މަޖިލިސް އިންތިހާބުގައި ވާދަކުރުމަށް ފުރުސަތު ހުޅުވާލިއިރު އަމިއްލަ ކެންޑިޑޭޓުންނަށް ވެސް ލޯގޯ ބޭނުންކުރެވޭ ގޮތަށް ހަދަން އީސީން ނިންމި ނަމަވެސް އެ ނިންމުން މިހާރު ބަދަލުކޮށްފައިވާ ކަމަށް އެ ކޮމިޝަނުން ވިދާޅުވެ އެވެ.
އިލެކްޝަންސް ކޮމިޝަނުގެ ސެކްޓްރީ ޖެނެރަލް ހަސަން ޒަކަރިއްޔާ ވިދާޅުވީ އެ ކޮމިޝަނުން މަޝްވަރާ ކުރުމަށްފަހު މިހާރު ނިންމާފައިވަނީ އަމިއްލަ ގޮތުން ވާދަކުރައްވާ ކެންޑިޑޭޓުންނަށް ލޯގޯގެ ބަދަލުގައި "އަމިއްލަ" ޖެހުމަށް ކަމަށާއި ކޮންމެ ކެންޑިޑޭޓެއްގެވެސް ފޮޓޯ، ވޯޓު ކަރުދާހުގައި ޖަހާނެ ކަމަ ށެވެ.
ޒަކަރިއްޔާ ވިދާޅުވީ ވޯޓު ކަރުދާހުގައި ލޯގޯ ބޭނުން ކުރެވޭނީ ސިޔާސީ ޕާޓީތަކަށް އެކަނި ކަމަށެވެ.
ޒަކަރިއްޔާ މިހެން ވިދާޅުވެފައިވާއިރު ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްކޮށް ހުންނަވައިގެން އުފައްދާ ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް)ގެ ފަރާތުން މަޖިލިސް އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް އެ ޕާޓީގެ ލޯގޯ ބޭނުންކުރެވޭނެ ގޮތް ހަދައިދިނުމަށް އެ ޕާޓީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކުން ވަނީ އިލެކްޝަންސްގައި އެދިފައެވެ. ނަމަވެސް އެ ޕާޓީއަކީ އަދި ރަޖިސްޓްރީކުރެވިފައިވާ ޕާޓީއަކަށް ނުވާތީ އެ ޕާޓީގެ ލޯގޯ ވޯޓު ކަރުދާހުގައި ބޭނުން ނުކުރެވޭނެ ކަމަށް ވެސް ޒަކަރިއްޔާ ވިދާޅުވިއެވެ.
ވޯޓު ކަރުދާހުގައި ކެންޑިޑޭޓުންގެ ނަމުގެ ފަހަތުގައި ފޮޓޯ ޖެހުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ ވޯޓުލާ ފަރާތްތަކަށް ފަސޭހަ ކުރުމުގެ ގޮތުންނެވެ.
ރައްޔިތުންގެ މަޖިލިސް އިންތިހާބު ބާއްވަން ނިންމާފައިވަނީ އަންނަ އޭޕްރިލް މަހުގެ 21 ވަނަ ދުވަހުއެވެ. މި އިންތިހާބުގައި 93 ދާއިރާއަށް 369 ކެންޑިޑޭޓުން ވާދަކުރައްވަ އެވެ.