ހަވަރު ގެރި ހިފުން މީ އެއް ޒަމާނެއްގައި ރާއްޖޭގައި ބޮޑު އީދު ކައިރިވުމުން ވަރަށް ޝައުގާއެކު ކުރަމުން އައި ކަަމެކެވެ. ގެރި ހިފަން މުޅި މާލެތެރޭ ބަޔަކު ދުވެނަގާއިރު އެކަން ބަލަން ނުކުތުންވެސް އޭރު އޮންނަނީ މަޖާކަމަށްވެފައެވެ.
ހަވަރު ގެރި ހިފުމޭ ކިޔާ އޭރު އުޅުނީ ބޮޑު އީދަށް އަޟްހިޔާ ކަތިލުމަށް ރަދުންގެ ހިރިޔާސުއްދައިން ވިދާވުޅާ ބަސްފުޅަށް ހަތަރު މޮއްގަނޑުލީ ދީން ހުއްދަކުރާ ގެރިބަކަރި ކަންބަޅިފަދަ ހައިވާނެއް ކަތިލާ ޤުރުބާންކުރުމަށެވެ. މިހާރު އަހަރުމެން ކިޔަމުން މި އަންނަ އުޟުހިޔާ ކަތިލުމަށެވެ.
އޭރު އުޅެނީ ހުސް ރަސްގެފާނުގެ ގެރި
ދިވެހި ތާރީހު ލިޔުންތަކުން ފެންނަ ގޮތުގައި ފުރަތަމަ ކޮޅު މަގުމަތިން ގެރިއެއް ފެނުމަކީ ނާދިރުކަމެކެވެ. އެހެންނަމަވެސް އާއްމުކޮށް ގެރިކަތި ނުލާތީ އެތަކެތި ވިހާ ގިނަވެ މާލެތެރެއިން ފެންނަން ފެށިއެވެ. އެކަމަކު އެ ހުރިހާ ގެރިއަކީވެސް ހުސް ރަސްގެފާނުގެ ތަކެއްޗެއްޗެވެ. ގެރި ކަތިލާ ދުވަހަކުވެސް އާއްމު މީހަކަށް މަސައްކޮޅެއް ލިބޭނީ ރަސްގެފާނު ދެއްވައިފިނަމައެވެ.
އަލީ ހުސެއިން ލިޔުއްވާފައިވާ "ފުރަމާލޭގެ ބޮޑު ފާރުން އެއްގަން" މި ފޮތުގައިވާ ގޮތުން ކޮންމެ އަހަރެއްގެ ބޮޑު އީދާ ދިމާކޮށް ގެރި ހިފާ ކަތިލުން އޮވެއެވެ. މިކަން އޭރު ވަނީ ބޮޑު ކުޅިވަރަކަށެވެ. ސަބަބަކީ މާލެ ތެރޭ ދޫވެފައި އޮންނަ ގެރި ހިފަން ކުރަން މަސައްކަތެވެ.
ގެރި ހިފާ މީހުން އެއީ އާމީ ފޯސް
އީދަށް ކަތިލާން ފުރަތަމަ ހަވަރު އެއްވެގެން ހިފަން މަސައްކަތް ކުރާނީ އެވަގުތު މާލޭގައި އޮތް ސަރުކާރުގެ އެންމެ ބޮޑު ފިރިހެން ގެރިއެވެ. ކުރިން ބުނިހެން މިތަކެތި އުޅެނީ މާލޭގެ މަގުމަތީގައެވެ.އެންމެ މަޝްހޫރު ގެރިއަށް ކިޔާ އުޅެނީ ސަންގުގެރިއެވެ.
ހައްޖުމަހުގެ 8 ވަނަދުވަހު މާލޭގެ ހަވަރު ( އާމީ ފޯސް ) ރަށުތެރޭގައި ދުވެގެން އަޟުހިޔާ ކަތިލުމަށް ބަންޑާރަ ބޮޑު ގެރިއެއް ހިފާނެއެވެ. ފުރަތަމަ ބަލާނީ އެންމެ ބޮޑު ގެރި ހިފަންކަމަށްވެއެވެ. އެ ސޮރު އަތު ނުޖެހިއްޖެއްޔާ ދެން ޖެހުނު ގެރި އެހެން ގޮސް ގެރިއެއް އަތުނުވިއްޔާ ބުލްބުލް ކޮށްޓޭ ކިޔުނު ކޮއްޓެއްގައި އޮންނަ ރަދުން ގެންގުޅުއްވާ ހައިވާނުތަކުގެ ތެރެއިން އެއްޗެއް ކަތިލާނެއެވެ.
އަންހެންވެރިންނަށް އެންމެ ކަމުދާ ބިޓު، ގެރި ހިފާ މީހާ
ތާރީހީ ލިޔުންތަކުން ފެންނަ ގޮތުގައި އީދަށް ގެރި ހިފަން ނުކުންނަށް ވަކި ޓީމެއް އޮވެއެވެ. އެ ޓީމަށް ( އާމީ ފޯސް ) މި ނަން ބޭނުންކޮށް އުޅުނެވެ. އެ ޓީމު ގެރި ހިފާނީ މުޅި މާލެތެެރޭ ދުވެގެންނެވެ. އީދަށް ގެރި ހިފުމުގައި މަޝްހޫރު މީހުން އުޅުނުަކަމަަށްވެއެވެ. އެންމެ މަޝްހޫރު ކުޅަދާނަ މީހާއަށް އޭރު ކިޔަނީ ގެރިވައްޓާ ސިއްކައެވެ. އޭނާއަށް އެދުވަސްވަރުގެ ޒުވާން ހުސްހަށިބައި އަންހެން ކުދިން ވަރަށް ހިތްކިޔާ އުޅުނުކަމަށްވެސް ތާރީހު ލިޔުއްވި ބޭފުޅުން ވިދާޅުވެއެވެ.
ހަވަރު ނިކުމެގެންގޮސް ގެރިއެއް ހިފައިގެން މާލޭގެ ދެ ދޮރާށި ދޭތެރެއަށް ގެންގޮސް ބަނދެއެވެ. އީދު އަންނަންވާއިރަށް އެ ގަސްދޮށުގައި ގެރި ކަތިލާން ބޮޑު ވަޅުގަޑެއް ކޮނެ އޭގެ މަތީ ވަކަރު އަޅާ އޮންނަނީ ތައްޔާރުކޮށްފައެވެ. ގެރި ކަތިލާނީ ފަނޑިޔާރު މަނިކުފާނު އެކަމަށް އޮންނަ ބޮޑު ރަސްމިއްޔާތެއްގައެވެ. މިކަން އޮންނާނީ އީދު ނަމާދަށްފަހުއެވެ. ގެރިކަތިލާން ބޭނުންކުރާނީ މުލީގޭ ހަންޖަރެވެ. އަދި ގެރިކަތިލުން މިފަދަ ރަސްމީކަންކަމުގައި ޖަހާ ބެރުންވެސް ޖަހާކަމަށްވެއެވެ.
ގެރިކަތިލުމަށްފަހު އޭގެއިން ރަދުންގެ ކެއުމަށް ބޭނުންވާ ބައި ގެންދަނީ ގަނޑުވަރުގެ ބޮޑު ބަދިގެކޮޅަށެވެ. އެތަނުގައި ގެރި ކައްކާ ބޭކަލުން ވަރަށް މީރުކޮށް ގެރި ރިހަ ކައްކާ ރަދުންގެ ކެއެމަށް ނެރޭކަމަށްވެއެވެ. ގެރިކައްކާ ނިންމާ ރަދުންގެ ރަދުން ފަރިއްކުޅުއްވުމުގެ ކުރިން ކުޑަ ރަންނަބަނޑޭރި ބޭކަލުން ހުރިހާ އެއްޗެއްގެ ރަހަ ބައްލަވާ މައްސަލައެއް އުޅޭތޯ ބައްލަވާނެއެެ.
ހެރިކަތިލުމަށްފަހު ގަނޑުވަރަށް ގެންދާ މަސްތައް ނެގުމަށްފަހު ދެން ހުރި ބައި ބަހާލައެވެ. މަސް ބަހާ އުޅުނީ ކަމުވޮށިގެންވާ މީހުންނާއި ފަގީރުންނަށެވެ. އަދި ފަޅު އޮޑިފަހަރުގައި ތިބޭ މީހުންނަށްވެސް ބަހައެވެ.
އުޟްހިޔާ ކަތިލުމުގެ މި ސަގާފަތް ނެތި އޮތުމަށްފަހު އަނެއްކާވެސް މިވަނީ ރާއްޖެއިން ފެންނަން ފަށާފައެވެ. އެންމެން ނުކުމެ ހަވަރު ގެރިއެއް މިހާރަކު ނުހިފައެވެ. އެހެންނަމަވެސް ވެރިރަށް މާލޭގައި މީހާރު ވަކި ސަރަހައްދެއްގައި ބޮޑު އިދާ ދިމާކޮށް އުޟްހިޔާ ކަތިލައެވެ. މިހާރު ރަސްގެފާނުގެ ގެރިއެއް ނޫނެނެވެ. ބޭނުން މީހަކު އުޟްހިޔާ އަށް ގެރިއެއް ކަތިލާންވީއެވެ. އަދި ސޮދަގާތްވެސް ކުރަންވީއެވެ.