އެ މިނިސްޓްރީން މިހެން ބުނެފައިވަނީ ގުޅިފަޅަށް ހެދި އާ ލޭންޑް ޔޫސް ޕްލޭނަށް މަޝްވަރާކުރުމަށް އެތަނުން ގޯތި ލިބުނު ރައްޔިތުންނާއި އެކު ބޭެއްވި ބައްދަލުވުމުގައެވެ.
އެ މިނިސްޓްރީން ބުނީ ކުރީގެ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބުނު ފަރާތްތަކަށް ގޯތި ލިބޭނެކަމަސް ކަނޑައެޅި ސަރަހައްދުތަކަށް އާ ލޭންޑް ޔޫސް ޕްލޭނާއި އެކު ބަދަލުވެފައިވާކަމަށެވެ. އެހެންކަމުން ކުރިން ދޫކޮށްފައިވާ ރަޖިސްޓްރީތައް ބާތިލުކޮށް އަލުން އާ އެއްބަސްވުންތަކެއް ހަދަން ޖެހިދާނެކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ.
އެ މިނިސްޓްރީގެ އޮފިޝަލުން ވިދާޅުވީ އާ ލޭންޑް ޔޫސް ޕްލޭނާއި އެކު ގޯތި ލިބުނު ސަރަހައްދުތައް ކަނޑައަޅަންޖެހޭނީ އަލުން ގުރުއަތުލައިގެންކަމަށެވެ. އަދި ސަުކާރުގެ ޕްލޭނަކީ މި ސަރުކާރުން ގުޅިފަޅަށް އިތުރުކޮށްފައިވާ 85 ހެކްޓަރު ހިއްކާ ނިމުމުން ގޯތި ހަވާލުކުރަން ފެށުންކަމަށްވެސް ބައްދަލުވުމުގައި ހައުސިން މިނިސްޓްރީގެ އޮފިޝަލުން ވަނީ ބުނެފައެވެ. އެހެންކަމުން މިހާރު ހިއްކާފައިވާ ސަރަހައްދުން ގޯތި ދޭން އެދުނުނަމަވެސް އާ ލޭންޑް ޔޫސް ޕްލޭން އެކުލަވާލުމުން އެކަން ދެން ނުވާނެކަމަށްވެސް މިނިސްޓްރީގެ އޮފިޝަލުން ބުނެއެވެ.
މި ސަރުކާރުން ގުޅިފަޅަށް އިތުރުކުރި 85 ހެކްޓަރުގެ ބިން އަދި ހިއްކަން ފާށާފައެއް ނުވެއެވެ. އަދި ބިން ހިއްކަން ފަށާނެ ތާރީހެއް ސަރުކާރުން ބުނެފައެއް ނުވެއެވެ.
މިދިޔަ ސަރުކާރުން ކުރިޔަށް ގެންދިޔަ ބިންވެރިޔާ ސްކީމާއި ގެދރޮރުވެރިޔާ ސްކީމުން ބިމާއި ފްލެޓް ލިބުނު ފަރާތްތަކަށް ތަންތަން ހަވާލުނުކުރާތީ އެކަމުގެ ކަންބޮޑުވުން ރައްޔިތުން އަންނަނީ ފާޅުކުރަމުންނެވެ. މިކަން މިހެން އޮއްވާ ކުރީ ސަރުކާރުގައި ދޫކުރި ގޯއްޗާއި ފްލެޓްތަކާ ގުޅޭ ގޮތުން ހުށަހަޅާ މައްސަލަތަކުގައި ހައުސިން މިނިސްޓްރީއަށް ލަފާ ދޭން މިނިވަން ކޮމިޓީއެއް އުފައްދާ އެކަން ވަނީ އިއުލާންކޮށްފައެވެ.
މިކޮމިޓީއަކީ އެމަޝްރޫއުތަކާއި ގުޅިގެން ހުށަހަޅާ މައްސަލަތައް ބެލުމަށާއި އަދި އެމައްސަލަތަކާއި ގުޅިގެން ކަންކުރަންޖެހޭ ގޮތަށްް ކަނޑައެޅުމާއި ގޮތް ނިންމުމަށްޓަކައި އެކުލަވާލި ކޮމެޓީއެކެވެ.