ads
އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު --
ގާނޫނު އަސާސީގައި އޮންނަ ޝަރުތު އީސީއަށް ކަމަކު ނުދިޔަ
އިންތިހާބުތަކަށް ކުރިމަތިލާ ކެންޑިޑޭޓުންގެ ޝަރުތުތަކުގެ ތެރޭގައި ސާބިތު ދަރަނީގެ ވާހަކަ ގާނޫނު އަސާސީގައި ހިމަނާފައި އޮތީ ރަނގަޅު ނިޔަތެއްގައި ނޫން ކަމަށާއި އެއީ ޖެއްސުމަށް ކޮށްފައި އޮތް ކަމެއް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

އިންތިހާބުތަކަށް ކުރިމަތިލާ ކެންޑިޑޭޓުންގެ ޝަރުތުތަކުގެ ތެރޭގައި ސާބިތު ދަރަނީގެ ވާހަކަ ރައްޔިތުންގެ މަޖިލީހުން ހިމަނާފައި އޮތީ ސިޔާސީ ސަކަރާތެއްގެ ތެރެއިން ރަނގަޅު ނިޔަތެއްގައި ނޫން ކަމަށާއި އެއީ ޖެއްސުމަށް ކޮށްފައި އޮތް ކަމެއް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނީ، ސުޕްރީމް ކޯޓުގައި، ކެންޑީޑޭޓެއްގެ ޝަރުތާ ގުޅޭ ގޮތުން އޮތް ޝަރީއަތެއްގައި މިއަދުއެވެ. ސުޕްރީމް ކޯޓުގައި މިގޮތަށް ވާހަކަ ދެއްކެވީ އިލެކްޝަންސް ކޮމިޝަންގެ ވަކީލު މަހްފޫޒް ސައީދު އެވެ.

މަހްފޫޒު ސައީދު މިހެން ވިދާޅުވީ، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ހެންވޭރު މެދު ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރައްވާ ހަސަން ޝިޔާމްގެ ކެންޑިޑަސީގެ ސައްހަކަމާ މެދު ސުވާލު އުފައްދާ، ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި މިއަދު ބޭއްވި ފުރަތަމަ އަޑުއެހުމުގަ އެވެ. ހަސަން ޝިޔާމް އާއި އީސީއާ ދެކޮޅަށް ހުށަހަޅާފައިވާ މި މައްސަލާގައި ބުނެފައިވަނީ، ޝިޔާމްގެ ކެންޑިޑަސީ އީސީން ބަލައިގެންފައިވަނީ، ސާބިތު ދަރަންޏެއް އޮވެ، ހުކުމާ އެއްގޮތަށް ފައިސާ ދައްކަމުން ނުދާ މީހަކަށް ވުމުން ކެންޑިޑޭޓެއްގެ ޝަރުތު ހަމަނުވާ ކަމަށް ބެލުމެއް ނެތި ކަމަށެވެ.

އެ ކަމާ ގުޅޭ ގޮތުން ކޮމިޝަންގެ ވަކީލު ވިދާޅުވީ ސާބިތު ދަރަނީގެ ވާހަކަ ގާނޫނު އަސާސީގައި ލިޔުނީ ޖެއްސުމަށް ކަމަށެވެ.

"ހަމަ ސީދާ ސިޔާސީ ސަބަބަކަށް ޖެއްސުންކުރުމުގެ ނިޔަތުގައި ފެށުނު ވާހަކައެއް. އެ ވާހަކަ މެމްބަރުންނަށް ދޫނުކުރެވި އޭގައި އަޅައިގަނެ މެމްބަރުން ހަމަ މީގެ ތެރޭގައި ތާށިވީ. އެއީ ގާނޫނުއަސާސީގައި މި ވާހަކަ ހިމެނިފައި އޮތް ގޮތް. ހަގީގަތަކީ، އިއްޒަތްތެރި ފަނޑިޔާރު، މި މާއްދާއިން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ހާސިލުކުރަން ބޭނުންވި މާތް މަގުސަދެއް ނެތް. އެވާހަކަ އައިސް މިއޮތީ ހަމަ ސިޔާސީ ސަކަރާތެއްގެ ތެރެއިން."

މި މައްސަލައިގެ އަޑު އެހުންތައް މިއަދު ސުޕްރީމް ކޯޓުން ނިންމާލާފައިވާއިރު، މި ހަފްތާ ތެރޭގައި ހުކުމް ކުރާނެ ކަމަށް ބެލެވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް