ބަލި މީހަކާއި ބައްދަލުކުރި ނަމަވެސް އަދި ހިތްދަތިކަމެއްގައި އުޅޭ މީހަކާއި ބައްދަލުކުރި ނަމަވެސް ހިނިތުންވުމާއިއެކު ބައްދަލުކުރުމުން އޭނާއަށް ލިބޭ ވޭންތައް ކުޑަވާ ކަމަށް ސިއްހީ މާހިރުން ބުނެއެވެ. އެހެން އެބުނަނީ އެކަކު އަނެކާއާއި މެދު ހިނިތުން ވުމާއިއެކު އުފާވެރިކަން އިހުސާސް ކުރެވޭތީއެވެ. ބަލިން ވީއްލުމަށް މަގުދައްކާތީ އެވެ.
އިސްލާމްދީނުން އަޅުގަނޑުމެންނަށް ދައްކުވައިދޭ އެންމެ މުހިންމު ކަމަކީ، ރިވެތި އަހުލާގެވެ. މުޅި އިސްލާމްދީނަށް އަޅުގަނޑުމެން ނަޒަރު ހިންގާލާއިރު، އަޅުގަނޑުމެންނަށް ފެންނަނީ، ރިވެތި އަހުލާގެވެ. އެކަކު އަނެކަކަށް އިހުތިރާމު ކުރަންޖެހޭކަމާއި، އެކަކު އަނެކަކަށް ކަންކަމުގައި މާފުކުރަންޖެހޭކަމާއި، އަޅައިލުމާއި ހިތްހެޔޮކަން، އެހެން މީހުންނާ ދޭތެރޭ ބަހައްޓަން ޖެހޭނެކަމެވެ.
އަޅުގަނޑުމެން މީހަކަށް ކޮށްދޭ ހެޔޮ ކަމަކުން، ބުނާ ހެޔޮ ބަހަކުން، އަޅުގަނޑުމެންނަށް ދެވޭ ހިނިތުންވުމަކުން، އަޅުގަނޑުމެން އަތުންދާ ހަމަ އެއްވެސް އެއްޗެއް ނެތެވެ. މާނައަކީ، މާއްދީ އެއްވެސް އަގަކާއިނުލައި އެކަކު އަނެކަކަށް ދެވޭ އެންމެ އަގުބޮޑު އެއްހަދިޔާއަކީ ހިތްހެޔޮކަމާއެކު އުފާވެރިކަމުގެ ހިނިތުންވުމަކުން ހިނިތުންވެލުމެވެ.
ދަތި އުނދަގުލެއް ދިމާވާ މީހަކަށް އެހީތެރިވެދިނުމާއި، އޯގާތެރިކަން އިސްކުރުމުން އަޅުގަނޑުމެން ދާން ބޭނުންވާ މަގުން، އެންމެ ފަސޭހަކޮށް ކަންތައްތައް ކާމިޔާބުކުރަން ފަސޭހަވެދެ އެވެ. އޭގެ ނަތީޖާ އަކީ ހިނިތުންވުމާއި އެކު ދެވޭ ސޮދަގާތެކެވެ.
ހިނިތުންވުމަކީ ގުޅުންތައް ފެށުމުގެ ސިއްރެވެ. ގުޅުންތައް ދެމިއޮތުމުގެ ސަބެބެވެ. ގުޅުންތަކުގެ ކާމިޔާބުގެ އެފަދަ ދެވަނެއް ނުވާ މަގެވެ. ހިނިތުންވުމަކީ ނަފުރަތާއި ނުނިޔަތް ނައްތާލަނިވި ބާރުގަދަ ހަތިޔާރެވެ. ހިތްހެޔޮވެ. ހިނިތުންވާށެވެ. މިހާރު ތިޔަ ތަހައްމަލު ކުރަމުންދާ ހިތާމަތަކަށް އޮތް ލުޔަކީ ވެސް އެއީ އެވެ.
ދުވާލެއްގެ ހިނިތުންވުމަކުން ޑޮކްޓަރު ދުރުކޮށްލަ އެވެ.
ހިނިތުންވުމަކީ ތިމާގެ ކިބައިން އަޑުއިވޭ އެންމެ އާންމު އެއް ނަސޭހަތެވެ. ނަމަވެސް މޫނު ބުރުގާ އުފުލާލުމަކީ ޖަޒުބާތީ ހާލަތެއްގައި ހުންނައިރު މޫޑާއި ސިއްހީ ފައިދާތައް އުފުލިގެންދާނެ ކަމެކެވެ. އަދި ތަސްވީރުތަކުގައި އަދި މީހުންނާ ބައްދަލުވާއިރު މީހުން ހިނިތުންވެލާކަން ފާހަގަ ކުރެވިދާނެ ކަމަށާއި، މިއީ ހިނިތުންވުމަކީ މީހުންނާ ރަނގަޅު ގުޅުންތަކެއް އުފެއްދުމުގައި ދައުރެއް އަދާކުރާ ކަމެއް ކަމަށް ވެސް ފާހަގަ ކުރެވިދާނެ އެވެ.
ހިނިތުންވުމަކީ ހަމައެކަނި އަހަރެމެންނަށް ރީތި ކަމެއް ދިމާވުމުން ލިބޭ ރިއެކްޝަނެއް ނޫނެވެ. އަޅުގަނޑުމެންނަށް އެކަން ކުރަން އިހުތިޔާރު ކުރެވޭނީ ބިރުވެރި ކަމެއް ދިމާވެގެން ނުވަތަ އަޅުގަނޑުމެންނަށް ރަނގަޅު އިހުސާސެއް ނުކުރެވިގެން، ކޮންމެ ހާލަތަކަށް ބެލުމެއްނެތި ހިނިތުންވުމުގެ އަމަލަކީ އަޅުގަނޑުމެންނަށް އެތައް ފައިދާތަކެއް ލިބިގެންދާނެ ކަމެކެވެ.