްވެސް ހަރަކާތެއް ހިންގުމަކީ ކުނި މެނޭޖުކުރުމުގެ ގާނޫނުގެ ދަށުން މަނާ ކަމެއް ކަމަށެވެ.
އަދި ކުނި މެނޭޖުކުރުމާއިބެހޭ ޤާނޫނާއި އެއްގޮތަށް ކުނި މެނޭޖުކުރުމަށާއި މަގުތަކާއި، އާންމު ސަރަހައްދުތަކަށް ކުނި އުކާލުމުގެ ބަދަލުގައި އެތަންތަން ސާފުކޮށް ބޭއްވުމަށް އީޕީއޭއިން ވަނީ އިލްތިމާސްކޮށްފަ އެވެ.