މެޓް އޮފީހުގެ 2023 ވަނަ އަހަރުގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު އެންމެ ހޫނުވީ މެއިމަހުގެ 26 ވަނަ ދުވަހުކަން ވަނީ ރިކޯޑް ކުރެވިފަ އެވެ. އެގޮތުން އެ ދުވަހު ހޫނުމިން ހުރީ 34.6 ޑިގްރީ ސެލްސިއަސްގައިކަމަށް ތަފާސްހިސާބުން ދައްކަ އެވެ.
ދެން އެންމެ ހޫނުވީ އޭޕްރީލް މަހުގެ 22 ވަނަ ދުވަހު ލ. ކައްދޫއަށް ކަމަށް ވެސް މެޓްއިން ބުނެ އެވެ. އެ ދުވަހު 34.2 ޑިގްރީ ސެލްސިއަސް ރިކޯޑްކުރެވިފައިވެއެވެ.
އެންމެ ވައިގަދަކަމަށް ރިކޯޑްކުރެވިފައި ވަނީ ޖުލައި މަހުގެ ފަސް ވަނަ ދުވަހު ހުޅުލެއަށެވެ. އެ ދުވަހު ހުޅަނގުން 55 މޭލުގެ ބާރުމިނުގައި ވައިޖެހުނު ކަމަށް ރިކޯޑް ކުރެވިފައިވާކަމަށް މެޓް އޮފީހުން ވިދާޅުވެއެވެ. ދެވަނައަށް އެންމެ ވައިގަދަވީ މެއި މަހުގެ ފަސް ވަނަ ދުވަހު އައްޑޫ ސިޓީ ގަމަށެވެ. އެ ދުވަހު ހުޅަނގު އުތުރުން 54 މޭލުގެ ބާރުމިނުގައި ވައިޖެހުނެވެ.
މެޓް އޮފީހުގެ ތަފާސްހިސާބުން ދައްކާގޮތުން މިދިޔަ އަހަރު އެންމެ ބޮޑަށް ވާރޭ ވެހުނީ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހު ހުޅުލެއަށެވެ. އެ ދުވަހު 179.7 މިލިމީޓަރަށް ވާރޭ ވެހުނުކަމަށް މެޓް އޮފީހުން ބުނެ އެވެ. މީގެ އިތުރުން ދެން އެންމެ ބޯކޮށް ވާރޭ ވެހުނީ ޑިސެމްބަރު މަހުގެ 27 ވަނަ ދުވަހު އައްޑޫ ސިޓީ ގަމަށެވެ. އެ ދުވަހު 154.8 މިލިމީޓަރުގެ ވާރޭ ވެހުނު ކަމަށް، މޫސުމާ ބެހޭ ޤައުމީ އިދާރާގެ 2023 ވަނަ އަހަރުގެ ރެކޯޑް ތަކުން ދައްކަ އެވެ.
މި އަހަރުގެ މި ހިނގާ މާޗް އަދި އަންނަ އޭޕްރީލް މަހަކީ އަހަރުގެ ތެރޭގައި ރާއްޖޭގެ ސަރަހައްދަށް ހޫނު މިން އެންމެ މައްޗަށް ދާ ދުވަސްވަރެވެ. ވިލާ މަދުވުމާއި، ވައި މަޑުވުން އަދި ވައިގެ ތެތްކަން މަތިކޮށް ހިފެހެއްޓިފައި ހުރުމުގެ ސަބަބުން ވައިގެ ހޫނުމިނަށްވުރެ އިހުސާސްކުރެވޭ ހޫނުމިން މަތިވާކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ވިދާޅުވެ އެވެ. އެގޮތުން ރާއްޖޭގެ ހޫނުމިން އިޙްސާސްކުރެވޭ މިންވަރު އުޅެނީ 40 ޑިގްރީ ސެލްސިއަސް އަށް ވުރެ މަތީގަ އެވެ.