ads
ހިޔާ އަވަށުގައި ބިދޭސީންތަކެއް: އަވަށްޓެރިންނަށް ކަމޭހިތުމަކީ އަހުލާގުގެ ތެރެއިން ވާ ކަމެއް
އަރަބި ބަހުން އަނބިމީހާއަކީ އަވަށްޓެރިއެކޭ ބުނެއެވެ.
އޭނަގެ އަނބިމީހާ އަކީވެސް އަވަށްޓެރިއެކެވެ. އެއީ ﷲ ސުބްހާނަހޫ ވަތައާލާގެ މި ވަހި ބަސްފުޅުގައި ވާފަދައިންނެވެ. ﴿وَالْجَارِ ذِي الْقُرْبَىٰ وَالْجَارِ الْجُنُبِ وَالصَّاحِبِ بِالْجَنبِ﴾ މާނައީ: “ކައިރިއަވަށްޓެރިޔާއަށާއި، ދުރުއަވަށްޓެރިޔާއަށާއި، ކައިރިއެކުވެރިޔާއަށެވެ.” އޭނާއާ އެންމެ ކައިރީގައިވާނީ އޭނަގެ އަނބިމީހާއެވެ. ވުމާއެކު އަރަބިން އަނބިމީހާއަކީ އަވަށްޓެރިއެކޭ ބުނެއެވެ.

ތިމާގެ އަވަށްޓެރިން ދެކެ ލޯބިވުމަކީ ރަނގަޅު ކަމެކެވެ. ހުރިހާ ދީނެއްގައި ވެސް އަދި ހުރިހާ މަޒްހަބެއްގައި ވެސް އަވައްޓެރިންނަށް ރަނގަޅަށް ކަންތައް ކުރުމަކީ ރިވެތި އަޚްލާޤް ކަމުގައި ބެލެވެ އެވެ. އަވައްޓެރިން ފެށެނީ ތިމާ ދިރިއުޅޭ ގޭގެ ކައިރީގައި ހުންނަ ގެތަކުގައި ދިރިއުޅޭ މީހުންނާ ހިސާބުންނެވެ.

އެކަމަކު އަވަށްޓެރިން ހަމައެކަނި ގޭކައިރި ހިސާބުގައި އުޅޭމީހުންނާ ހަމައިން ނިމެނީއެއް ނޫނެވެ. މިއަށްވުރެން އަވަށްޓެރިން މާނަ ފުޅާވެގެންވެއެވެ. އެގޮތުން ވިޔަފާރިކުރުމާއި ބާޒާރާއި ދަނޑުތަކާއި އޮފީސްތަކާއި ސްކޫލުތަކާއި އަދި މިނޫންވެސް ތަންތާނގައި ތިމާއާ އެކުގައިއުޅޭ މީހުންނަކީވެސް އަވަށްޓެރިންނެވެ.

އަދި އަވަށްޓެރިންގެ މަފްހޫމްގެ ތެރޭގައި ދަތުރުކުރާ އެކުވެރިޔާ ހިމެނެއެވެ. އެއީ އޭނައާއެކުގައި އެއްތާކުގައި ވާތީއެވެ. އޭގެތެރެއިން އެކަކު އަނެކާއަށް އަވަށްޓެރިކަމުގެ ހައްގު އަދާކުރަންޖެހޭނެއެވެ.

އިސްލާމްދީނުގައި އަވަށްޓެރިންނަށް ވަރަށް ބޮޑެތި ހައްގުތަކެއް ވަނީ ދެއްވާފައެވެ. އެގޮތުން: 

1. ސަލާމް ގޮވައިފިނަމަ ޖަވާބު ދިނުން، އަދި ދަޢްވަތެއް ދީފިނަމަ އެދައުވަތު ގަބޫލު ކުރުން. މިއީ ކޮންމެ މުސްލިމަކު އަނެއް މުސްލިމެއްގެ މައްޗަށްވާ ހައްގެއް ވެސް މެއެވެ. އެހެންނަމަވެސް، އަވަށްޓެރިން ގެ ހައްގުގައި މިހައްގު އިތުރަށް ބޮޑުވެގެންދެ އެވެ. 

2. އަވަށްޓެރިޔާ އަށް އުނދަގޫވެދާނެ ކޮންމެ ކަމަކުން ދުރުހެލިވެ ރައްކާތެރި ވުން. އެއްވެސް އިންސާނަކަށް އަނިޔާވެރި ވުމަކީ ނުވަތަ ގޯނާ ކުރުމަކީ އިސްލާމް ދީނުގައި މަނާ ކުރައްވާފައިވާ ކަމެކެވެ. ނަމަވެސް އަވަށްޓެރިޔާ އަށް ގޯނާ ކުރުމަކީ ފާފަ އިތުރުވެގެންދާ ކަމެކެވެ.

3. އަވަށްޓެރިންގެ ފަރާތުން ވާ އުނދަގޫތައް ތަޙައްމުލް ކުރުން: ވަރަށް ގިނަފަހަރަށް ތިމާ އަމިއްލަ އަށް މީހަކަށް އުނދަގޫވާ ފަދަ ކަމެއް ނުކޮށް ހުރެވިދާނެއެވެ. ނަމަވެސް، އެހެން މީހުން ގެ ފަރާތުން ލިބޭ ދުއްތުރާ ތަކާއި އުނދަގޫތަކަށް ކެތް ކުރުމަކީ އެހާ ފަސޭހަ ކަމެއް ނޫނެވެ.

4. އަވަށްޓެރިޔާގެ ހާލުބަލާ އޭނާގެ ކަންކަމުގައި އެހީތެރިކަން ފޯރުކޮށް ދިނުން

5. އަވަށްޓެރިޔާގެ އައިބުތައް ފޮރުވައިދިނުން  

ރަސޫލާ صلى الله عليه و سلم ގެ ހަޔާތްޕުޅުގައި، އެކަލޭގެފާނު ވީހާވެސް ރަނގަޅަށް އަވަށްޓެރިޔައާ މެދުގައި އަމަލުކުރުމަށް ސަހާބީ ބޭކަލުންނަށް އަންގަވާފައެވެ. އެގޮތުން އެކަލޭގެފާނު ޙަދީޡްކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައިވެއެވެ.

މާނައީ: ("ﷲ އާއި އާހިރަތް ދުވަހަށް އީމާންވާ މީހާ އޭނާގެ އަވަށްޓެރިޔާ އަށް ހެޔޮކޮށް ހިތާހުށި ކަމެވެ.")

ހަމަ އެހެންމެ، އަވަށްޓެރިޔާގެ ހާލުބަލާ އޭނާގެ ކަންކަމުގައި އެހީތެރިކަން ފޯރުކޮށް ދިނުމާ ބެހޭގޮތުން، ރަސޫލުﷲ صلى الله عليه و سلم ޙަދީޘް ކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައިވެ އެވެ.

މާނައީ: ("އޭނާގެ އަވަށްޓެރިޔާ ބަނޑުހައި ހޫނު ކަންމަތީގައި ހުރިކަން އެނގިހުރެ، ބަނޑު ފުރައިގެން ހުރެއްޖެ މީހާ އަކީ އީމާން ވެގެންވާ މީހެއް ނޫނެވެ." ) (ސުނަން ތިރްމިޒީ، ހަދީސް ނަންބަރު، 1943)

އަރަބި އަދަބީ ބަހެއްގައި ވެއެވެ. "ގެއެއް ހޯދުމުގެކުރިން އަވަށްޓެރިއެއް ހޯދާށެވެ." މިޒަމާނުގައި އެންމެންވެސް ދިރިއުޅުމެއް ފެށުމުން، ދިރިއުޅެން ދަނީ ތިމާގެ ޢާއިލާއާ ދުރުގައި ވަކިންނެވެ. މިހެން އުޅޭ ހިނދު ރަނގަޅު ހެޔޮލަފާ އަވަށްޓެރިއެއް ލިބިފައިވާނަމަ، އޭނާގެފުށުން ރައްކާތެރިކަމާއި ފަސޭހަތަށް ލިބިގެންދާނެއެވެ.  

ސަލަފުއް ސޯލިހުން ކަންތައް ކުރެއްވި ގޮތަކީ އަވަށްޓެރިންގެ ގޭތަކަށް ޒިޔާރަތްކޮށް އެމީހުންނަށް ކަމެއް ބޭނުންވެފައިވޭތޯ ބަލާ އޮޅުން ފިލުވާ ހެއްދެވުމެވެ. ބައެއް ސަހާބީންނަށް ހަދިޔާ އެއް ލިބުމުންވެސް އަވަށްޓެރިންނަށް ބައެއް ފޮނުއްވާ ކަމަށް ވެއެވެ. އަދި އެ އަވަށްޓެރިޔާ އެހެން އަވަށްޓެރިޔަކަށް ބައި އަޅައެވެ. 

މިގޮތަށް އެތަށް ގެޔަކަށް ބައިއެޅެމުން ދެއެވެ. އެއްދުވަހަކު ޢަބްދުﷲ ބިން ޢުމަރު ބަކަށްޓެއް ކަތިލެއްވިއެވެ. އަދި އެކަލޭގެފާނުގެ ޣުލާމަށް ދެންނެވިއެވެ. މިބަކަރި ކޮށާ ނިމުމުން ފުރަތަމަވެސް އަހަރުމެންގެ އަވަށްޓެރި ޔަހޫދީ މީހާ އަށް ދޭށެވެ. ޢަބްދުﷲ ބިން އުމަރު ގެ އުލާމު ވިދާޅުވި އެވެ. އުއްމުލް މުއިމިނީނަ އާއިޝާ ރަޟިޔަﷲ ޢަންހާ ގެ ކިބައިން ސުވާލު ކުރީމެވެ. ތިމަންނާގެ ދެއަވަށްޓެރިން ތިބެއެވެ. އެތަނުން އިސްކަން ދޭންވީ ކާކަށް ހެއްޔެވެ. އެކަމަނާ ވިދާޅުވިއެވެ. ތިބާ އާއި އެންމެ ކައިރި ދޮރަށް އިސްކަން ދޭށެވެ.

ތިބާގެ އަވަށްޓެރިޔާއަށް، ތިބާ އިހުސާންތެރި ވާށެވެ. އޭރުން ތިބާ ފުރިހަމަ މުއުމިނަކަށް ވާ ހުއްޓެވެ. ތިބާގެ އަމިއްލަ ނަފުސަށް އެދޭ ކަންތައްތައް، މީސްތަކުންނަށް ތިބާ އެދޭށެވެ. އޭރުން ތިބާ ފުރިހަމަ މުސްލިމަކަށް ވާ ހުއްޓެވެ. އިސްލާމް ދީނަކީ އަހުލާގެވެ. ރިވެތި އަހުލާގެވެ. އަވަށްޓެރިންނަށް ކަމޭހިތުމަކީ އަހުލާގުގެ ތެރެއިން ވާ ކަމެކެވެ.

ރަމަޟާން މަހުގެ ދުވަސްތައް ދުވަހަކަށްފަހު، ދުވަހެއް އަޅުގަނޑުމެންނާ ވަކިވަމުން ދަނީއެވެ. ރަމަޟާން މަހުގެ ފުރަތަމަ ދިހައިގެ ދުވަސްތައް ވަކިވަމުން ދާއިރު، މި ރޯދަމަހުގެ ދުވަސްތަކުން އަޅުގަނޑުމެންނަށް ހާސިލް ކުރެވުނީ ކޮންކަމެއްތޯއެވެ. ހެޔޮކަމުގެ ތިލަފަތް ބުރަކުރުމަށްޓަކައި ކުރެވުނީ ކޮންކަމެއްތޯއެވެ؟ 

ތިމާގެ އަވަށްޓެރިންނާއި އެނޫން މީހުންނަށް އެހީތެރިކަން ފޯރުކޮށްދީގެން ތިމާގެ ރަހުމަތް މީސްތަކުންނަށް އާންމު ކުރާށެވެ. ކީރިތިރަސޫލާގެ އަރިހުން ވާރިދުވެފައިވާ ބަސްފުޅެއްގެ މާނާގައިވެ އެވެ. "ބިމުގައި ދިރިއުޅޭ މީހުންނަށް އޯގާވެރިވާށެވެ. އޭރުން އުޑުގައިވާ ރަސްކަލާނގެ ތިޔަބައިމީހުންނަށް އޯގަވެވޮޑިގަންނަވާނެއެވެ."

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް