ads
މިފްކޯގެ ޗެއާމަން އަހުމަދު ޝަރީފް
މިފްކޯގެ ޗެއާމަން އިންޓާނަލް މެމޯތަކުގައި ސޮއިކޮށް، ހިންގުމުގެ ތެރެއަށް ވަދެއްޖެ!
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އިން މިފްކޯގެ ސީއީއޯ ސަމާހު ރަޝީދުގެ މައްސަލަތައް ބަލައި ނިމެންދެން ކުންފުނި ހިންގުން ސީއެފްއޯ އިލްޔާސް ހަނީފާ ހަވާލުކޮށްފައި ވަނިކޮށް މިފްކޯގެ ޗެއާމަން އަހުމަދު ޝަރީފް އެކުންފުނީގެ އިންޓާނަލް މެމޯތަކުގައި ސޮއިކުރަން ފަށައިފި އެވެ.

އިންޓާނަލް މެމޯތަކުގައި ސީއެފްއޯގެ ބަދަލުގައި ޝަރީފު ސޮއިކުރަށްވާ ސަބަބާއި ގުޅޭ ގޮތުން މިފްކޯއިން ވާހަކަ ދައްކާކަށް ބޭނުމެއް ނުވެއެވެ.

މިފްކޯގެ ސެންޓަރުތަކާއި ހެޑް އޮފީހުގެ ވެރިންނަށް ފޮނުއްވެވި މެމޯގައި ބަޔާންކޮށްފައިވާގޮތުގައި ކުންފުނީގެ ދުވަހުން ދުވަހަށް ކުރަންޖެހޭ މަސައްކަތްތަކާއި ނިންމަންޖެހޭ ކަންކަން ވިލަރެސް ކުރުމަށްޓަކައި ޝަރީފް ހިމެނޭހެން މެނޭޖުމެންޓުގެ ބޭފުޅުންގެ ކޮމެޓީއެއް އުފައްދަން ޕީސީބީން އިރުޝާދު ދީފައިވާކަމަށް އަންގާރަ ދުވަހު ޝަރީފް ސޮއިކުރައްވައިފައިވާ މެމޯގައިވެ އެވެ. އަދި އެ މެމޯގައި ކުންފުނި ހިންގުން ވަގުތީގޮތުން ޕީސީބީން ހަވާލުކޮށްފައިވަނީ ސީއެފްއޯ އިލްޔާސަށްކަން ބަޔާންކޮށްފައި ވީ ނަމަވެސް، އެ މެމޯގައި ސޮއިކޮށްފައިވަނީ ޝަރީފު އެވެ. ޝަރީފް ސޮއިކޮށްފައިވާ މެމޯގެ ކޮޕީއެއް ސީއެންއެމްއަށް ވަނީ ލިބިފައެވެ.

ޕީސީބީން ވަނީ އެ ބޯޑުގެ އިރުޝާދުގެ ދަށުން ކުންފުނީގެ ދުވަހުންދުވަހަށް ނިންމަން ޖެހޭ ކަންކަން ވިލަރެސްކުރުމަށްޓަކައި އެ ކުންފުނީގައި މިވަގުތު ތިބި އެންމެ އިސްވެރިންނާއި ދެ މެނޭޖަރަކު ހިމެނޭ ގޮތަށް ފަސް މެމްބަރުންގެ ވަގުތީ އޯވަސައިޓް ކޮމިޓީއެއް ވެސް އެކުލަވާލާފަ އެވެ. 

އިންޓަރިމް ކޮމެޓީގައި ކުންފުނީގެ ޗެއާމަން ހިމެނޭއިރު، އޭނާއަކީ ކޮމެޓީގެވެސް ޗެއާއެވެ. އަދި މިއީ ކުންފުންޏެއްގެ ޗެއާމަނަކު ދުވަހުން ދުވަހުގެ މަސައްކަތް ކުރެއްވުމާއި، ސައިޓްތައް ބެލެހެއްޓުން ފަދަ ކަންކަމާ ހަވާލުވި ފުރަތަމަ ފަހަރެވެ.

އިންޓަރިމް ކޮމެޓީގައި ހިމެނޭ މެންބަރުން:

 1. މިފްކޯގެ ޗެއާމަން އަހުމަދު ޝަރީފް (ކޮމެޓީގެ ޗެއަރ)

 2. ޗީފް ފައިނޭންޝަލް އޮފިސަރ (ސީއެފްއޯ) އިލްޔާސް ހަނީފު

 3. މާކެޓީން ޖެނެރަލް މެނޭޖަރު ހަފްޒަތު އަހުމަދު

 4. ޗީފް ޓެކްނޮލޮޖީ އޮފިސަރ އަބްދުﷲ މުއީން

 5. ބިޒްނަސް ޑިވެލޮޕްމެންޓް ޖެނެރަލް މެނޭޖަރު އައިމިނަތު ސަނިއްޔާ ޝަރީފް

މިފްކޯގެ ދުވަހުން ދުވަހުގެ އޮޕަރޭޝަން ހިންގަންވާގޮތުގެ އިރުޝާދު ދީ، މަސައްކަތް ހިނގާ ނުހިނގާ ގޮތް ބަލައްހައްޓަމުން މިހާރު އަންނަނީ ޕީސީބީން ކަމަށް ވެސް އެނގިފައިވެ އެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ގަވައިދުތަކާ އުސޫލުތަކާ ފުށުއަރާގޮތަށް އަދި ޕީސީބީއަށް ގާނޫނީގޮތުން މަތިކޮށްފައިވާ ބާރުތަކުގެ ބޭރުން، ހޯމަ ދުވަހުން ފެށިގެން ޕީސީބީން އަންނަނީ މިފްކޯގެ އެތެރޭގެ ހިންގުމަށް ނުފޫޒު ފޯރުވަމުންނެވެ. އަދި އުސޫލާ ހިލާފަށް ޝަމާހުގެ އެންކުއަރީގެ ހެދުމަށް އެ ބޯޑުން ނިންމައި، އެކަމަކުގެ ތަފްސީލް ނާންގައި، ހޯމަ ދުވަހު ވަނީ ކުއްލި ގޮތަކަށް މިފްކޯގެ ސީއީއޯ އަހުމަދު ޝަމާހު ސަސްޕެންޑްކޮށްފަ އެވެ.

މިފްކޯ ތެރޭގައި އުސޫލާ ހިލާފް ކަންތައްތަކެއް ހިނގާކަމަށް ޕީސީބީން ބުނާއިރު، އެކަމުގެ އެއްވެސް ތަފްސީލެއް މިހާ ތަނަށް ހާމަކޮށްފައެއް ނުވެއެވެ. އަދި އެންކުއަރީއެއް ހެދުމުގެ ކުރިން އިޖުރާއީ އަދާލަތު ގާއިމްކުރުމުގެ ގޮތުން އެންކުއަރީއެއް ފެށުމުގައި ކުންފުންޏާ ގުޅޭގޮތުން ނުވަތަ ވަކި ޑިރެކްޓަރަކާ ގުޅޭގޮތުން ހުށަހެޅޭ މައްސަލައިގެ ތަފްސީލްވެސް ނުދެ އެވެ. 

ޕީސީބީން ނެރުނު ބަޔާނެއްގައި ބުނީ ސަމާހުއާ ގުޅޭގޮތުން ކޯޕަރޭޓް ގަވަނެންސްއާ ގުޅުންހުރި މައްސަލަތަކެއް ޕީސީބީއަށް ހުށަހަޅާފައިވާތީ އެކަމުގެ ފުރިހަމަ އެންކުއަރީއެއް ހިންގުމަށްޓަކައި 14 ދުވަހުގެ މުއްދަތަށް އޭނާ މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކުރަން ނިންމާފައިވާ ކަމަށެވެ.

އެ ނިންމުން ނިންމާފައި ވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޑިރެކްޓަރުންގެ ސުލޫކީ މިންގަނޑާއި ޝަކުވާ ހުށަހެޅުމާއި އަދި ފިޔަވަޅު އެޅުމާ ބެހޭ އުސޫލުގެ 25 ވަނަ މާއްދާގެ (ށ) ގެ މަތިން ކަމަށް ވެސް ބަޔާނުގައި ބުންޏެވެ.

ބަލަމުންދާ މައްސަލައަކާ ގުޅިގެން މިފްކޯގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަމާހު ރަޝީދު ޕްރަައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ)ން ސަސްޕެންޑު ކުރި މައްސަލަ ބަލަން މަޖިލީހުގެ އެސްއޯއީ ކޮމިޓީން މިހާރު ވަނީ ނިންމައިފަ އެވެ. މިފްކޯގެ ތެރޭގައި ޒަމާނުއްސުރެ ކޮރަޕްޝަން ހިންގަމުންދާ ފަރާތްތަކެއް ތިބި ކަމުގެ ތުހުމަތު އެ ކުންފުންޏަށް އަބަދުވެސް އޮވެއެވެ.    

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް