ads
ވާހަކަ
ސެކަންޑް ޗާންސް..!؟
(15 މާރިޗު 2024 އާ ގުޅޭ) އަހަރެންގެ ސިކުނޑި ފަޅައިގެން ދާހެން ހީވިއެވެ. ކުރަންވީ ކިހާ މަސައްކަތެއް ހެއްޔެވެ؟ ރެއާއި ދުވާލު އޮފީހުގައެވެ. ނިދާލަން ނޫނީ އޮފީހުން ގެއަށް ނާންނަމެވެ. އޭގެތެރެއަށް މި ބޮޑު ގޭގެ ހުރިހާ މަސައްކަތެއް އިތުރުވީއެވެ.
Advertisement

"ބަރާބަރު ހަތެއް ޖަހާއިރަށް އަހަރެންގެ ސައި ބޭނުންވާނެ.." ގަޑިއަށް އިޝާރާތްކޮށްލަމުން ނާދިފް ބުންޏެވެ.

"އެންޑް މޭކް.. ސަމްތިންގ ހެލްތީ...!" ޝަރުތުތަކުގެ ތެރެއަށް ނާދިފް އިތުރުކޮށްލިއެވެ.

ވަގުތުން އަހަރެން ފުރަގަސްދިނީމެވެ. އެކަމަކު، އެކަން ކުރަންޖެހޭނެކަންވެސް އަހަންނަށް އިނގެއެވެ. މަޑުމަޑުން ހިނގާލާފައި އަހަރެން ތިރިއަށް ފޭބީމެވެ. އެގޭގެ ހަމަ އެއްތަނެއްވެސް، އެއްކަމެއްވެސް އަހަންނަކަށް ނޭގެއެވެ.

ޒަމާނީފެންވަރުގައި ހަދާފައިވާ ހިތްގައިމު ޕެންޓްހައުސްއެކެވެ. މުއްސަނދިކަމުގެ ހުރިހާ ރަހައެއް މި ގޭގައި އެންމެ ފުރިހަމައެވެ. ހުދުކުލައާއި އަޅިކުލަ ނޫނީ ބޭނުންކޮށްފައެއް ނެތެވެ. ގޭގައި ބޭނުންކޮށްފައިވާ ހުރިހާ ފަރުނީޗަރަކުން ފެށިގެން ހަރުކޮށްފައިވާ ލައިޓްތަކުގައިވެސް މީހަކު ލޯބިން ފިރުމާލާހާ ނަލައެވެ. ކޮންމެ ދިމާއަކުން ފުރިހަމަކަމެވެ.

ބަދިގެއަށް ވަދެވުމާއެކު އެކި އެއްޗެހި ހުރި ތަންތަން  ހޯދާ، އެތަންތަން އަހަރެން ފާހަގަކުރާންފެށީމެވެ. ފަސްތަރީގެ ރިސޯޓެއްގެ ބަދިގެވެސް މިހާ ފުރިހަމަނުވާނެ ކަންނޭގެއެވެ. ޝައުގުވެރިކަން ހުއްޓުނީ ބަދިގޭގައި ހިފާގެންގުޅޭ ސާމާނަށެވެ. ލޮލުގައި އަޅައިގަތީ ތެލިތަށިތަކުގައި އާދަޔާޚިލާފްގޮތެއް ހުރިކަމެވެ. ބިއްލޫރިތަށިތަކާއި ސަމްސަލާއި ހިފާގެންގުޅޭ އެފަދަ ހުރިހާ ސާމާނަކަށް އަހަރެންގެ ސަމާލުކަން ހުއްޓުނެވެ. ކޮންމެވެސް އަގުބޮޑު ބްރޭންޑެއްގެ ޚާއްސަތަކެތިކަން ޔަގީންވާތީ ތައްޓެއްގެ ފޫ އަހަރެން ބަލައިލީމެވެ. ސުބުހާނައްﷲއެވެ. ދެލޯ ބޮޑުވެ، އަނގަމަތީގައި އަތްއެޅުނެވެ.

" ސީރިއަސްލީ..! ސްވަރަވްސްކީ...!؟" އަތުގައި އޮތް ތަށި ދޫވެގެން ނުވެއްޓުނީ ކިރިޔާއެވެ. ބިލިޔަނަރަކަށް ވިޔަސް މިވަރުކުރަންޖެހޭ ހެއްޔެވެ؟

ފްރިޖް ހުޅުވާލާފައި އޭގެތެރެ ވަރަށް ރަގަޅަށް ބަލައިލީމެވެ. ބޮޑު ތިން ދޮރުލާފައި ވަކިވަކިން ހުޅުވޭގޮތަށް ހުރިއިރު އިތުރު ހަތަރުބައި، ދަމާލާގޮތަށް  ހުޅުވަން  ހުރި ފްރިޖްއެކެވެ. ތަރުތީބު ދިރިއުޅުމަކަށް ދެވަނައެއް ނެތް ހިއްގައިމު އުފެއްދުމެކެވެ. އަނގަމަތީގައި އަހަންނަށް އަތް އެޅުނެވެ. ތަރުކާރީގެ ތެރެއިންވެސް އަހަންނަށް، ނަން ނޭގޭ ކިތަންމެ ވައްތަރެއް ލޮލުގައި އަޅައިގަތެވެ. ކުޑަވަރެއްގެ ސްޕަރމާކެޓެއްގެ ތެރެއަށް ވަދެވުނުހެން ހީވިއެވެ. ނެތް އެއްޗެއް ވަކިން ހިތައް ގެންނާކަށްވެސް ނޭގުނެވެ. އެކި ވައްތަރުގެ ރޯސްޓެޑް ކުކުޅު، ޓާރކީ އަދި ބީފްގެ އިތުރުން އަސްދޫނި މަސްވެސް ހުއްޓެވެ. ކޮންމެ ވައްތަރެއް ހުރީ ވަކިން ލޭބަލްކޮށްފައެވެ.

ޗީޒްގެ ތެރެއިން އަހަރެން ދުވަހަކުވެސް އަޑު ނާހާ ކިތަންމެ ވައްތަރެއް ހުއްޓެވެ.  އަގުބޮޑު ދިރިއުޅުމަކަށް ބޭނުންވާނެ ހުރިހާ އެއްޗެއް މި ފްރިޖްގައި އެބަހުއްޓެވެ. ފްރިޖާއި ދާދިކައިރިން ދޮރެއް އަހަންނަށް ފާހަގަކުރެވުމުން އެ ދޮރު ހުޅުވާލީމެވެ. އެއީ ނާދިފްގެ ޕޭންޓްރީއެވެ. ސުބުޙާނަﷲއެވެ. އެންމެ ދެމީހުން އުޅޭ ގެއަކަށް މިއީ ތަންފުކެއް ބޮޑުވަރޭ ހިތައް އެރިއެވެ. ބިލިޔަނަރުންގެ އާންމު ދިރިއުޅުމަކީ މިއީ ހެއްޔެވެ؟ 

ހަށިގަނޑު ސީދާކޮށްލާފައި މަސައްކަތް ފެށީމެވެ.

މާގިނައިރެއް ނުވަނީސް ފްރެންޗް ޓޯސްޓް އަދި ސީޒަރ ސެލަޑް އަހަރެން ހަދާ ނިންމާލީމެވެ. ތަށިތަކުގައި ރީތިކޮށް އަތުރާލާފައި މޭޒުމަތިވެސް ތަރުތީބު ކޮށްލީމެވެ. ގަޑިއަށް ބަލައިލިއިރު ބަރާބަރު ހަތެއް ޖެހީއެވެ.

"މިޒްރާ... ތައްޔާރުވާން އަވަސްކުރޭ... ގަޑިނުޖެހި އޮފީހަށްދާންޖެހޭ މީހެއް ތީވެސް.." އަހަރެންގެ އަމިއްލަ ނަފުސައް މުޚާތަބުކޮށް ބުނީމެވެ.

ޓިޝޫއަކުން މޫނުފޮހެލާފައި ފަހަތް ބަލާލިއިރު ނާދިފް ސިޑިން ފައިބަނީއެވެ. އަތުގައި ކޯޓް އޮތެވެ. ހުދު ގަމީހާއި ކަޅު ފަޓުލޫނުގައި ކިތަންމެހާވެސް ފުރިހަމައެވެ. ފިރިހެންވަންތަ ރީތި ސޫރައިގެ ތެރޭގައި ފޮރުވިފައިވާ "މޮންސްޓަރ" ސިފަ އަހަރެން ނޫން މީހަކަށް ނުފެންނަނީ ކަމަށްވެދާނެއެވެ.

" އާހހހހ.. ބަރާބަރު ގަޑިއަށް..! ރަގަޅު.. ރަގަޅު..!" މޭޒާއި ގާތަށް ޖެހިލަމުން ބުނެލިއެވެ.

އަހަރެން މަޑުކޮށްލީ ނާދިފް އިށީންދެ ކައި ނިމެންދެނެވެ. ހިނދުކޮޅެއްގެ ތެރޭގައި ފެނިގެން ދިޔައީ އަހަރެން ކުރި ހުރިހާ މަސައްކަތެއް ބޭކާރުވެގެންދިޔަ ތަނެވެ.

" ޔޫ ރިއަލީ ޑޫ ޓޭކް މީ ޓޫ ސީރިއަސްލީ.. ޑޯންޓް ޔޫ..؟" ބާރަށް ހިނގަނޑެއް ޖަހާލަމުން ބުންޏެވެ.

އިނގިރޭސިބަހުން މަލާމާތް ކުރުމަކީ މާ މޮޅުކަމަކީ ހެއްޔެވެ؟ ފެންނަމުންދިޔަ މަންޒަރު ގަބޫލުކުރަންވެސް ނޭގިފައި އަހަންނަށް ހުރެވުނެވެ. އަހަރެން ތައްޔާރުކުރި ހުރިހާ ކާއެއްޗެއް ޑަސްބިންއަށް އަޅާނިންމާލީ ހިނދުކޮޅެއްގެ ތެރޭގައެވެ. އަހަރެންގެ ދަތްތައް މުގުރިގެން ދާވަރަށް ކޯކަށިގަނޑަށް ބާރުކޮށްލެވުނެވެ.

"ހަމަ ހަގީގަތުގައިވެސް ކަލެއަށް ހީވިދޯ ކަލޭގެ އަތުން ތައްޔާރުކުރާ ކާއެއްޗެހި އަހަރެން ކާނެކަމަށް.. ލައިކް ރިއަލީ..!؟" ކުރިއަށްވުރެން ބާރަށް ހެމުން ނާދިފް މަލާމާތްކުރިއެވެ.

އަހަރެންގެ އަތް ގޮއްމުއްކަވާލެވުނެވެ. ގައިގައި ހުރި ބާރެއްލާފައި ނާދިފްގެ އަނގަމަތީގައި ޖަހަން  ބޭނުންވިއެވެ. ނަމަވެސް، ނަފުސު އަހަރެން ކޮންޓްރޯލްކުރީމެވެ.

"ލެޓް މީ މޭކް ވަން ތިންގ ކްލިއަރ.." އަހަރެންނާއި ގާތަށް ޖެހިލަމުން  ނާދިފް ބުންޏެވެ.

ކުއްލިޔަކަށް އިހްސާސްވީ އަހަރެންގެ ދެއަތުގައި ހިފާފާއި ނާދިފްގެ ގަޔާއި ކައިރިކޮށްލިކަމެވެ. ހަށިގަނޑަށް އިތުރު ބާރު ލާފައި އޭނާއާއި ދުރަށްޖެހުމަށް އަހަރެން މަސައްކަތްކުރީމެވެ. އެކަމަކު ވީ ނާކާމިޔާބެވެ.

"މިޒްރާ..! އަހަރެންގެ އެއްވެސް ކަމަކާ ބެހި އެއްވެސް އެއްޗެއް ބުނެގެން ނުވާނެ.. އަހަރެން ކުޑަކޮށްވެސް... އެއްވެސް ސިފައެއްގައި.. ކަލޭގެ ދިރިއުޅުމާ ނުބެހޭނަން.. ރައްޓެހިންވެސް ހޯދަންވީ.. ޕާޓީވެސް ކުރަންވީ.. ގަންނާނެ ގަނޑެއް ގަންނަންވީ.. މީހަކާ ހިތާވިޔަސް ހެޔޮ! އުޅޭނެ މީހަކާއެކު އުޅެފައި ހާވާނެ ހަޑިއެއް ހާވަންވީ.. އެއީ މަށާއި ބެހޭކަމެއްނޫން.. އުޅޭނެތާކު އުޅެފައި މަގޭގެއަށް އަންނާން ބޭނުންވީމަ އަންނާންވީ ..! އެކަމަކު..! އެކަމަކު..! ހަމަ އެއްވެސް ސިފައެއްގައި އަހަރެންގެ އެއްވެސް ކަމަކާއިބެހި އެއްވެސް ކަމަކަށް ގޮތްކިޔާ، އަހަރެންގެ އެއްވެސް ކަމެއްގެ ތެރެއަށް ވަންނާން ހިތައްވެސް އަރުވައިގެން ނުވާނެ..! މިއިން އެއްވެސް ކަމެއް ކޮށްފިނަމަ، ދެން ހަދާނެގޮތް އިނގޭނީ މަށަށް! ކަލޭހިތައްވެސް ގެންނާން ނޭގޭނެ އަހަރެންގެ ފަރާތުން ކުރިމަތިވާނީ ކިހާބޮޑު ނުރައްކަލަކާ ކަމެއް.. މިހާރުވެސް ތިހުރީ އަހަރެންގެ ނުރައްކަލުގެ ސަރަހައްދަށް ވަދެފައި.. ކަލެއަށް އިނގޭނެ އަހަންނަކީ ކިހާވަރެއްގެ ކާކު ކަމާއި ކިތަންމެ ބޮޑު، ކިތަންމެ ނުރައްކާކަމެއް ކުރުމަށްވެސް ޒައްރެއްގެ މިންވަރުވެސް އަހަރެން ފަހަތައް ނުޖެހޭނެކަން.. އެހެންވީމަ، ސަމާލުވެގެން މި ބުނި ހައްދުގެތެރޭގައި މި ގޭގައި އުޅޭ..!" އިންޒާރުގެ އަލިފާން ކަނިތަކުން އަހަރެންގެ މުޅި ހަށިގަނޑު ފިއްސާލާފައި އަހަރެންގެ ދެ އަތުން ނާދިފް ދޫކޮށްލިއެވެ.

އަހަރެންނަކީ ހަން ތުނި އަދި ހުދު ދޮންކަމެއް ހަންގަނޑުގައި ހުންނަ ކުއްޖަކީމެވެ. ޔަގީންވާ ކަމަކީ ނާދިފް ހިފަހައްޓާފައި ހުރިތަން އަހަރެންގެ އަތުގައި ނޫފައިގެންފައި ހުންނާނެކަމެވެ. ފަސްއެނބުރި ގެއިން ނިކުންނާން ނާދިފް ހިނގައި ގަތުމުން އަހަރެންގެ އަތަށް ބަލައިލީމެވެ. އިނގިލިތަކުގެ ނިޝާންތައް ވަކިވަކީން ހުރީ ނޫފައިގެންފައެވެ. ފެންނަފެނުމަށް ބައެއް ތަންކޮޅުކޮޅު ހީވަނީ އަނދާފައި ހުރި ހެނެވެ. އަހަރެން ފިރުމާލީމެވެ. ރިހުން ލުއިވާނެ ކަމަށެވެ. ނަމަވެސް ހީވީ އަލިފާންޖެހުނު ހެނެވެ.

"ނާދިފްގެ ދިރިއުޅުމާއި ނާދިފްގެ އާދަތަކާމެދު އަހަރެންގެ ކުޑަވެސް.. ޝައުގުވެރިކަމެއް ނެތް.. އެކަމަކު މިއަދު ތިޔަ ބުނެލި ދަށުދަރަޖައިގެ ވިހަ ބަސްތަކުގެ ސަބަބުން އަހަރެންގެ ހިތުގައި ނާދިފްއަށް އޮތް އިހުތިރާމުގެ ކުޑަމިންވަރުވެސް ފަނާވެ ހިނގައްޖެ.." އަޑުއަހާނެ މީހަކު ނެތަސް، އަހަންނަށް ބުނެވުނެވެ.

ފުންނޭވާއެއްލާންވެސް އަހަރެން މަޑުކުރީ ގޭޓްލައްޕާ އަޑުއިވެންދެނެވެ. ދެން ދުވެފައި ދިޔައީ އޮފީހަށް ދާން ތައްޔާރުވާށެވެ.

އަމިއްލަ ނަފުސައް މިއަދު ވައުދެއްވީމެވެ.

"މިޒްރާއެވެ. ތިޔަ ހަރުކަށިކަމާއި ހަޑިހުތުރު ތުހުމަތުތަކާއި އަނިޔާއަށް އާދަވާށެވެ!"

....................................

"އަހަރެން ބޭނުން ކުރިއަށް އޮތް ބައިގަޑީރު ތެރޭގައި މި ކެބިން ބަންދުކޮށް މި މަސައްކަތް ނިންމަން... އަޑުއިވިއްޖެތަ؟ ސާފުވެއްޖެތަ މިބުނާ އެއްޗެއް..؟" އޮފީހުގެ މެއިންޓެނަންސް ޓީމުގެ މެނޭޖަރއަށް އަހަރެން ބުނީމެވެ.

އަހަރެންގެ ކެބިންއަށް ގޮސް ގޮނޑީގައި ހަމަޖެހިލީމެވެ.

އޭރު ގަޑިން ހަތްގަޑި ފަންސަވީހެވެ.

"ނިކަމެތި މިޒްރާ..!  ދެން  މަސައްކަތްކުރަން ޖެހޭނީ ކުރިއަށް ވުރެން އެތައް ގުނައެއް ބުރަކޮށް.. ހިނގާ ބަލަމާ..! ތިޔަ ގެނައި ބަދަލު އަމިއްލަ އިންސާނާއަށް ތަހަންމަލް ކުރެވެނީ ކިހާވަރެއްތޯ..؟"

އަހަރެންގެ ހިނިގަނޑު އަހަންނަށް ކޮންޓްރޯލް ކުރާންވެސް އުނދަގުލެވެ. ޝައްޔާން ކޮމްޕެނީން މިޒްރާއަށް ދޭން އޮތް ޚަބަރު ރައްދުކުރުމުން އޭނާގެ މޫނުމައްޗަށް ވެގެންދާނެ ގޮތް އަހަންނަށް ފެނެއެވެ.

މޭޒުމަތީގައި އޮތް ސިޓީއުރަ ނަގަމުން އަހަރެންގެ ގޮންޑި އަނބުރާލީމެވެ. ކުޑަދޮރާއި ދިމާއަށް ބަލައިލީ ދުރުންފެންނަ މަންޒަރު ހިއްގައިމުކަމުންނެވެ. ހެނދުނު ހެނދުނާ އަހަންނަށް މިކުރެވުނު މަސައްކަތުގެ އަސަރު ކިތަންމެހާވެސް ފުރިހަމަވާނެކަން އަހަންނަށް ޔަގީނެވެ.

"ޓު މިސިޒް މިޒްރާ މަންސޫރް" 

ސިޓީ އުރައިގެ ބޭރު އަހަރެން ކިޔާލީމެވެ. މިގޮތަށް  މި ސިޓީ އެޑްރެސްކޮށްފައި އޮތުމުގެ ބޭނުން، އަހަރެން ނުބުނަޏަސް މިޒްރާއަށް ރަގަޅަށް އެނގޭނެއެވެ.

"ލެޓް ދަ ގޭމް ބިގިންސް..!! ވައިފީ..!"

ކާމިޔާބުގައި އަހަރެން އުފާ ފާޅުކުރަމުން ދަނިކޮށް ކުއްލިޔަކަށް އަހަރެންގެ ކެބިންގެ ދޮރު ނިކަން ބާރަށް ހުޅުވުނު އަޑު އިވުނެވެ.

ދޮރާއި ކުރިމަތިވާގޮތަށް އަހަރެންގެ ގޮނޑި އަނބުރާލީމެވެ. އަހަންނާއި ކުރިމަތިވާގޮތަށް މިޒްރާ ހުއްޓުނެވެ.

"ނާދިފް..! ވަޓް ދަ ހެލް ޑޫ ޔޫ ތިންކް ޔޫ އާރ ޑުއިންގ..!!" މިޒްރާ ހަޅޭއްލަވައިގަތެވެ.

"އަހަރެން ކީއްކުރީ..؟؟!!" ލާނެއްގޮތަކަށް ހިނިއައިސްފައި އަހަރެން ސުވާލުކުރީމެވެ.

"ކީއްވެގެން އަހަރެންގެ ކެބިން ބަންދުކޮށްފައި އެ ހުރީ..؟" ރުޅިގަދަވެގެން ފަޅައިގެންދާވަރުވެފައި ހުރެ މިޒްރާ ސުވާލުކުރިއެވެ.

"ކީއްވެގެން...؟ މާނައަކީ..؟ އަހަރެންގެ ވެރިން އަހަންނަށް އަންގާ ކަންކަން އަހަރެން މިތާގަ ކުރަނީ..!" އިތުރަށް ރުޅިއަރުވާލުމުގެ ބޭނުމުގައި އަހަރެން ބުނީމެވެ. 

"މާނައަކީ..؟!"

މިޒްރާގެ ކޮންމެ އިބާރާތަކާއެކު އޭނާގެ ރުޅިގަދަވަމުން ދިޔަކަން އަހަންނަށް އެނގެއެވެ. އަތުގެ މެދުއިނގިއްޔާއި ޝަހާދަތް އިނގިލި ތަގުޅި ކޮށްލާފައިވަނިކޮށް އަހަރެން ދުށީމެވެ. ރުޅި ކޮންޓްރޯލްކުރުމަށް އޭނާ ކުރަމުންދާ މަސައްކަތައް އަހަރެންގެ ހިތުގެ އަޑިން ސާބަސްދޭން ބޭނުންވި އެވެ.

"އަހަރެން ބުނިންދޯ... އަހަރެންގެ އަންބެއްގެ ގޮތުގައި ހުންނަންޏާ ލައްކަ މަސައްކަތްކުރަންޖެހޭނެ ވާހަކަ.. ތި މަގާމުގައި ހުންނަންޏާ ލިސްޓުގައި އަދި ވަރަށް ކަންކަން އެބަހުރި.... މިހާރު މިދަނީ އަދި ޓްރެއިލަރ.."

ސިޓީއުރަ ހިފައިގެން އަހަރެން ކޮޅަށް ތެދުވީމެވެ.

އަހަރެން އަތުގައި އޮތް ސިޓީ އަތުލަން އޭނާ މަސައްކަތްކުރިއެވެ. އެކަމަކު އަހަރެންގެ އިތުރު ރޭވުންތައް އަދިވެސް އެބަހުއްޓެވެ. އޭނާގެ އަތުޖެހުނަ ނުދިނުމަށް އަހަރެން، ސިޓީ މައްޗަށް އުފުލާލީމެވެ. އިސްކޮޅުގެ ތަފާތުބޮޑުކަމުން އަހަރެން އަތް އުފުލާލުމުން އެ އަތާއި ހަމައަށް އޭނާގެ އަތް ފޯރުކޮށްލުމަކީ ވާނެކަމެއް ނޫނެވެ.

"އޯހް.. ކުޑަ އެހީތެރިކަމެއް ފޯރުކޮށްދެވިދާނެ މިގަޑީގައި.. އަހަރެންގެ މޫޑް ރަގަޅުގަޑިއަކަށް ވާތީ..! އެހެންނޫނަސް، މިއަދު މިޒްރާ އެބަޖެހޭ ލައްކަ މަސައްކަތް ކުރަން.. އެހެންވީމާ، މިކަން ފަސޭހަކޮށްލަދޭނަން.. މި ސިޓީ އަހަރެން ކިޔާލަދޭނަން... ކޫލް..!؟"

ވާންމިއުޅޭ ގޮތުގެ ޚިޔާލެއްވެސް ނެތް ފަދައިން އަހަންނާއި ދިމާއަށް އޭނާ ބަލައިލިއެވެ. އޭނާގެ މޫނު ފެންނަކަމަށްވެސް ނުހަދާ އަހަރެންގެ އަތުގައި އޮތް ސިޓީއަށް ބަލައިލީމެވެ.  އިހުސާސާއެކު އަކުރުތައް ސާފުވާނެގޮތަށް އަޑު ހަރުކޮށް އަހަރެން ސިޓީ ކިޔަންފެށީމެވެ. ސިޓީގެ ފެށުން ކިޔަން މުހިއްމުނުވާތީ އަހަރެން ފެށީ، އަހަންނަށް މުހިއްމު ހިސާބުންނެވެ.

ޝައްޔާން ކޮމްޕެނީގެ ސީއީއޯ އަލްފާޟިލާ މިޒްރާ މަންސޫރަށް..

ވެދުންސަލާމަށްފަހު ދަންނަވަމެވެ.

މި ސިޓީއަކީ ޝައްޔާން ކޮމްޕެނީގައި މިޒްރާ މަންސޫރު އަދާކުރައްވަމުން ގެންދަވާ މަސްއޫލިއްޔަތުތަކަށް ބަދަލުގެނެވިފައިވާތީ، އެ ބަދަލު ރަސްމީކޮށް  އެނގުމަށް ފޮނުވުނު ސިޓީއެކެވެ. މިގޮތުން މިހިނގާ ދެހާސް ސައުވީސް ވަނަ އަހަރުގެ މާރޗް މަހުގެ ސޯޅަ ވަނަ ދުވަހުން ފެށިގެން މިޒްރާ މަންސޫރަށްވަނީ، މި ކޮމްޕެނީގެ ސީ އީ އޯ ނާދިފް ޝައްޔާން ދީދީގެ ޕާރސަނަލް ސެކްރެޓަރީގެ މަގާމު ހަވާލުކުރެވިފައެވެ. މި އާއެކު މިހާރުވެސް މިޒްރާ އަދާކުރައްވަމުންގެންދަވާ ސީއީއޯގެ މަގާމުގެ ހުރިހާ މަސްއޫލިއްޔަތެއް ބަރާބަރަށް އަދާކުރަމުން ގެންދިއުމަށް އަންގަމެވެ.

މި ކޮމްޕެނީން ހަވާލުކުރާ ކޮންމެ މަސްއޫލިއްޔަތެއް އަމާނާތްތެރިކަމާއި، ވަފާތެރިކަމާއި، ހިއްވަރާއެކު ފުރިހަމައަށް ކުރިއަށް ގެންދަވާނެކަމާމެދު ކޮމްޕެނީގެ ފަރާތުން ޝައްކެއް ނުކުރަމެވެ.

އިހްތިރާމް ގަބޫލުކުރެއްވުން އެދެމެވެ.

ޝުކުރިއްޔާ!

ސިޓީ ތިރިއަށް ޖައްސާލަމުން އޭނާއާއި ދިމާއަށް އަހަރެން ބަލައިލީމެވެ.

ރުޅިގަދަވެގެން މޫނު ހުދުވެފައިވަނިކޮށް އަހަންނަށް ފެނުނެވެ. ކުރިމަތީން ގަބުރެއް އަރާހުއްޓާ ފެނުނަސް މީހަކަށް އެފަދަ ގޮތްތަކެއް ނުވާނެކަން އަހަންނަށް ޔަގީނެވެ. އޭނާގެ ހުރިހާ ނިޔަފައްޗެއް އަތުގެ ތެރެއަށް ވައްދާ ބާރުކޮށް ގޮއްމުއްކަވާލާފައިވެ އެވެ. ރުޅިގަދަވެ ކެކެމުންދިޔަ އުދާސްތައް ކޮންޓްރޯލްކުރުމަށް ހަށިގަނޑުގެ ކޮންމެ ސެލް އެއް ބޭނުންކުރަނީކަމާމެދު ޝައްކެއް ނެތެވެ.

"ނާދިފް...! އަހަރެންގެ ކެބިން ކޮބާ..؟"


-ނުނިމޭ-

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް