ads
ފޮޓޯ: އެމްޕީއެލް
ވިޔަފާރި ބަނދަރު ތިލަފުއްޓަށް އަންނަ މަހު ބަދަލު ކުރަނީ
މާލެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް އަންނަ މަހު ބަދަލުކުރަން ފަށާނެ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޑެޓް، އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހީމް ވިދާޅުވެއްޖެ އެވެ.
Advertisement

ނިމިދިޔަ ސަރުކާރުން ގުޅި ފަޅަށް ވިޔަފާރި ބަނދަރު ބަދަލުކުރަން ނިންމި ނަމަވެސް މި ސަރުކާރުން ވަނީ ތިލަފުއްޓަށް ވިޔަފާރި ބަނދަރު ބަދަލުކުރުމަށް ނިންމަވާފައެވެ.

އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހީމް ވިދާޅުވީ ޑރ.ވެރިކަމާއި ހަވާލުވެވަޑައިަގަތުމަށްފަހު ފުރަތަމަ ދުވަހުން ފެށިގެންވެސް އެ މަސައްކަތް ކުރިއަށްގެންދަވަން ފައްޓަވާފައިވާކަމަށެވެ.

އެގޮތުން މިހާރު އެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދާފައިވާކަމަށާއި މަސައްކަތަށް ބޭނުންވާ ފައިސާ ލިބޭނެ އިންތިޒާމްވެސް ހަމަޖައްސަވާފައިވާކަމަށް ވަޖީހު ވިދާޅުވިއެވެ. 

އަދި ވަރަށް އަވަހަށް އެ މަސައްކަތް ކުރުމަށް ބަޔަކާއެކު އެއްބަސްވުމެއްގައި ސޮއިކުރައްވާނެކަމަށާއި އަމާޒަކީ އޭޕްރީލްމަހުގެ ތެރޭގައި ޕޯޓް ބަދަލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ފެށުންކަމަށް ވިދާޅުވިއެވެ.

ޕޯޓް ތިލަފުއްޓަށް ބަދަލުވުމުން މާލޭގެ ކޮމާޝަލް ހާބަރަށް ދިމާވާ ހުރިހާ މައްސަލައެއް ހައްލުވެގެން ދާނެ ކަމަށާއި މިމަސައްކަތް 2025/2026 ގެ ތެރޭ ނިންމުމަކީ އަމާޒެއްކަމަށް އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހީމް ވިދާޅުވިއެވެ.

އެމްޕީއެލްގެ ސީއީއޯ ވިދާޅުވީ، މިހާރު މާލޭ ވިޔަފާރި ބަނދަރަށް ދިމާވާ މައްސަލައަކީ ޖާގައިގެ ގޮތުން ދިމާވާ މައްސަލަތައްކަމަށެވެ

އެގޮތުން މިހާރު އަންނަ ކާގޯ ބޯޓެއް ހުސްކޮށްލުމަށް 5 ދުވަހާއި 9 ދުވަހުގެ މުއްދަތެއް ނަގާކަމަށާއި ނަމަވެސް ޕޯޓު ތިލަފުއްޓަށް ބަދަލުކުރެވުމުން އެ މުއްދަތު 2 ނުވަތަ 3 ދުވަހަށް ކުޑަވެގެންދާނެ ކަމަށް އެމްޕީއެލްގެ ސީއީއޯ ވިދާޅުވިއެވެ.

މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަސައްކަތުގެ އިތުރަށް ނޯތު ހާބަރާއި ޓީޖެޓީ ވެސް އެ ސަރަހައްދަށް ބަދަލުކުރުމަށް ވަނީ ނިންމާފައި ވާކަމަށް ފާހަގަ ކުރައްވަމުން ވަޖީހު ވިދާޅުވީ ނޯތު ހާބަރާއި ޓީޖެޓީ ތިލަފުއްޓަށް ބަދަލުކުރުމުން ފަސޭހަކަމާއެކު ހަދުމަތް ލިބޭނެކަމަށެވެ. 

އަދި ރިސޯޓްތަކަށް ސަޕްލައި ކުރާ ދޯނިތަކަށްވެސް ފަސޭހަވެގެންދާނެކަން ވަޖީހު ފާހަގަކުރެއްވި އެވެ.

2013 ވަނަ އަހަރު އޭރުގެ ސަރުކާރުން ނިންމީ، މާލެ ވިޔަފާރި ބަނދަރު، ސިނާއީ މައި ރަށްކަމަށްވާ، ތިލަފުއްޓަށް ބަދަލުކުރުމަށެވެ. 

ނަމަވެސް ނިމުނު ސަރުކާރުގައި އެ ޕްރޮޖެކްޓް ވަނީ ގުޅިފަޅަށް ބަދަލުކޮށްފަ އެވެ. އަދި އެ މަސައްކަތައް އެކަމަށް ބޭނުންވާ ބިން، ގުޅިފަޅުން ހިއްކުމުގެ މަސައްކަތްތައްވެސް އެދަޢުރު ނިމެން ގާތްވެފައިވަނިކޮށް ފެށިއެވެ.

ނަމަވެސް މި ސަރުކާރުން ވަނީ ތިލަފުއްޓަށް މާލޭ ވިޔަފާރި ބަނދަރު ބަދަލުކުރުމަށް ނިންމަވާފަ އެވެ.

ވެރިރަށް މާލޭގެ ތޮއްޖެހުމާއި، މުދާ ބާލާއެރުމުގެ މަސައްކަތް ކުރިއަށްގެންދިއުމުގައި، ބަނދަރުގެ ޖާގައިގެ ދަތިކަން ވަނީ ވަރަށް ބޮޑަށް ކުރިމަތިވެ އެވެ. 

މިހާރުގެ ވިޔަފާރި ބަނދަރުގެ ޖާގައިގެ ދަތިކަން ހައްލުވާނީ އައު ބަނދަރާއެކުކަމަށްވެސް އެކުންފުނިން ބުނެފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް