ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ އެންމެ ފަހުގެ ވީކްލީ ފިސްކަލް ރިޕޯޓުން ހާމަވާ ގޮތުގައި ދައުލަތުގެ ހަރަދަށްވުރެ އާމްދަނީ 15.7 މިލިއަން ރުފިޔާ އިތުރުކަމުގަ އެވެ.
މިނިސްޓްރީގެ ތަފާސްހިސަބުތަކުން ދައްކާ ގޮތުން ފެބްރުއަރީ މަހުގެ ނިޔަލަށް ދައުލަތަށް 6.5 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާއިރު، އެ މަހުގެ ނިޔަލަށް ދައުލަތުގެ ހަރަދުތަކަށް އަރާފައިވަނީ 6.4 ބިލިއަން ރުފިޔާ އެވެ.
ފެބްރުއަރީ މަހުގެ ނިޔަލަށް ދައުލަތައް ލިބުނު އާމްދަނީގެ ތެރޭގައި ޓެކްސް އާމްދަނީގެ ގޮތުގައި ލިބިފައިވާ 5.6 ބިލިއަން ރުފިޔާ އާއި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ލިބިފައިވާ 817 މިލިއަން ރުފިޔާގެ އިތުރުން އެހީގެ ގޮތުގައި ލިބުނު 26.3 މިލިއަން ރުފިޔާ ހިމެނެ އެވެ.
އާމްދަނީގެ ހިސާބުތައް:
• އިމްޕޯޓް ޑިއުޓީ - 467.9 މިލިއަން ރުފިޔާ
• ބީޕީޓީ - 1.9 ބިލިއަން ރުފިޔާ
• ޖީއެސްޓީ - 2.8 ބިލިއަން ރުފިޔާ
• ގްރީން ޓެކްސް - 191.7 މިލިއަން ރުފިޔާ
• އެއާޕޯޓް ސާވިސް ޗާޖާއި ޑިޕާޗާ ޓެކްސް - 180.9 މިލިއަން ރުފިޔާ
މި އަހަރުގެ ފުރަތަމަ ދެ މަހުގައި ދައުލަތުގެ ހަރަދުތައް 6.4 ބިލިއަން ރުފިޔާގައި ހުރި އިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި ހަރަދުތައް ހުރީ 8.2 ބިލިއަން ރުފިޔާގައިކަން ފާހަގަކޮށްލެވެ އެވެ.
ދައުލަތުގެ ހަރަދުތަކުގެ ތަފްސީލަށް ބަލާލާއިރު ރިކަރަންޓް ހަރަދުގެ ގޮތުގައި 5.2 ބިލިއަން ރުފިޔާއާއި ކެޕިޓަލް ހަރަދުގެ ގޮތުގައި 1.2 ބިލިއަން ވަނީ ހަރަދުވެފަ އެވެ.