ads
މިދިޔަ ފެބްރުއަރީ މަހު މީރާއަށް 2.33 ބިލިއަން ރުފިޔާ ވަނީ ބަލައިގެންފައި - ފޮޓޯ: މީރާ
މިދިޔަ މަހު މީރާއިން 2.33 ބިލިއަން ރުފިޔާ ބަލައިގެންފި
މިދިޔަ ފެބްރުއަރީ މަހު މީރާއިން 2.33 ބިލިއަން ރުފިޔާ ބަލައިގެންފައިވާކަމަށް އެ އޮތޯރިޓީން ހާމަކޮށްފި އެވެ.

މީރާއިން ބުނީ މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށް ވުރެ 33.7 އިންސައްތަ އިތުރު އަދަދެއް ކަމަށެވެ. އަދި މިއީ މި އަހަރުގެ ފެބްރުއަރީ މަހު ލިބޭނެކަމަށް އަންދާޒާކުރި އަދަދަށްވުރެ 22.3 އިންސައްތަ އިތުރު އަދަދެއް ކަމަށް އެ އިދާރާއިން ބުނެ އެވެ.

މީރާއިން ބުނި ގޮތުގައި މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ލިބުނު އާމްދަނީއާ އަޅާބަލާއިރު މި އަހަރުގެ ފެބުރުއަރީގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ޖީއެސްޓީ އާއި ބޭންކް ޕްރޮފިޓް ޓެކްސްގެ އިތުރުން އެކްސްޕަޓްރިއޭޓް ކޯޓާ ފީގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވުން ކަމުގަ އެވެ.

މީގެއިތުރުން މިދިޔަ އަހަރު ޖެނުއަރީއާ އަޅާބަލާއިރު މި އަހަރުގެ ޖެނުއަރީގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދަށް 11.5 އިންސައްތައިގެ އިތުރުވުމެއް އައުމާއެކު، ފެބުރުއަރީގައި ޓީޖީއެސްޓީގެ ގޮތުގައި ލިބިފައިވާ އާމްދަނީ މިދިޔަ އަހަރުގެ ފެބުރުވަރީ އާ އަޅައިބަލާއިރު އިތުރުވެފައިވާކަމަށް މީރާއިން ހާމަކުރެ އެވެ.

މީރާއިން ބުނީ ބޭންކް އިންކަމް ޓެކްސް ދައްކަންޖެހޭ ސުންގަޑިއަށް ދައްކާފައިނުވާ ބައެއް ފައިސާ ވެސް، އެ މުއްދަތުގެ ތެރޭގައި ލިބިފައިވާތީ، ފެބްރުއަރީ މަހު ލިބިފައިވާ އާމްދަނީ އިތުރުވެފައިވާ ކަމަށެވެ.

މި އަހަރުގެ ފެބްރުއަރީ މަހު 100.34 މިލިއަން ޑޮލަރު ވެސް އާމްދަނީގެ އާމްދަނީގެ ގޮތުގައި ބަލައިގެންފައިވާ ކަމަށް މީރާއިން ވަނީ ބުނެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް