ads
ސިވިލް ކޯޓް: ފޮޓޯ ރާއްޖެއެމްވީ
ފެނާ ކަރަންޓު ބިލް ނުދައްކައިގެން ޝާޔަންގެ މައްޗަށް ހުކުމެއް
ކުއްޔަން އުޅުނު އެޕާޓްމެންޓްގެ ފެން ބިލާ ކަރަންޓު ބިލް ނުދައްކައިގެން، ޕަބްލިކް ސަރވިސް މީޑިއާގެ ކުރީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު އާމިނަތު ޝާޔަން ޝާހިދުގެ މައްޗަށް ސިވިލް ކޯޓުން ހުކުމެއްކޮށްފި އެވެ.

ޝާޔަން ކުއްޔަށް އުޅުނު އެޕާޓްމެންޓްގެ ކުލި ނުދައްކައިގެން، 32،394 ރުފިޔާ، އެއް މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް ޝާޔަންގެ މައްޗަށް ސިވިލް ކޯޓުން ހުކުމް ކުރީ މިއަދުއެވެ. 

މިއީ، 2020 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން، 2021 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ޝާޔަން ހިފައިގެން އުޅުނު އެޕާޓްމެންޓެއްގެ ފެން ބިލް އަދި ކަރަންޓު ބިލް ނުދައްކައި އޮތް މައްސަލައެއްކަން، މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުން އެނގެއެވެ. މި މައްސަލައިގައި ޝާޔަންއާ ދެކޮޅަށް ދައުވާކުރީ، ޝާޔަން ހިފައިގެން އުޅުނު އެޕާޓްމެންޓްގެ ވެރިފަރާތުންނެވެ. 

މައްސަލައިގެ ރިޕޯޓުން އެނގޭ ގޮތުގައި މައްސަލަ ކޯޓަށް ހުށަހެޅީ، އެ ފައިސާ ހޯދުމަށް އެކި ފަހަރު މަތިން މަސައްކަތްކޮށްގެންވެސް އެ ފައިސާ ނުލިބުމުންނެވެ.

ފެން ބިލާ ކަރަންޓް ބިލު ނުދައްކައިގެން ޝާޔަންގެ މައްޗަށް ހުކުމެއް އިއްވިއިރު، މީގެ ދުވަސްކޮޅެއް ކުރިން ޝާޔާން ބަނގުރަލާއެކު ހައްޔަރު ކުރ މައްސަލައެއްވެސް ފެންމަތިވިއެވެ. އޭގެ ކުރިން އެހެން މައްސަލައެއްގައި ކޯޓަށް ހާޒިރު ނުވެގެން ޝާޔަން ހޯދަން ކޯޓުން އިއުލާންވެސް ކުރިއެވެ.

ޝާޔާންއަކީ ރައީސް ޔާމީންގެ ވެރިކަމުގައި، ޕީއެސްއެމް ބޯޑަށް އައްޔަންކޮށް، އަދި އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމްވެސް އަދާކޮށްފައިވާ މީހެކެވެ.

86%
ކަމުގޮސްފި
14%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް