ads
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗު
"ވާނުވާ" ކަންތަކުގައި ސުޕްރީމް ކޯޓުގެ ހޫނު ރައްދެއް
ޝަރީއަތް ނިމެންދެން ގިނަ ދުވަސްތަކެއް ވަންދެން ބަންދުގައި ތިބެންޖެހޭ މައްސަލަ ހައްލު ކުރެވޭނީ ކޯޓުތަކަށް އެކަށީގެންވާ ވަސީލަތްތަކާއި ޖާގަ ދައުލަތުން ފޯރުކޮށްދީގެން ކަމަށް ސުޕްރީމް ކޯޓުގެ ހުކުމެއްގައި ބުނެފިއެވެ.

ވާނުވާ ބަންދުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނެސްދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނިކޮށް، ވާނުވާ ހައްލު ކުރެވޭނީ ކޯޓުތަކަށް ވަސީލަތްތައް ލިބިގެން ކަމަށް ސުޕްރީމް ކޯޓުގެ ހުކުމެއްގައި ބުނީ، މަސްތުވާތަކެތީގެ ބޮޑު މައްސަލައެއްގައި ތުހުމަތުވާ މީހެއްގެ މައްސަލައިގެ ހުކުމުގައެވެ.

މި ހުކުމުގައި ބުނެފައިވަނީ ކޯޓުތަކަށް ވަސީލަތްތައް ނުލިބޭ ހިނދަކު، ޝަރީއަތް ނިމެންދެން ބަންދުގައި ތިބޭ މީހުންގެ މައްސަލަ އަވަސްވާނެ ކަމަށް އުއްމީދު ކުރުމަކީ ބިމުގައި ހުރެގެން ހަނދުގައި އަތްލާން އުޅުން ފަދަ ކަމެއް ކަމަށެވެ. ސުޕްރީމް ކޯޓުގެ ހުކުމުގައިވަނީ ޝަރީއަތް ނިމެންދެން ގިނަ ދުވަސްތަކެއް ވަންދެން ބަންދުގައި ތިބެންޖެހޭ މައްސަލަ ހައްލު ކުރެވޭނީ ކޯޓުތަކަށް އެކަށީގެންވާ ވަސީލަތްތަކާއި ޖާގަ ދައުލަތުން ފޯރުކޮށްދީގެން ކަމަށެވެ.  

އެކަންކަން ހަމަޖައްސައި ނުދީ، ބަންދުގައި ތިބޭ މީހުންގެ މައްސަލަ އަވަސްވާނެ ކަމަށް އުއްމީދު ކުރުމަކީ ކަނޑުގައި ރޮނގެއް އެޅުން ނުވަތަ ބިމުގައި ހުރެގެން ހަނދުގައި އަތްލާން އުޅުން ފަދަ ކަމެއް ކަމަށް ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި އެ ހުކުމުގައިވެ އެވެ.

"ވަސީލަތްތައް ދައުލަތުގެ އިދާރާތަކުން ޝަރުއީ ދާއިރާއަށް ހޯދައި ނުދީ، ޝަރީއަތްތައް އަވަސްކުރަން ނުވަތަ ބަންދުގައި ތިބޭ މީހުންގެ އަދަދު މަދުކުރަން އުއްމީދު ކުރާ ކުރުމަކީ ކަނޑުގެ ލޮނުގަނޑުގައި އިނގިލިން ރޮނގު އެޅުން ނުވަތަ ބިންމަތީގައި ހުރެގެން ހަނދުވަރު ދޭ ރެއެއްގައި ހަނދުގައި އަތްލާން އުޅުން ފަދަ ކަމެކެވެ،" ފަނޑިޔާރު ހުސްނުއްސުއޫދު ލިޔުއްވައި، ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައިވެ އެވެ.

ފަނޑިޔާރު ހުސްނުއްސުއޫދުގެ އިތުރުން ސުޕްރީމް ކޯޓުން އެ މައްސަލަ ބެއްލެވި ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ.

ސުޕްރީމް ކޯޓުން މި ހުކުމް ކުރިއިރު، ވާނުވާ ބަންދުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނެސްދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މީގެ ކުޑަދުވަސްކޮޅެއް ކުރިންނެވެ. ރައީސް ވިދާޅުވީ ވާނުވާގައި ބަންދު ކުރުމުގެ މައްސަލަ ހައްލު ކުރުމަކީ ވެވިފައިވާ ވައުދުތަކުގެ ތެރެއިން އެންމެ މުހިންމު އެއް ވައުދު ކަމަށެވެ. އަދި އެ މައްސަލަ ހައްލުކުރުމަށް މިހާރު ދަނީ ގާނޫނަށް އިސްލާހުތަކެއް ގެނެއުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް