ads
ހިޔާގެ ބައެއް ޓަވަރުތަކެއް: ފޮޓޯ:މިހާރު
ހިޔާ ޓަވަރުގައި އިތުރު ލިފްޓް ހަރުކުރަން އަންނަމަހު ފަށާނެ: ރައީސް
އަންނަ މަހުގެ ތެރޭ ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓްތައް ހަރުކުރުމަށް އަމަލީ މަސައްކަތް ފެށުމަށް މޮބިލައިޒް ކުރާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ހިޔާ ފްލެޓްތަކުގެ އިތުރު ލިފްޓް ހަރުކޮށް ނިމެނޭ ތާރީހާއި ގުޅޭގޮތުން މީހަކު ކުރި ސުވާލަށް "ރައީސްގެ ޖަވާބު"ގައި ރައިސް ވިދާޅުވީ، ހިޔާ ފްލެޓްތަކުގައި އިތުރު ލިފްޓް ހަރު ކުރުމަކީ އެމަނިކުފާނު ވެވަޑައިގެންނެވި ވައުދެއް ކަމަަށާއި، އެ މަސައްކަތް ކުރުމަށް ބަޔަކާއި ހަވާލުވެސް ކުރެވިފައިވާ ކަމަށެވެ.

"މިހާރު ކުރިޔަށްދަނީ މި ލިފްޓުތަކުގެ ޑީޓެއިލް ޑިޒައިނިންގެ މަސައްކަތް. ކުރިޔަށް މިއޮތް މަސްތެރޭގައި އެ ލިފްޓުތަކުގެ އަމަލީ މަސައްކަތް ފެށިގެންދާނެ" ރައީސް ވިދާޅުވި އެވެ.

މި ލިފްޓުގެ އަމަލީ މަސައްކަތް ވީހާވެސް އަވަހަކަށް ނިންމާލަން ސަރުކާރުން ބާރު އަޅަމުންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ. 

ސަރުކާރުން އެ ކުންފުންޔާ އެޑްވާންސް ޕޭމަންޓް ވަރަސް އަވަހަށް ދައްކާނެ ކަމަށާއި އެގްރިމެންޓުގައިވާ ގޮތުން އެ ޕޭމަންޓު ދޭތާ އެއްމަސްތެރޭގައި މި ލިފްޓުތައް މޮބިލައިޒް ކުރަން ޖެހޭނެ ކަމަށް ރައީސް ވިދާޅުވި އެވެ. 

ހިޔާ ފްލެޓްތަކުގައި އިތުރު ލިފްޓުތައް ހަރުކުރުމަށް އެޗް.ޑީ.ސީން ހަވާލުކޮށްފައިވަނީ ޝެންޔަންގް ޔުއާން އިންޓެލެކްޗުއަލް ގުރޫޕާއެވެ. ހިޔާގެ 16 ޓަވަރު ހުންނައިރު އެއިން ކޮންމެ ޓަވަރަކަށް 2 ލިފްޓް އިތުރުކުރުމަށް ރައީސް ވަނީ ނިންމަވާފަ އެވެ. އެހެންކަމުން ޖުމުލަ 32 ލިފްޓް ބެހެއްޓުމަށް ހަމަޖެހިފައިވެ އެވެ. އެއީ ސްޓްރެޗަރ ނުވަތަ ބަލިމީހުން އުފުލޭނެ ލިފްޓަކާއި، 14 މީހުންގެ ޖާގައިގެ ލިފްޓެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް