ads
ދަތުރުވެރިންގެ މާރުކޭޓުގައި ވިއްކަން ބަހައްޓާފައި ހުރި މޭވާ އާއި ތަރުކާރީ
މީ ކާބޯތަކެތީގެ އަގުތައް ހެޔޮކުރަންވީ މައްސަރު
ރަމަޟާން މަހަކީ ﷲގެ ހަޒްރަތަށް ކުރިމަތިލުމަށްޓަކައި މުސްލިމު އިންސާނާއަށް ލިބިގެންވާ ހެޔޮކަމުގެ މޫސުމެކެވެ. އެއީ ތަގުވާވެރިންނަށް ލިބިގެންވާ ފޯވައްސެކެވެ. އެއީ ސޯލިހުންނަށް ލިބިގެންވާ ފިހާރައެކެވެ. ކޮންމެ މުދަލަކަށް މޫސުމެއް ވެއެވެ. އަދި ކޮންމެ ވިޔަފާރިއަކަށް ފޯވައްސެއްވެއެވެ. ދުނިޔެއަށް ވިޔަފާރިވެރިންތަކެއް ވެއެވެ. ހަމަ އެ ފަދައިން އާހިރަތަށް ވެސް ވިޔަފާރިވެރިންތަކެއް ވެއެވެ. ދުނިޔޭގެ ވިޔަފާރިވެރިން އެކައުންޓްތައް ތަނަވަސް ކުރެވޭތޯ އެމީހުންގެ މޫސުންތަކަށް އިންތިޒާރު ކުރެއެވެ. އާހިރަތުގެ ވިޔަފާރިވެރިން ވެސް އެމީހުންގެ މޫސުންތަކަށް އިންތިޒާރު ކުރެއެވެ.

ރަމަޟާން މަހަކީ ކާބޯތަކެތީގެ އަގުތައް އެހެން މައްސަރުތަކަށް ވުރެ ހެޔޮކުރަންވީ މައްސަރެވެ. ރޯދަ މަހަށް ކުއްލިއަކަށް ތަކެތީގެ އަގު ބޮޑުކުރުމަށްވުރެ އައުލާކަން ބޮޑުވެގެންވަނީ ވީހާވެސް ކުޑަ އަގެއްގައި ވިޔަފާރީގެ އިންތިޒާމުތައް ހަމަޖައްސުމެވެ. އެއީ އާހިރަތުގެ ވިޔަފާރިވެރިންގެ ސިފަ އެވެ.

ރަމަޟާން މަހަކީ އީމާންކަމާއި ހެޔޮއަމަލުގެ މައްސަރެވެ. އެހެންކަމުން، ރަމަޟާން މަހާ ދިމާކޮށް ކާބޯތަކެތީގެ އަގުތައް މަތިވެގެންދިޔައިރު ކާބޯތަކެއްޗާއި އެހެނިހެން މުދާ، ބޮޑު އަގުގައި ވިއްކައިގެން، ލިބޭނެ ވަގުތީ ފައިދާއަށް އެކަނި އިސްކަން ދިނުމުގެ ބަދަލުގައި، އާހިރަތުގެ ދަރުމައާއި ސަވާބަށް ވިސްނުން މުހިއްމުވެ. ދުނިޔޭގެ ކެހިވެރިކަމުގައި ޖެހި ތަކެތީގެ އަގު ސީދާ ރަމަޟާން މަހަށް ބޮޑުކުރުމަކީ ފާޖިރުންގެ އަމަލެކެވެ. ރަމަޟާން މަހަކީ މާތްﷲ އެކަލާނގެ އަޅުންނަށް ތަނަވަސްކޮށްދެއްވާ ހައިރާތުގެ މޫސުންތަކެކެވެ. ތަގުވާގެ ކޮއްތުން ދަތުރަށް ތައްޔާރުވުމަށްޓަކައެވެ. 

ރަމަޟާން މަސް އުނގަންނައިދޭ އެންމެ މުހިންމު ފިލާވަޅަކީ ދަތިކަމާއި ނިކަމެތިކަމުގައި ދިރިއުޅޭ އެހެން އިންސާނުންގެ ހާލަތު އިހުސާސްކުރުމެވެ. އަދި އަނެކުންނަށް އެހީތެރިވެ އޯގާތެރިވުމުގެ ރޫހު އަށަގެންނެވުމެވެ. ކާބޯތަކެއްޗާއި އެހެނިހެން މުދާ، ބޮޑު އަގުގައި ވިއްކައިގެން، ލިބޭނެ ވަގުތީ ފައިދާއަށް އިސްކަން ދިނުމުގެ ބަދަލުގައި، އާހިރަތުގެ ދަރުމައާއި ސަވާބަށް ވިސްނައިގެން، ދީލަތިވެ އޯގާތެރިކަން އިސްކުރަން ވިޔަފާރިވެރީން ވިސްނުން މުހިއްމެވެ. ދީލަތިކަމާއި އޯގާތެރިކަން އިސްކުރުން ވިޔަފާރިއަށް ވެސް މޮޅުއިތުރެވެ.

މި ބަރަކާތްތެރި ރަމަޟާން މަހު އުހުރަވީ ހަޔާތް ބާއްޖަވެރި ކުރުމަށްޓަކައި، މާތް ﷲ އަށް އަޅުކަންކޮށް، ދީލަތިކަމާއެކު ހޭދަކޮށް އަދި ބިމުގައި ފަސާދަ ނުކޮށް، އެކުވެރިކަމާއި އެއްބައިވަންތަ ކަމާއެކު އުޅެ، ދުނިޔެއާއި އާހިރަތް ލިބިގަތުމަށް އަވަސް ވެގަތުމަށް އެދެމެވެ. އަދި އެމީހަކަށް މުދަލާ ފައިސާ ލިބިފައިވާނަމަ، އާހިރުގައި އޭގެ މަންފާ ކުރާނޭފަދަ ގޮތަށް މުދާ ހޯދުމާއި ހޭދަ ކުރުމަށް ޕްލޭންކުރަން ވީއެވެ. އެއީ، ދުނިޔޭގެ ހަގީގަތަކީ މިއީ ރީތި ތަނެއް ނަމަވެސް އެހާމެ އަވަހަށް ފަނާވެދަނިވި، ވަގުތީ އުފަލެއްދޭ ތަނަކަށް ވުމެވެ. 

ދުނިޔޭގެ ވިޔަފާރިވެރިން ހިތުހުރި އަގަކަށް މުދާ އަގުބޮޑު ކުރުމުގެ ތަކްލީފް ރައްޔިތުންނަށް އޮތް ކަމުގެ ޝަކުވާ ރައްޔިތުންގެ ތެރޭގައި ހާއްސަކޮށް ރަމަޟާން މަހު ބޮޑެވެ. މިހާލަތުން އަރައިގަނެ، ދުނިޔެއަށް ވުރެ އާހިރަތުގެ އަގު ބޮޑުކަން ހަނދާންކޮށް، އުހުރަވީ ހަޔާތް ކާމިޔާބު ކުރުމަށް ވިޔަފާރިވެރިން ވެސް މަސައްކަތް ކުރަން އިސްލާމްދީން ބާރުއަޅައެވެ. އެއީ، އިންސާނާގެ ދުނިޔަވީ ހަޔާތުގެ މިސާލަކީ، އޭނާގެ އުހުރަވީ ހަޔާތަށްޓަކައި ގޮވާންކުރާ ދަނޑު ބިމެއްގެ މިސާލު ކަމަށް ވުމެވެ.

ރޯދަ މަހަކީ، ދުނިޔެއާއި އާހިރަތް ބާއްޖަވެރިކުރުމަށްޓަކައި، މާތްﷲ ފަހިކޮށްދެއްވި އަގުހުރި ރަނުގެ ފުރުސަތެކެވެ. ރަހުމަތާއި ފުއްސެވުމާއި ދިންނެވުމުން ފުރިގެންވާ، މި މާތް މައްސަރުގެ ދަރުމައާއި ސަވާބު ހާސިލު ކުރުމަށްޓަކައި، މާތްﷲ އަންގަވާފައިވާ ގޮތުގެ މަތިން ރޯދަ ހިފައި، ރޭ އަޅުކަންކޮށް، ގިނަގިނައިން ކީރިތި ގުރުއާން ކިޔަވައި، ސަދަގާތް ދިނުން އިތުރުކޮށް އަދި ވަކިން ހާއްސަކޮށް އިސްރާފުކުރުމާއި ދުރުވުން ބުއްދިވެރިއެވެ. އެހެނީ މުސްލިމުން ކައިބޮއި އުޅެންވާނީ ދިރިހުރުމަށްޓަކައެވެ. ކެއުމަށާއި ބުއިމަށްޓަކައި ދިރިއުޅޭ ބަޔަކަށް މުސްލިމުން ވެގެންނުވާނެ އެވެ. އިސްރާފު ކުރުމަކީ މުސްލިމުންގެ ސިފައެއް ނޫނެވެ. އެއީ ޝައިތާނީ އަމަލެކެވެ.

ރަމަޟާން މަހުގެ ތެރެއިން، އިސްލާމްދީނުގެ އިޖްތިމާއީ އަގުތައް، އޭގެ އެންމެ ފުރިހަމަގޮތުގައި ދެމެހެއްޓުމަށް، އިތުރު ސަމާލުކަމެއް ދޭންޖެހެ އެވެ. މުޖުތަމައުގެ ރީތި ހަމަތަކާއި އަދަބުތަކަށް ހުރުމަތްތެރިކޮށްހިތާ، ގާނޫނުތަކަށާއި ގަވައިދުތަކަށް ފުރިހަމައަށް ބޯލެނބުމުގެ ރޫހު ރަމަޟާން މަސް ފަދަ އިސްލާމީ މުނާސަބަތެއްގައި އާލާކޮށް ދިރުވަންޖެހެ އެވެ.

މީގެ އިތުރުން، ކެތްތެރިވުމާއި މައާފު ކުރުމާއި، ހިތްތިރިކޮށް މަޑުމައިތިރިވުމަކީ، ރޯދައިގެ އަޅުކަން ބާރުއަޅާ އެންމެ މުހިންމު ކަންތައްތައް ކަން ހިތުގެ އަޑިން ގަބޫލުކޮށް، އަނެކުންނަށް އެހީތެރިވުމާއި ދީލަތިވުމަކީ، ރަމަޟާން މަހުގައި އަޅުގަނޑުމެންގެ ކިބައިގައި ކޮންމެހެން ހަރުލައްވަންޖެހޭ ސިފަތަކެވެ. ބުއްދިވެރިއަކީ އަބަދުމެ އުހުރަވީ ހަޔާތް ހިތް މައްޗަށް ގެނެސް، ހެޔޮގޮތުގައި ދުނިޔަވީ ހަޔާތުގެ ބޭނުން ހިފާ މީހާ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް