އިންސާނާއަށްވެސް ﷲ ވަނީ އިންތަކެއް ލައްވައިފައެވެ. ކޮށްގެން ނުވާނެ ކަންތައްތަކެއް ހުރެއެވެ. ވަކި ހަމަތަކެއްގައި ހިފަހައްޓައިގެން އުޅުމަކީ އެއްވެސް މަޚްލޫޤަކު އިސްތިސްނާވެފައިވާ ކަމެއް ނޫނެވެ. އަޅުގަނޑުމެންނަށް ކުރިމަތިވާ ކޮންމެ ގެއްލުމެއްގެ ހަގީގީ ސަބަބަކީ އިމުން ބޭރުވުމެވެ. ބަލިބަލި ޖެހެނީ ކާބޯ ތަކެތި ބޭނުން ކުރަން ޖެހޭ ގޮތާއި، މިންވަރާއި، ސާފުތާހިރުކަމުގެ އިމުން ބޭރުވީމައެވެ. ގިނަ ފަހަރު އަދަބު ވެސް ލިބެނީ ގާނޫނުގެ އިމުން ބޭރުވީމައެވެ. ހިތާމަކުރަން ޖެހެނީ މިންވަރަށް އީމާންވުމުގެ އިމުން ބޭރުވީމައެވެ.
އެހެންކަމުން އިސްލާހް ވާން އެދޭ މީހާ ފުރުސަތުނަގާނުލުން މުހިއްމެވެ. ދިރިއުޅުމުގެ އިމްތިހާނުން އިންސާނާ ފާސްވުމަށްޓަކައި ނަފްސުގައިވާ އެދުންތައް ކޮންޓްރޯލުކޮށް، ނަފްސު "ތަޒުކިޔާ" ކުރަން ޖެހޭ ނޫންތޯ އެވެ. ތަޒުކިޔާ ކުރުމަކީ ނަފްސުގައިވާ ނުބައި ހުރިހާ ސިފަތަކަކުން ނަފްސު ތާހިރުކޮށް ރިވެތި ހުރިހާ ސިފަތަކުން ނަފްސު ޒީނަތްތެރި ކުރުމެވެ.
ބަރަކާތާއި އަޖުރު ހޯދުމަށް އެދޭ މީހާއަށް ރަމަޟާން މަސް ސިފަވާނީ މަދުން ނޫނީ ނުލިބޭ ފުރުސަތެއްގެ ގޮތުގަ އެވެ. އަގުބޮޑު ޖަވާހިރެއް ކަމުގަ އެވެ. އެ މަހުގެ ފުއްސެވުމާއި ރުއްސެވުމާއި ދިންނެވުން ހޯދޭނެ ހުރިހާ ގޮތެއް ބަލައި އެކަމަށް ކުރިޔާލައި ތައްޔާރުވެ އެވެ.
މިއަދަކީ މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަސްކަމަށް އިސްލާމީ ގިނަ ގައުމުތަކުން ރޭ ވަނީ ކަނޑައަޅައިފަ އެވެ. އެއާއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ އެތައް މިލިއަން މުސްލިމުން މިހާރު ވަނީ "ރޯދަ ދަތުރު" އަށް ފުރާއިފަ އެވެ. ސަބަބަކީ ރޯދައިގެ ފަޟްލުވަންތަކަމާއި ހެޔޮވަންތަކަން ވަރަށް ގިނަވުމެވެ. އެކަމުން ލިބޭ މޭވާތައް އެހާމެ ގިނައެވެ. އީމާންކަން އިތުރުވުމެވެ. ރިވެތި އަހުލާގުން ޒީނަތްތެރިވުމެވެ. ﷲދެކެ ބިރުގަތުމާއި ﷲގެ ރަޙްމަތަށް އެދުން ބޮޑުވުމެވެ. ﷲއާއި ﷲގެ އަޅުން ދެކެ ލޯބިވުމެވެ. ﷲގެ އަޅުންނަށް ހަމްދަރްދީވުމާއި ހެޔޮ ފޯރުވުމުގައި ވާދަވެރިކަން އިތުރުވުމެވެ. ކެތްތެރިކަން އިތުރުވުމެވެ.
ވީމާ މި މަންފާތައް ލިބިގަތުމަށްޓަކައި ނަފްސު ތަޒުކިޔާ ކުރަން ލިބޭ މި ރަނުގެ ފުރުސަތު ހެޔޮގޮތުގައި ހިފުމުގެ އަޒުމް ކަނޑައަޅަން ވެއްޖެ އެވެ. އެގޮރުން ބަރަކާތާއި އަޖުރު ހޯދުމަށް އެދޭ މީހާ ނުގުޑާނެފަދަ އަޒުމެއްގައި ފުރަތަމަ ކަމަކަށް މީސްތަކުންނަށް މާފުކުރުން އިސްނަގަންވީ އެވެ. ސަބަބަކީ ނުބައިކަމެއް ކޮށްފިމީހާއަށް އަފޫކޮށް، ސުލްހަވެރިވެގަތްމީހާގެ އަޖުރުވަނީ ﷲ ގެ ހަޒްރަތުގައެވެ.
ދެވަނަ ކަމަކަށް ހާލަތު ނިޔާކުރާ ގޮތަށް އުޅެން ދަސްކޮށް ކެތްތެރިވުން އިސްކުރަން ވީއެވެ. ކެތްތެރިންނަށް އެމީހުންގެ އަޖުރު ދެއްވާހުށިކަން ކަށަވަރީ ހިސާބެއް ނެތިއެވެ.
ތިންވަނަ ކަމަކަށް ރަމަޟާން މަހަކީ ކީރިތި ގުރުއާން ބާވައިލެއްވުނު މައްސަރު ކަމަށްވުމާ އެކު އެ ގުރުއާނުގެ ހިދާޔަތާއި ނިއުމަތް ހަނދާންކޮށް އެކަމަށް ވެސް ޝުކުރުވެރިވާން އާދަކުރަން ޖެހެ އެވެ. ގުރުއާނަށް ކިޔަމަންތެރިވެ، ބޯލަނބައިގެން މެނުވީ ޝުކުރުވެރި ނުވެވޭނެކަން ގަބޫލުކޮށް އެކަމުގެ އަޒުމް އާލާކުރަން ޖެހެ އެވެ. އެގޮތުން ރޯދަމަހުގެ އަޅުކަމުގައި ވަގުތު ހޭދަކުރާއިރު ނަމާދަށް ފަހު، ގިނަ ގިނައިން ޤްރުއާން ކިޔަވަން ވަގުތު ހޭދަކުރާށެވެ.
ގުރުއާނާއި ސުންނަތުގެ އަލީގައި ބަލާއިރު ރަމަޟާން މަހަކީ ބަރަކާތާއި ރަހުމަތާއި ފުއްސެވުމުގެ މަހެކެވެ. އެއީ ﷲގެ ހަޒުރަތުގައި އެންމެ މާތް މަހެވެ. އެ މަހުގެ ދުވަސްތަކަކީ އެންމެ މާތް ދުވަސްތަކެވެ. އެ މަހުގެ ރޭތަކަކީ އެންމެ މާތް ރޭތަކެވެ.
ރަމަޟާން މަަހަށް ހަނދު ސާބިތުވި ފަދައިން އާހިރަތުގައި ފުއްސެވުން އެދި، މިބަރަކާތްތެރި ރަމަޟާން މަހުގައި އަޅުކަންކުރުމަށް ފަރުވާތެރިވެ މާތްﷲގެ ރުއްސެވުން ހޯދުމަށް މަސައްކަތްކުރުމަށް ހިތުގެ އަޒުމް އާކުރާށެވެ.
އަމަލުތައް ގަބޫލު ވެވެނިވި އަދި ދުއާތައް އިޖާބަ ކުރެވެނިވި މި ބަރަކާތްތެރި މައްސަރު އަނެއްކާވެސް އަޅުގަނޑުމެނާއި ބައްދަލުކުރި، ހިނދު މި މަހުގެ ބަރަކާތާއި ﷲގެ ރަހުމަތާއި ފުއްސެވުން ހޯދައި ގަނެވޭނެ ފަދަ ގޮތަކަށް އަމަލުތައް ބެހެއްޓުމަށް އަޒުމް ކަނޑައެޅުމަށެވެ. މާތް ﷲ އަޅުގަނޑުމެން އެންމެންނަށް މިކަމުގައި ހެޔޮ ތައުފީގު ދެއްވާށި އެވެ! އާމީން
ރާއްޖޭގެ އެންމެހާ ރައްޔިތުންނަށާއި އިސްލާމީ ގައުމުތަކުގެ ވެރިންނަށާއި އިސްލާމީ ޖަމްއިއްޔާތަކާއި ޖަމާއަތްތަކުގެ ވެރިންނަށާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ލޮބުވެތި މުސްލިމް އަހުންނާއި އުހުތުންނަށް މި ރަހުމަތުގެ މުނާސަބާގެ ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުވަމެވެ.