ވަންގަވް އަކީ ސަރުކާރުގެ އެކި ވުޒާރާތަކާއި ކުންފުނިތަކުން ހިދުމަތް ހޯދާ ފަރާތްތަކަށް ފަސޭހައިން ހިދުމަތް ލިބޭނެ މަގު ފަހިކޮށްދިނުމަށް ގާއިމް ކޮށްފައިވާ ޑިޖިޓަލް ޕްލެޓްފޯމެކެވެ.
މިއަދު ހެނދުނު ޓްރޭޑްނެޓް ގައި ބޭއްވި ރަސްމިއްޔާތެއްގައި ބީސީސީގެ ބައެއް ހިދުމަތްތައް ވަންގަވް މެދުވެރިކޮށް ފޯރުކޮށްދިނުން އިފްތިތާހް ކޮށްދެއްވީ ބީސީސީގެ މެނޭޖިން ޑިރެކްޓާ އިބްރާހިމް ޒިއާއު މުހައްމަދެވެ.
މި ރަސްމިއްޔާތުގައި ޒިޔާއު ދެއްކެވި ވާހަކަފުޅުގައި ބީސީސީން ވަންގަވް މެދުވެރިކޮށް މިވަގުތު، ހަމަ އެކަނި ގޭގައި ކާބޯތަކެތި އުފައްދައި ބަންދުކުރާ ވިޔަފާރިތަކަށް ފަސޭހަކަމާއެކު ދަފްތަރު ވެވޭނެ އިންތިޒާމް ހަމަޖައްސައި ދިން ނަމަވެސް، ކުރިއަށްއޮތްތަނުގައި ބީސީސީން ފޯރުކޮށްދޭ މައިގަނޑު ހިދުމަތްތައް ވަންގަވް މެދުވެރިކޮށް ލިބޭނެ އިންތިޒާމް ހަމަޖެހިގެން ދާނެ ކަމަށެވެ.
އަދި މިއީ ކުދި ވިޔަފާރިތަކަށް ބީސީސީން ފޯރުކޮށްދޭ ހިދުމަތްތައް ހޯދުމަށް ފަސޭހަ ވެގެންދާނެ ކަމެއް ކަންވެސް ޒިޔާއު ވަނީ ފާހަގަކުރައްވާފަ އެވެ.
ބީސީސީ އަކީ ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން ވަންގަވް މެދުވެރިކޮށް އާންމުންނަށް ހިދުމަތްދޭން ފެށި ފުރަތަމަ ކުންފުންޏެވެ.
ބީސީސީން ވަންގަވް މެދުވެރިކޮށް ހިދުމަތްދޭން ފަށާފައި މިވަނީ، ސަރުކާރުގެ ވުޒާރާތަކާއި ކުންފުނިތައް މެދުވެރިކޮށް އާންމުންނަށް ފޯރުކޮށްދޭ ހިދުމަތްތަކަކީ ފަސޭހައިން ލިބޭނެ ހިދުމަތްތަކަކަށް ހެދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމުގެ ގޮތުންނެވެ.