ވައިކަރަދޫން ކަރަންޓު ކެނޑެން ފަށާފައިވަނީ މިދިޔަ ހޯމަ ދުވަހުގެ ރެއިން ފެށިގެންނެވެ. އެ ރަށުން ކަރަންޓު ކެނޑެންފެށީ ކަރަންޓު ފޯރުކޮށްދިނުމަށް ބޭނުންކުރާ އެއް އިންޖީނު ހަލާކުވުމުންނެވެ.
ވައިކަރަދުއަށް ކަރަންޓުގެ ހިދުމަތް ދޭ ފެނަކަ ކޯޕަރޭޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެ ރަށަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ހައްލެއް ހޯދުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން އެ ރަށަށް ބޭނުންވާ 250 ކިލޯވޮޓްގެ އާ ޖަނަރޭޓަރު ފޮނުވުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.
އެ ކުންފުނިން ބުނީ މާދަމާ އާ ޖެނަރޭޓަރު އިންސްޓޯލް ކުރުމުގެ މަސައްކަތް ވެސް ފަށާނެ ކަމަށެވެ.
ވައިކަރަދޫ މީހަކު ފެންވަރަން ހުއްޓައި ރޭ ކަރަންޓު ކެނޑުމުން ސައިބޯނިތަކާ އެކު ތުވާލި އޮޅައިގެން ނުކުމެ އުޅޭ ވީޑިއޯއެއް ވެސް ވަނީ ސޯޝަލް މީޑިއާގައި އާންމުވެފައެވެ. އެ ވީޑިއޯގައި އޭނާ ބުނަނީ އެ ގޭގައި ވަޅު ހުރީ އަޑީގައި ކަމުން ފެން ނެގޭނެ ގޮތެއް ވެސް ނެތް ކަމަށެވެ.