ގޯއްޗާއި ފްލެޓް ދިނުމަށް އެކުލަވާލި ކޮމިޓީގެ ޗެއާކަން ވެސް ކުރެއްވި އަކްރަމް މިހެން ވިދާޅުވީ، ބިންވެރިޔާ ސްކީމްގެ ދަށުން ކުރީ ސަރުކާރުން ހުޅުމާލެއިން ދޫކުރި ގިނަ ގޯތިތަކެއް ފެނާއި ނަރުދަމާގެ ސާވިސް ލައިން އަރާ ގޮތަށް ދޫކޮށްފައިވާ ކަމަށް އެޗްޑީސީން މިއަދު ބުނުމާއި ގުޅިގެންނެވެ.
އެޗްޑީސީން ފާހަގަކުރި ގޮތުގައި ބައެއް ގެތައް ކުރަހާފައިހުރީ މަގުތަކާ ގޯޅިތަކަށް އަރާގޮތަށްކަމަށެވެ. އެހެންކަމުން އެފަދަ ސަރަހައްދުތަކަށްވެސް ކޮންމެހެން ވެސް ބަދަލުގެންނަންޖެހޭ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.
އަދި މަގުތަށް ހުރަސްވާ ގޮތަށް ވެސް ބައެއް ގޯތިތައް ކުރަހާފައިވާ ކަމަށާއި، ބައެއް ގޯތިތައް ދޫކޮށްފައިވަނީ ބައެއް ޔުޓިލިޓީ ވިއުގައިގެ މައި ހޮޅިތައް އަޅާފައިވާ ހިސާބުތަކުން ކަމަށް ވެސް އޭނާ އެޗްޑީސީން ފާހަގަކުރެ އެވެ.
އެ ވާހަކައަށް ރައްދުދެއްވަމުން އަކްރަމް ވިދާޅުވީ އެއީ ރައްޔިތުންނަށް އޮޅުވާލުމުގެ މަގުސަދުގައި އެޗްޑީސީން އާންމުކުރި މައުލޫމާތުތަކެއް ކަމަށެވެ. އަދި ބިންތައް ދޫކޮށްފައި ވަނީ އެޗްޑީސީން ތައްޔާރުކޮށް ދިން ލޭންޑް ޔޫސް ޕްލޭންއާ އެއްގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.
އަކްރަމް ވިދާޅުވީ ރައްޔިތުން ގުނބޯ ނުހެއްދުވުމަށް ރައީީސް މުއިއްޒަށް ދަންނަވާ ކަމަށެވެ.