ads
ރައީސް މުއިއްޒު އާއި ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް - ފޮޓޯ: ރައީސް އޮފީސް
ކޮމަންވެލްތަކީ ރާއްޖެ އަށް މުހިއްމު ބައިވެރިއެއް: ރައީސް
މިއަހަރުގެ ކޮމަންވެލްތު ދުވަހުގެ މުނާސަބަތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފި އެވެ.

މިއަހަރުގެ ކޮމަންވެލްތް ދުވަހުގެ މުނާސަބަތުގައި ރައީސް ފޮނުއްވި ތަހުނިޔާގެ މެސެޖުގައި ވިދާޅުވީ މިއަހަރުގެ ކޮމަންވެލްތު ދުވަސް ފާހަގަކުރާއިރު މިއީ އެއްބައިވަންތަކަމުގެ ރޫހެއްގައި ފާގަތި މުސްތަގުބަލަކަށް މަސައްކަތްކުރުމުގެ މުހިންމު ފުރުސަތެއް ކަމަށާއި އަދި މިއަދު މި ފާހަގަކުރެވެނީ ކޮމަންވެލްތުގެ ޗާޓަރުގެ ދަށުން ހިފަހައްޓާ އާންމު ހަމަތަކާއި އުސޫލުތަކާއި އަދި މުއްސަނދި ސަގާފީ ސިންދަފާތުތައް ކަމަށެވެ.

ރައީސް ވަނީ މިއަދު 75 ވަނަ ކޮމަންވެލްތު ދުވަސް ފާހަގަކުރާއިރު، މިހާތަނަށް ކޮމަންވެލްތުގެ ގައުމުތައް ގުޅިގެން ހޯދާފައިވާ ކުރިއެރުންތަކުގެ ހަނދާންތައް އައުކުރައްވާފަ އެވެ. އަދި ގައުމުތައް ގުޅިގެން ކުރި މަސައްކަތުގެ ސަބަބުން ވަރަށް ގިނަ އަދަދެއްގެ ބަޔަކަށް ދެމެހެއްޓެނެވި ތަރައްގީއަކާ ހަމައަށް ވާސިލްވެވިއްޖެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.


"ގައުމުތަކުގެ ނާޒުކު ސިފަތަކުން އަރައިގަތުމަށާއި ގައުމުތައް ގުޅިގެން ކުރަން ބޭނުންވާ ކަންކަން ހާސިލްކުރުމަށް މަގުފަހިކޮށްދިނީ ގުޅިގެންކުރާ މަސައްކަތުން، ގައުމުތައް ގުޅިގެންކުރާ މަސައްކަތުން ވަރަށް ބޮޑު ފައިދާއެއް ލިބޭ" ކޮމަންވެލްތު ދުވަހުގެ މުނާސަބަތުގައި ރައީސް ގައުމުތަކުގެ ވެރިންނަށް ފޮނުއްވެވި ތަހުނިޔާގެ މެސެޖުގައި ވެއެވެ.


ރައީސް ވަނީ މިއަހަރުގެ ފަހުކޮޅު ކޮމަންވެލްތުގެ ލީޑަރުން ބައްދަލުކުރައްވާއިރު، ދިމާވާ އެކި މައްސަލަތައް ހައްލުކޮށް ހުރަސްތަކުން އަރައިގަތުމަށް އެ ޖަމުއިއްޔާއިންދޭ އެއްބާރުލުން ފާހަގަކުރައްވާފަ އެވެ. އަދި ދިމާވާ އާންމު މައްސަލަތައް ހައްލުކުރުމަށް އާ ގޮތްތައް ހޯދުމުގައި ކޮމަންވެލްތުގެ ޤައުމުތަކާއެކު ފުރިހަމަ އެއްބާރުލުންދީގެން ރާއްޖެއިން މަސައްކަތްކުރާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި އެވެ.

ކޮމަންވެލްތްގެ މިއަހަރުގެ ޝިއާރަކީ "ވަން ރެސިލިއަންޓް ކޮމަން ފިއުޗަރ: ޓްރާންސްފޯމިންގ އަވަރ ކޮމަން ވެލްތު" އެވެ. އަދި ރާއްޖެއިން އަލުން ކޮމަންވެލްތާ ގުޅިފައިވަނީ 2020 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހެވެ.

ކޮމަންވެލްތަކީ 56 ގައުމުގެ މައްޗަށް އެކުލެވޭ ބައިނަލްއަޤުވާމީ ޖަމުއިއްޔާއެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް