ރާކީ ސާވަންތު އުފަންވީ އިންޑިއާގެ މުމްބާއީގެ ނީރޫ ބެޑާ އަށެވެ. އޭނާއަކީ ބައްޕަ ކަށަވަރުނުވާ ދަރިއަކަށް ވާއިރު، ރާކީގެ މަންމަ ޖާޔާ ވަނީ ރާކީ ލިބުނު ފަހުން އަނަންދު ސާވަންތު ކިޔާ ފުލުސް އޮފިސަރަކާ ކައިވެނިކޮށްފައެވެ. ރާކީއަށް، ރާކީ ސާވަންތު ކިޔުނީ އޭނާގެ ދޮންބައްޕަގެ ނަންވެސް ލައިގެންނެވެ.
ރާކީގެ ދެ ބެއިންތިބެއެވެ. އެއީ ރަކޭޝް ސާވަންތު ކިޔާ ފިހެނަކާއި، އުޝާ ސާވަންތު ކިޔާ އަންހެނެވެ. ރާކީ އެންމެ ފުރަތަމަ ކުޅުނު ފިލްމަކީ "އަގްނީ ޗަކްރާ" ކިޔާ ފިލްމެކެވެ. އެ ފިލްމުގައި ރާކީ ބޭނުންކޮށްފައިވާ ނަމަކީ "ރޫހީ ސާވަންތު" އެވެ.
ފިލްމު ކުޅުމުގެ އިތުރުން ރާކީ އަކީ ނެށުމާއި، މޮޑެލް ކުރުމާއި، ޓީވީ ޝޯތައް ޕެރެޒެންޓުކުރާ ހުނަވެރި ފަންނާނެކެވެ.
ހިންދީ ފިލްމުތަކުގެ އިތުރުން ރާކީ ވަނީ ކަނަންދާ، މަރާތީ، އޯޑިއާ، ޓެލެގުރޫ އަދި ޓެމިލް ފިލްމު ވެސް ކުޅެފައެވެ.
ރާކީގެ މަގުބޫލުކަން އިތުރުވީ "ބިގް ބޮސް" ސީޒަން 1 ގައި އޭނާ ބައިވެރިވުމުންނެވެ.
ފަންނީ ދާއިރާގެ އިތުރުން ސިޔާސީ މަޝްރަހުގައިވެސް ރާކީ އަކީ ފާހަގަކޮށްލެވޭ މީހެކެވެ. އެގޮތުން އިންޑިއާގެ މަޖިލިސް "ލޮކް ޝަބާ" ގެ ގޮނޑިއަކަށް 2014 ވަނަ އަހަރު ވާދަކުރުމަށް ރާކީ ވަނީ "ރަޝްތްރިޔާ އާމް ޕާޓީ" ނަމުގައި ސިޔާސީ ޕާޓީއެއްވެސް އުފައްދާފައެވެ. ނަމަވެސް އިންތިހާބުގައި ލިބުނު ނާކާމިޔާބީއަށްފަހު ރާކީ ވަނީ "ރިޕަބްލިކް ޕާޓީ އޮފް އިންޑާ" އާއި ގުޅިފައެވެ.
ރާކީ ސާވަންތު އިސްލާމް ވުން:
ރާކީ އުފަންވީ ހިންދޫ އާއިލާއަކަށް ހިންދޫއެއްގެ ގޮތުގައެވެ. ރާކީ ވަނީ މުސްލިމަކަށް ވުމުގެ ކުރިން ނަސޯރާ ދީނަށްވެސް ވަދެފައެވެ.
ދެ ކައިނެވްޏެއް ކޮށްފައިވާއިރު، ދެ ކައިވެނި ވެސް ރޫޅުނީ ބަދު ނަސީބު ގޮތަކަށެވެ. ނަމަވެސް ދެ ވަނައަށް ކައިވެނި ކުރި އާދިލް ކިޔާ މިހަކީ މުސްލިމެކެވެ. ރާކީ ބުނާގޮތުން އޭނާ އިސްލާމް ދީނަށް ވަނީ އާދިލް އާއި ކައިވެނިކުރަން އޭނާ ބުނެގެންނެވެ.
ރާކީ އިސްލާމްވިތާ އަދި ވީ ދެ އަހަރެވެ. މިދިޔަ ރޯދަމަހު ވެސް އޭނާ ވަނީ ރޯދަ ވެސް ހިފާފައެވެ. އަދި މި ރޯދަމަހު ވެސް އޭނާ އަންނީ ރޯދަ ހިފައި ދީނީ އަޅުކަންތައް ވެސް އަދާކުރަމުންނެވެ.