އަހަރެންގެ ކެބިންއަށް ބަލައިލީމެވެ. މަސައްކަތްނުނިމި ހުރި ފައިލްތައް ފުނިޖެހިފައި އޮތަސް، ޝައުގުވެރިކަމާއެކު ޝާމިލްވާނެ އެއްވެސް މަސައްކަތެއް ފާހަގައެއް ނުކުރެވުނެވެ.
މިޒްރާ ކޮބައިތޯ ބަލައިލުމުގެ ޝައުގުވެރިކަން އުފެދުމުން ހިނިތުންވެލީމެވެ. މިކަހަލަ ކަންކަމުގައި އާދައިގެ ގޮތަކަށް ހިނިތުންވުމަކީ އަހަރެންނަށް އާންމުކަމެއް ނޫނެވެ.
އޭނާގެ ކޮޓަރި އަހަރެން ހުޅުވާލިއިރު އެތަން ހުރީ ހުހަށެވެ.
"އަނެއްކާ މީނާ ކޮންތާކަށް ދިޔައީ.. އަހަރެން ފޫހިވެގެން މަރުވާވަރުވެއްޖެ.." ވީފޫއްސަކުން އަހަންނަށް ބުނެވުނެވެ.
މާޔޫސްކަމާއެކު އެ ކޮޓަރީގެ ދޮރު ލައްޕާފައި އެނބުރެލިވަގުތު ލޮލުގައި އަޅައިގަތީ ޑޭޑްއެވެ. ޑޭޑް ހިނގަމުންއައީ ސީދާ އަހަންނާއި ދިމާއަށެވެ. ޑޭޑް އަރާހަމަވަންދެން އަހަރެން ފިޔަވަޅެއްވެސް ކުރިއަށް ނާޅާ މަޑުކުރީމެވެ.
"ސޯ... ހައުޒް ލައިފް..؟" ޑޭޑް ސުވާލުކުރިއެވެ.
"ނޮޓް ގުޑް އިނަފް.." އަހަރެން ބުނީމެވެ.
"އަހަރެން އުއްމީދުކުރީވެސް ތިކަހަލަ ޖަވާބަކަށް.." ޑޭޑް ބުނެލިއެވެ.
"ފައިންޑިންގ ސަމްވަން..؟!" ޑޭޑްގެ ވާހަކަ ގެންދާ މިސްރާބު ބަދަލުކުރުމަށްޓަކައި އަހަރެން ސުވާލުކުރީމެވެ.
"ޔެސް"
ލިބުނު ކުރު ޖަވާބުން އަހަރެންގެ ބުމަ މައްޗަށް ހިއްލާލީމެވެ.
"ޖޯއި.."
"ޖޯއި..!!؟؟" އަހަންނަށް ގަބޫލެއް ނުކުރެވުނެވެ.
"އުމްމްމްމ.. އަހަރެން އޭނާ މި ހޯދަނީ މިޒްރާއަށް މި ފައިލްތައް ހަވާލުކޮށްލުވަން ވެގެން.. މިއީ ޖީ އެމް ޕޯސްޓްގެ ކެނޑިޑޭޓުންގެ..."
ޖުމުލަ ފުރިހަމަ ކުރުމުގެ ކުރިން އެއިގެ ތެރެއަށް އަހަރެން ވަނީމެވެ.
އާނނނ.. މިޒްރާ! އަހަރެންގެ ސިކުނޑި ހޭލީ އެ ހިސާބުންނެވެ.
"އަހަރެން ތީތީ ރައްދު ކޮށްދޭނަން.." އަވަސް އަވަހަށް އަހަރެން ބުނީމެވެ.
"ޔޫ..؟!"
"ޔާ..! ވައި ނޮޓް.." އަހަރެން ބުނީމެވެ. އަހަރެންގެ ހިތް އަވަސްވެފައިވާވަރު ޑޭޑްއަށް އަންގާކަށް ބޭނުމެއް ނޫނެވެ.
"ތިއީ ހަމަ ނާދިފް ތަ!؟" ޑޭޑް އަނެއްކާވެސް ވާހަކަ ކުރިއަށް ގެންދަން އުޅުނެވެ.
"ޑޭޑް.." ރާގު ބަދަލުކޮށްލާފައި އަހަރެން ބުނީމެވެ.
"އަހަންނަށް ހީވަނީ މިޒްރާ ވާނީ ކޮންފެރެންސް ހޯލްގައިހެނ.." ވީ އެންމެ އަވަހަކަށް ލިފްޓަށް އެރޭތޯ އަހަރެން ބާރަށް ހިނގައިގަތީމެވެ. ކޮންފެރެންސް ހޯލަށް އަހަރެން ދިއުން ލަސްވެއްޖެކަން ޔަގީނެވެ.
.....................................
ފުރަތަމަ ކެނޑިޑޭޓްގެ ފައިލް އަހަރެން ހުޅުވާލީމެވެ. ފުރަތަމަވެސް އަޅައިގަތީ ސީވީގެ ފުރަތަމަ ގަނޑުގެ ކަނާތްފަރާތުގައި ހަރުކޮށްފައި އިން ޕާސްޕޯޓް ސައިޒްގެ ފޮޓޯއެވެ.
"އިޓް ވޯޒް ހިމް!"
އޭނަގެ ނަން އަހަރެން ޝޯޓްލިސްޓެއް ނުކުރަމެވެ. ދެން އޭނަގެ ޕްރޮފައިލް އަހަރެންގެ މޭޒުމައްޗަށް އައީ ކިހިނެއް ހެއްޔެވެ؟
ޝ..ޓ! ޝައްޔާން ސަރ..؟ އިތުރު ދެ ކެނޑިޑޭޓްގެ ފައިލް މިތަނުގައި އެބައޮތެވެ. ޔާﷲ މިއަޅާއަށްޓަކައި ކިތައް އިމްތިހާން މަތިމައްޗަށް ފޮނުއްވާނަންތޯއެވެ.
ދޮރުގައި ޓަކިޖަހާލި އަޑަށް އަހަރެންގެ އަމިއްލަ ޝަކުވާގެ ތެރެއިން ނިކުތީމެވެ.
"ކަމް އިން.."
ހިފަހައްޓައިގެން އިން ފައިލް ތިރިކޮށްލަމުން ދޮރާއި ދިމާއަށް އަހަރެން ބަލައިލީމެވެ.
"ގުޑް މޯނިންގ.. މި ޒް ރާ..!؟؟؟؟" އަހަރެންގެ ނަން ދުލުން ބޭރުވުމާއެކު، ލިބުނު ޝޮކްގައި އޭނާ ހުއްޓުނެވެ.
މޫނުމަތީން ކުޑަވެސް އަސަރެއް ދައްކާނުލާ އަހަރެން ތެދުވީމެވެ.
"ހާދަ ދުވަހެއްކޮށްލާފައި މި ފެނުނީ...!!" ދިގު ފިޔަވަޅުތައް ނަގަމުން އަހަންނާއި ދިމާއަށް އޭނާ މިސްރާބު ޖެހިއެވެ.
"ވަންދޮރުން ހަމަމިހާރު ބޭރަށް..." ހަރުކަށިކަމާއެކު އަހަރެން ބުނީމެވެ.
"އެކްސްކިއުޒްމީ...!؟"
"އަހަރެން މިބުނީ ހަމަމިހާރު މިތަނުން ނިކުންނާށޭ..!" ކުރިއަށްވުރެން ބާރަށް އަހަރެން ބުނީމެވެ.
"އިންޓަރވިއު..؟" ހައިރާންވެފައި އޭނާ ސުވާލުކުރިއެވެ.
"ރިޖެކްޓެޑް..! ހަމަ މިހާރު ދޮރުން ބޭރަށް..!" އަހަރެންގެ އަޑު ދިޔައީ ގަދަވަމުންނެވެ.
"މީ ކޮންފަދަ ކަމެއް..؟ މާކުރީގެ ހާދިސާއަކަށް ބަދަލު ހިފަންވެގެން މިކަމާ ތި އަޅުވ.." ވާހަކަ ދެއްކުމުގެ ފުރުސަތުދޭކަށްވެސް އަހަރެން ބޭނުމެއް ނޫނެވެ.
"އަހަރެން މިބުނީ ހަމަ މިހާރު މިތަނުން ނިކުންނާށޭ.. ޔޫ މޭ ލީވް..!" ހަރުއަޑުން އަހަރެން ބުނީމެވެ.
"މިޒްރާ..، ތި ހަލާކު ކޮށްލަނީ އަހަރެންގެ ކެރިއަރ.." ދިފާއުގައި ބުނެލިއެވެ.
"ކެރިއަރ އަށް ހަމަ އެއްވެސް ބަދަލެއް ނާންނާނެ.. ކުރިއަށް ދާންވީ..!" އެ އަޑަށް އަހަރެން ބަލައިލީމެވެ.
"ހޫމް.. މިތަނަށް މިވަގުތު މަދުވާ މީހާ އެ ހާޒިރުވީ" ދަތްކުނޑިވިކާލާފައި އަހަރެންގެ ކަންފަތައް އިވޭވަރަށް ވައިއަޑުން އަހަރެން ބުނީމެވެ.
"ޔާﷲ މިއަޅާގެ ހަޔާތުން މި ދެ އިންސާނުން ދުރައްދާނެ ގޮތެއް މެދުވެރިކުރައްވާށި"
"އަހަރެން ބުނި އެއްޗެއް ސާފު ނުވަނީތަ؟ ނޫނީ ބުނި އެއްޗެއް އަޑު ނީވެނީތަ؟" ދަތްކުނޑިވިކާލާފައި އަހަރެން ބުނީމެވެ.
"މިޒްރާ ދޫންޏާ... އަހަރެން..!" އަނެއްކާވެސް އޭނާ ވާހަކަދެއްކިއެވެ.
"އޭނާ ބުނާއެއްޗަކަށް ބަލާނެކަމެއް ނެތް.. މާދަމާއިން ފެށިގެން ވަޒީފާއަށް ނިކުންނަން ފަށަންވީ" އަހަރެންނާއި ކަނޑައެޅިގެން އިދިކޮޅަށް ނާދިފް ގޮތް ނިންމިއެވެ.
"ނާދިފް... ނިކުމޭ..!" ދެލޯ ވައްކޮށްފައި އަހަރެން އަމުރު ކުރީމެވެ. ކުރިމަތީގައި ތިބި ދެ ފިރިހެނުންކުރެ ހަމަ އެކަކުވެސް އެންމެ ފިޔަވަޅެއްވެސް ގުޑާނުލިއެވެ.
"އިޓްސް ސަރ، މިޒްރާ! އެންޑް ޔޫ... ވަޓްސް ޔޯ ނޭމް..؟؟"
'އަމިއްލައަށް ހީވަނީ ކަންނޭގެ ތިމަންނާ މިއީ އިނގިރޭސި ރަސްގެފާނުކަމަށް'
"މިންހާލް..! މިންހާލް ޖަމާލް ސަރ!" މިންހާލް ތައާރަފް ވިއެވެ.
"ޔާ! މިންހާލް..! މާދަމާ ހެނދުނު އަށްގަޑި ސުންމިނެޓަށް..! ގަޑިޖެހުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން.."
"ޔެސް.. ސަރ.. ތޭންކް ޔޫ..!" ޝުކުރު އަދާކޮށްފައި ވަގުތުން މިންހާލް ނިކުމެއްޖެއެވެ.
"ނާދިފް.. ކޮންފަދަ ކަމެއް ތީ؟ މިއީ އަހަރެންގެ ޒިންމާގައި އޮންނަ ކަންކަން.. މިކަމުގެ ތެރެއަށް ނާދިފް ވަންނާކަށް ނުޖެހޭނެ" ނުރުހުމާއެކު އަހަރެން ބުނީމެވެ.
"އާވވވ.. ހިތުގައި ޖެހުނީ..؟" މަލާމާތުގެ ރާގެއްގައި ބުނެލަމުން އަހަންނާއި ދިމާއަށް ނާދިފް މިސްރާބުޖެހިއެވެ.
"ކޮން ގޮތަކަށް ބަލާފައި އެވަރުގެ މުހިއްމު މަގާމަކަށް އޭނަ ތި ނެގީ؟" ރުޅިއައިސްފައި އަހަރެން ސުވާލުކުރީމެވެ.
"އަޅޭ.. ކޮންކަހަލަ ބާހަކައެއް ތި ދައްކަނީ.. ހީވާހީވުމަށް އެއީ ކަލޭގެ 'ވަރަށް ގާތް ރައްޓެއްސެއް'.. އެހެންވީމާ އެކުގައި މަސައްކަތްކުރަން ދެމީހުންނަށް ލިބެން އޮތް ފުރުސަތު ގެއްލުވާލަން ހެޔޮނުވާނެއްނުން.." ކޮމާގެ ހަރަކާތް ދެއަތުން ދައްކާލަމުން ނާދިފްކުރީ މަލާމާތެވެ. ނުވަތަ ޖެއްސުމެވެ.
"ނާދިފް" އަހަރެންވެސް ގޮތް ދޫކުރާކަށް ނެތީމެވެ.
"ސަރ..! ކޮން ނާދިފް، ނާދިފް އެއް..! ގެއަށް ގޮއްސަ، މިބުނީ އޮފީހުން ބޭރަށް ނިކުމެފައި ނާދިފްއަށް ގޮވާބަލަ..!" ނާދިފްގެ މަގްސަދަކީ އަހަރެން ރުޅިގަދަކުރުވުންކަން ޔަގީނެވެ.
ކުރިއަށް މިދަނީ ނިމުމެއް ނެތް ޒުވާބެއްކަން ޔަގީނެވެ. އާޚިރުގައި ހުރިހާ ދެރައަކާ ކުރިމަތިލާންޖެހޭނީ އަހަންނަށެވެ. އިތުރަށް އަނގަވެސް ހުޅުވާލަން ބޭނުންނުވާތީ ފައިލްތައް ހިފައިގެން އަހަރެން މިސްރާބުޖެހީ ދޮރާއި ދިމާއަށެވެ. ނަމަވެސް ނާދިފް އަހަރެންގެ އަތުގައި ނިކަން ބާރަށް ހިފާފައި ކުއްލިޔަކަށް ދަމައިގަނެ ފާރުގައި އަހަރެން ތަތްކޮށްލިއެވެ. ފާރުގައި ބޯ ޖެހުނީ ނިކަން ބާރަށެވެ.
"ނާދިފް.. އަހަރެންގެ އަތުން ދޫކޮށްލާ.." ވީތަދުން އަހަރެން ހަޅޭއްލަވައިގަތީމެވެ.
ސީދާ އަހަރެންގެ ލޮލަށް ބަލަމުން ނާދިފް އަހަންނާއި ގާތްވަމުންދިޔައެވެ.
"އެއީ މިޒްރާގެ އެކްސް-ބޯއިފްރެންޑް.. ދޯ؟" ދެބުމަ ހިއްލާލަމުން ނާދިފް ސުވާލުކުރިއެވެ.
ބުނާނެ އެއްޗެއް ނޭންގުމުން، ހައިރާންވެފައި އަހަންނަށް ބަލައިލެވުނީ ނާދިފްގެ މޫނަށެވެ. މީނާ، އަހަންނަށް ފާރަލާންފެށީ ކޮން އިރަކު ހެއްޔެވެ؟ ނޫނީ މިއީ ސީއައިޑީ ބަލާމީހަކީ ހެއްޔެވެ؟
"އޫޕްސް.. ސޮރީ! މިއީ އެއްކަލަ އެއް ހަފްތާއަށް މިޒްރާ ބޭނުންކޮށްލާފައި އެއްލާލީ ސޮރު ދޯ؟" ހިނިގަނޑެއް ޖަހާލަމުން ނާދިފް ބުނެލިއެވެ.
"ނާދިފް... ހަމަ މިހާރު އަހަރެންގެ އަތުން ދޫކޮށްލާ..!" އަހަރެންގެ އަޑުގައި ހަރުކަށިކަން ނޫނީ މިވަގުތު ނުވެއެވެ.
"ރަގަޅަށްތަ މި ބުނެވުނީ..؟" ނާދިފްގެ ތުރާކުރުން ނިންމާކަން ނޫޅުނެވެ.
އަހަރެންގެ ސިކުނޑީގައި މާޒީގެ ރިހުންތައް އާކުރަން ފެށިއެވެ. ދެ ލޯ ހިތްވަރު ކުރަމުންދިޔައީ، އެސްފިޔަތައް ފޫ އަޅުވާލާފައި ކަރުނަގަނޑު ފޭބިޔަ ނުދިނުމަށެވެ. ގައިގައި ހުރި ބާރެއް ލާފައި ދެއަތުން، އަހަރެންނާއި ދުރަށް ނާދިފް ކޮށްޕާލީމެވެ. އަހަރެންގެ ދެ ކޯތާފަތް ފޮހެމުން އަހަރެން ދުއްވައިގަތީމެވެ.
އެންމެ ހިނދުކޮޅަކަށްވެސް ކަރުނަ ނުހިފެހެއްޓުނެވެ. އަހަރެންގެ ކެބިންއަށް ވަދެވުމާއި ހަމައަށް އަހަރެންގެ ފިޔަވަޅަށް ހުއްޓުމެއް ނުގެންނަމެވެ. އެތެރެއަށް ވަދެވުމާއެކު، ފުންނޭވާއެއް ލެވުނީ މޭގައި ބާރަށް އަތްއަޅައި އޮއްބާލަމުންނެވެ.
ކުޑަދޮރުކައިރީގައި ހުއްޓި، ބޭރުން ފެންނަ މަންޒަރަށް ބަލައިލީމެވެ. ހޫނު ކަރުނަތައް ކޯތާފަތް ހުރަސްކޮށް ފައިބަމުންދިޔަކަން އެގެއެވެ. ނުހުއްޓުވޭނެ އެއްޗެއްކަން އިނގޭއިރު އެކަމަށް މިވަގުތު ކުރެވޭނެ ކަމެއް އެބައޮތް ހެއްޔެވެ؟.
...........................
"އޯކޭ.. އެހެންވީމާ.. މިންހާލްއެއީ މިޒްރާގެ އެކްސް..!"
ފުރަގަހުން އަހަރެންގެ ބޯ ކަހާލާފައި ހިނިތުންވެލީމެވެ. ހުރިހާ ޝުކުރެއް އަމަން އަށެވެ. މިންހާލްއާއިބެހޭ ހުރިހާ މައުލޫމާތެއް އަހަންނަށް ގެނެސްދިނީ އަމަންއެވެ. ލިބުނު ހިތްހަމަޖެހުން ބުނެދޭންވެސް ނޭގޭހާ އުފާވެރިކަމެއް އަހަންނަށް ލިބުނީއެވެ. އަހަރެންގެ ހަޔާތުން އޭނާ ނެރި އެއްލާލަން އިތުރަށް އަހަރެން ކުރަންޖެހޭ މަސައްކަތް މާބޮޑުތަނުން ފަސޭހަވީއެވެ.
ކޮންފެރެންސް ހޯލުން ނިކުމެގެން އަހަރެން ސީދާ މިސްރާބުޖެހީ ކެބިންއަށެވެ.
އަހަރެންގެ ފަންގިފިލާއަށް ލިފްޓް ހުއްޓުމާއެކު އަހަރެންގެ ސިކުނޑި ބުނެލީ މިޒްރާ ކޮބައިތޯ ބެލުމަށެވެ.
މިޒްރާގެ ކޮޓަރިއާއި ދިމާއަށް ބަލާލިއިރު ދޮރު ހުރީ މުޅިން ނުލެއްޕިއެވެ. ހަނިދޭތެރެއިން އަހަރެން އެތެރެބަލައިލީމެވެ. ކުޑަދޮރުކައިރީގައި ހުއްޓިހުރެ، އަމިއްލަ ނަފުސާއި ވާހަކަދައްކަމުންދިޔައީ ޝައުގުވެރިގޮތަކަށެވެ.
'ޔާﷲ.. މިއޮއްހުރިހާ އަހަރަށްފަހު، އަނެއްކާވެސް އަހަރެންގެ ހަޔާތަށް... މިއޮއްހުރިހާ އެންމެންގެ ތެރެއިން ހަމަ އޭނާތަ؟ އަހަރެންގެ ހާސްކަމުގެ ތެރެއަށް، އަނެއްކާވެސް އޭނާ ފޮނުއްވުމުގެ މަގުސަދަކީ ކޮބާ..؟ އެންމެ ހަފްތާއަކަށް އަހަރެންގެ އިހުސާސްތަކާކުޅެ އަހަންނަށް ބޭވަފާތެރިވުމަށްފަހު އަނެއްކާ އެނބުރި އޭނާ އެއައީ ކީއްކުރަންބާ..؟ ކުރިންވެސް ގެއްލުނު ފަދައިން މިފަހަރުވެސް އަހަރެންގެ ކުރިމައްޗަށް ނައިސް ގެއްލެންވީނުން..! ޔާﷲ..! އެއްކޮޅުން ނާދިފް! އޭނަހީކުރަނީ ހަޔާތުގައި ކޮންމެ ކަމަކީ މުނިފޫހިފިލުވުމެއްކަމަށް..! ނާދިފް އަހަންނަށް ފާރަލުމުގެ ބޭނުމަކީ ކޮބައި ބާވައެވެ! މިއަޅާއަށް ތަހަންމަލްކުރެވެނީ ކިހައި މިންވަރަކަށްތޯ އިމްތިހާނު ކުރައްވަނީތޯއެވެ؟ ޔާﷲ.. އިތުރުވޭންތަކެއް ތަހަންމަލްކުރާކަށް މިއަޅާގެ ގަޔަކު ދެން ހިއްވަރެއް ނެތް..!" ދެއަތުން ކޯތާފަތް ފޮހެލީމެވެ. ފުންނޭވާއެއް ލާފައި ހަމަޖެހިލެވޭތޯ މަސައްކަތްކުރީމެވެ.
"އަހަރެން މިފަހަރު މިންހާލްއަށް ދައްކާލާނަން، ވޭން އުފުލުމަކީ ކިހާވަރެއްގެ ކަމެއްކަން.. އަނެއްކޮޅުން، ނާދިފް...! ސިކުނޑި ހީވަނީ ފަޅައިގެން ހިނގައިދާނެހެން..!"
ދައްކަމުންދިޔަ ވާހަކަ އެހިސާބުން ކުއްލިޔަކަށް މިޒްރާ ހުއްޓާލިއެވެ.
"ކީއްވެ، ވާހަކަ ދެއްކުން ހުއްޓާލީ..؟" ދޮރުން ބޭރުގައި ހުރެފައި މަޑުމަޑުން އަހަރެން އަހާލީމެވެ. ދޮރާއި ދިމާއަށް ކުއްލިޔަކަށް މިޒްރާ ބަލައިލިއެވެ.
"އަހަރެންގެ ވާހަކަ މިންހާލް އަޑުއަހަން ބޭނުންވަންޏާ ދޮރުން ބޯދިއްކޮށްގެން ސިއްރުން އަޑުނާހާ، މިތާ އެތެރެއަށްވަދެ ހުރެގެން އަޑުއަހާ" ޖެހިލުން ކުޑަކަމާއެކު މިޒްރާ ބުނެލިއެވެ.
ބޭރުގައި ހުރީ ކާކުކަން މިޒްރާއަށް ނުފެންނަނީސް އަހަރެން ދޮރުލެއްޕީމެވެ. އަހަރެންގެ އަޑު ފާހަގަކުރާން މިފަހަރު މިޒްރާއަކަށް ނޭގުނެވެ.
-ނުނިމޭ-