ކުޑަކުއްޖަކަށް ފުލުހަކު އަނިޔާކުރި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވާހަކަތައް ފުލުހުން ދޮގުކޮށްފި އެވެ.

Advertisement
ރޭ ހުޅުމާލޭގައި 18 އަހަރު ނުވާ އަންހެން ކުއްޖަކަށް ފުލުހަކު އަނިޔާކުރީކަމަށް ބުނެ އަންހެން ކުއްޖާގެ އާއިލާއިން ހުޅުމާލޭ ދަވަނަ ފިޔަވަހީގެ ޕޮލިސް ސްޓޭޝަން ކައިރިއަށް އެއްވެ އަޑުއުލާފައިވެ އެވެ.
މިކަމާ ގުޅިގެން ގިނަ ބަޔަކު ވަނީ ސޯޝަލް މީޑިއާގައި ވެސް ނުރުހުން ފާޅުކޮށްފަ އެވެ.
ނަމަވެސް ފުލުހުން ވަނީ އެއްވެސް މީހެއްގެ ގައިގައި ނުޖަހާ ކަމަށް ބުނެފައެވެ.
މިކަމާއި ގުޅިގެން ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވަނީ ޓްވީޓެއް ކުރަށްވާފަައި އެވެ.
އޭނާ ކުރެއްވި ޓްވީޓްގައި ވާ ގޮތުން މިއީ ރޭގެ 22:05 ހަާއިރު ފުލުހުން ހުޅުމާލެ ފޭސް 2 ގައި ގާއިމްކޮށްފައިހުރި ވެހިކަލް ޗެކް ޕޮއިންޓަކާއި އަރާ ހަމަވުމުން ސައިކަލު އެކްސެލެރޭޓްކޮށް ޗެކް ޕޮއިންޓްގެ ފަހަތުގައި ތިބި ފުލުހުންގައިން ނައްޓާ ކުރިއަށް ދިއުމަށް އުޅުމުގެ ތެރޭގައި ސައިކަލް ވެއްޓިގެން ހިނގާފައިވާ ހާދިސާއެއްކަމަށެެވެ.
އޭނާ އިތުރަށް ވިދާޅުވީ ސައިކަލްދުއްވާފައިވަނީ ލައިސަންސް ނެތް ފަރާތެއް ކަމަށާއި ހުޅުމާލެ ހޮސްޕިޓަލުން އަނިޔާވި ފަރާތްތަކަށް ފަރުވާ ރޭގައި ދެވުނު ކަމަށެވެ.