ads
ވާހަކަ
ސެކަންޑް ޗާންސް..!؟
(27 މާރިޗު 2024 އާ ގުޅޭ) ނާދިފްގެ ކޯމަތީގައި އަހަރެންގެ އަތުގައި ހުރި ބާރެއްލާފައި ޖެހުނު އަޑަށް އަހަރެން ސިއްސައިގެން ދިޔައެވެ. ޝ-ޓ.. ވަޓް ހެޑް އައި ޑަން!

އޭނާގެ ލޮލަށް ބަލައިލެވުނު އިރު، އެ ލޮލުގެ ތެރެއިން އަލިފާންކަނި ބުރާހެން ހީވިއެވެ. އަދަބެއް އިހްތިރާމެއްނެތި، އަހަރެން މި ކުރިކަމަކުން، އޭނާ ރުޅިއައިސް ރަތްވިއެވެ.

"ނާދިފް.. އައި.. އައި އެމ"

އަހަރެން އެއްފަރާތަކަށް ކޮށްޕާލާފައި އޭނާ ކޮޓަރިން ނިކުމެއްޖެއެވެ.

"ނާދިފް އައި އެމް ސޮރީ"

ލޮލުކޮޅަށްވެސް ނާދިފް ފެންނާކަށް ނެތެވެ.

ހޫނު ކަރުނައިން ފުރުނު ދެ ލޯ އަހަރެން ތަގުޅިކޮށްލީމެވެ. އަނެއްކާވެސް ހުއްޓުމެއް ނެތް ކަރުނައެވެ. ރޭގެ ނުރައްކާތެރި، އެ ބިރުވެރި ހާދިސާއިން އަދިވެސް އަހަރެންނަށް މިންޖު ނުވެވެއެވެ. އެ ބިރުވެރިކަން އަހަރެންގެ ސިކުނޑިން ހިނދުކޮޅަކަށްވެސް ދުރައް ނުދެއެވެ. ތަސައްލީހެއް ހޯދަން، ނުވަތަ މި ބިރުވެރިކަމުން ސަލާމަތްވުމަށް، އަހަރެންގެ މި އިހުސާސްތައް ހިއްސާކޮށްލާނެ ހަމައެކަކުވެސް ނެތެވެ. ނާދިފްގެ ފަރާތުން އަހަރެންނަށް ކުޑަވެސް ނުރައްކަލެއް ނެތްކަން ޔަގީނެވެ. އެކަމަކު އޭނާގެ މޫނުމަތީގައި ނުހަނު ބާރަށް އަހަންނަށް ޖެހިއްޖެއެވެ. އަމިއްލަ ނަފުސު ކުއްވެރިކުރެވި، އެކަމާ އަހަރެން ދެރަވެ ލަދުގަންނަމެވެ. އެއީ ގަސްތުގައި ކުރިކަމެއް ނޫނެވެ.

އެތެރެއަށް ވަދެ، އެނދުގައި އަހަރެން އިށީނީމެވެ.

"ޔާﷲ މިއަޅާއަށް އަމާންކަމާއި ހަމަޖެހުން މިންވަރުކުރައްވާށިއެވެ.! ނާދިފް.. އައި އެމް ރިއަލީ ސޮރީ.. އައި ނެވަރ ވޯންޓެޑް ޓު.."

................

އަވަސްއަވަހަށް ނަމާދުކޮށްލައިގެން އަހަރެން ފޭބީ ތިރިއަށެވެ. ފަނަރަ މިނެޓްކުރިން ޝޫޓްއަށް ހާޒިރުވީމެވެ.

"މިޒްރާ.. ވެއަރ އިޒް ނާދިފް؟" އާރަވް ސުވާލުކުރިއެވެ.

ނާދިފް ފެންނާކަށް ނެތެވެ. މިއަދު މިއީ އަހަރެންގެ ކުށެވެ.

ވަރަށް އަވަހަށް ނާދިފް ހާޒިރުވާނެކަމަށް ބުނީމެވެ.

"ދިސް ޑިރެކްޓަރ.. ޑަޒަންޓް ލައިކް ވޭސްޓޭޖް އޮފް އީވެން އަ ސެކަންޑް"

ނާދިފް ގޮވައިގެން ހިނދުކޮޅެއްގެ ތެރޭގައި މިއަންނަނީކަމަށް އަހަރެން ބުނީމެވެ. ދަބަހުން ފޯނު ނަގާފައި ނާދިފްއަށް ގުޅީމެވެ. ފޯނަށް ޖަވާބެއް ނުދިނެވެ. ދެވަނަ އަދި ތިންވަނަ ފަހަރުވެސް ގުޅީމެވެ. ޖަވާބެއް ނުދެއެވެ. ދެން ގުޅިއިރު ފޯނު ނިވާލައިފި އެވެ.

އަހަރެން ގަޑިއަށް ބަލައިލީމެވެ. ހަތަރުގަޑި ތޭރަމިނެޓް ހިނގައިފި އެވެ.

"ނާދިފް.. އާޔާ..؟!" އޭނާގެ ބަހުން ސުވާލުކުރި އެވެ.

"ހީ"ލް ބީ ހިއަރ" އަހަރެން ބުނީމެވެ.

.................

ވީއެންމެ އަވަހަކަށް ސިޑިން ފައިބައިގެން އައިސް އެ ބިލްޑިންގ ތެރެއިން ނިކުތީމެވެ. ދެންމެދެންމެ ބޯ ފަޅައިގެން ހިނގައިދާނެހެން ހީވެއެވެ. ދެވޭ ނުދެވޭ ތަނެއް ނޭންގި... ބާރަށް ހިނގަން ފެށީމެވެ..... މަގެއްގެ އަރިމަތީގައި ހުރި ދިގު ގޮނޑިއެއް ފެނިގެން އޭގައި އިށީނީމެވެ. އިތުރަށް ހިނގާނެ ބާރެއް އަހަރެންގެ ދެފަޔަކު ނެތެވެ. ރިއްސަމުންދިޔަ ބޮލުގައި ދެއަތުން ހިފަހައްޓާފައި ކަކުލުގައި އުޅަނބޮށި ޖައްސައި، އިސްޖަހައިލީމެވެ.

އަތުގައި ހުރި ބާރެއްލާފައި އަހަރެންގެ މޫނުމަތީގައި ޖަހަން އޭނާ ހިތައްވެސް އަރައިގެން ނުވާނެއެވެ. އަދި ބުނެލީ ކީކޭ ހެއްޔެވެ؟ "ޑޯންޓް ޓަޗް މީ!!" ލައިކް ސީރިއަސްލީ..؟ އެއުޅެނީ އޭނާގެ ފެންވަރު އޮޅިގެންނެވެ.

އޭނާގެ ޖުމުލައާއި މޫނުމަތީގައި ޖެހި އަޑު އަހަރެންގެ ބޮލުގެ ތެރެއިން ދުރައް ނުދިޔައެވެ. މިއީ ނިމުމެއް ނެތް އަޑުތަކެއް ކަހަލައެވެ. އުތުރިއަރަމުންދިޔަ ރުޅިގަނޑުގެ ބާރުގައި ގަދައަޑުން ހަޅޭއްލަވަން ބޭނުންވިއެވެ. ބަދަލުގައި މިފަހަރު އަހަރެން އިޚްތިޔާރުކުރީ ހަމަހިމޭންކަމެވެ. ހިތްވަރުކޮށްފައި ދެ ލޯ މަރައިލީމެވެ. ފެނުނު ހަމައެކަނި މަންޒަރަކީ މިޒްރާގެ، ކަރުނައިން ތެމިފޯވެފައިވާ މޫނެވެ. ކުޑަދޮރުކައިރީގައި ގުޅަވެލައިގެން އިށީންދެ އިން މަންޒަރެވެ. ދުޅަވެފައިވާ ދެ ލޮލެވެ. ދާހިއްލާ ފޯވެފައިވާ މޫނުގައި އޭނާގެ ބޮލުގެ ދިގު އިސްތަށިގަނޑުން ބައެއް ތަތްވެފައިވާ ވެއެވެ. މިއަދު ހެނދުގެ އެ މަންޒަރު ތަކުރާރުކޮށް އަހަރެންގެ ކުރިމަތީގައި ނިއުޅެމުން ދިޔައެވެ.

މިހުރިހައި ކަމެއްގެ ތެރެއިން ކުޑަކޮށްވެސް އޭނާދެކެ ރުޅިއެއް ނާދެވުނެވެ. އަހަރެންގެ ހިތުގައި އޭނާއަށްޓަކައި ނުރުހުމެއް ނުވަތަ ނަފްރަތުކަމެއްވެސް ނެތެވެ.

މިއީ އާދައިގެ ކަމެއް ނޫނެވެ.

ގާތްގަނޑަކަށް ގަޑިއެއްގެ އިރަށްވުރެން ގިނައިރު އެ ގޮނޑީގައި އަހަރެން ހޭދަކުރީމެވެ. ގަޑިއަށް ބަލައިލެވުނުއިރު ތިންގަޑި ފަންސާސް ހިނގައިފިއެވެ. އެތަނަށް ދާން މިހާރު މާބޮޑަށް ލަސްވެއްޖެއެވެ.

..................

"މިޒްރާ އިޓްސް 4:14 ވެއަރ ދަ ހ-ލ އިޒް ނާދިފް؟"

ބިލްޑިންގެ ތެރެއަށް އަހަރެން ވަންއިރު، އާރަވް ބުނާއަޑު އިވުނެވެ.

"ހިއަރ" އެތެރެއަށް ވަދެފައި އަހަރެން ބުނީމެވެ.

ކަޅިވެސް ޖަހައިނުލާ މިޒްރާ ބަލަމުން ގެންދިޔައީ އަހަންނަށެވެ. އެކަން ފެންނަކަމަށްވެސް އަދި އެނގޭކަމަކަށް ނުހަދަމެވެ. އިތުރަށް އަހަރެންނަށް ކުރެވޭނީވެސް ކޮން ކަމެއް ހެއްޔެވެ؟ އޭނާގެ ނުތަނަވަސްކަމުގެ ހުރިހައި ރުޅިއެއް ބާލައިލީ އަހަރެންނަށެވެ. މިހާރު މައުސޫމް މޫނު ދެއްކިޔަސް، ކުރާނީ ކީއްހެއްޔެވެ؟

"ގްރެއިޓް.. ލެޓްސް ގެޓް ސްޓާރޓެޑް" އާރަވް ބުނެލިއެވެ. އޭނާ ހަމަޖެހިލިކަމުގެ އިހްސާސް އަހަންނަށް ކުރެވުނެވެ.

އަހަރެންނާއި ދާދިގާތުގައި މިޒްރާ ހުއްޓުނެވެ.

"މިސްޓަރ ނާދިފް" ޑިރެކްޓަރ ގޮވައިލިއެވެ.

އަހަރެން ސަލާމް ކޮށްލީމެވެ.

"ލެޓްސް ގެޓް ޓު ބިޒްނެސް..."

އަހަރެން ހީލީމެވެ.

"ޝެލީ.."

އެއަޑާއެކު ބޮޑު ދަބަހެއް ހިފައިގެން އަންހެން ކުއްޖަކު އަތުވެއްޖެއެވެ.

"އަ ކުއިކް ޗޭންޖް.. ވީ ސްޓާރޓް ދަ ޝޫޓް އިން ޓެން.."

އޭނާގެ އަތުގައި އޮތް ދަބަސް އަހަރެން ނެގީމެވެ. އެއްޗެހި ބަދަލުކުރަންވީ ކޮޓަރި އޭނާ ދައްކައިލިއެވެ.

ހިނިތުންވުމެއް ހަދިޔާކޮށްލާފައި އަހަރެންވެސް މަސައްކަތައިގެން އަވަސްވީމެވެ.

........................

ނާދިފް އެހުރީ އަހަރެންދެކެ ވަރަށް ރުޅިއައިސްފައެވެ. ރުޅިއައުމުގެ ހައްގުވެސް އެބައޮތެވެ. ހަމަ އެންމެ ފަހަރަކުވެސް އަހަންނާއި ދިމާއަށް އިޝާރާތެއްކޮށް ނުވަތަ ބަލައިވެސް ނުލައެވެ. އޭނާގެ ގާތުގައި އަހަރެން ހުންނަކަން އިނގޭކަމަށްވެސް ނުހަދައެވެ. މިނޫންގޮތެއް ނެތީތީވެ އަހަރެންވެސް ކެތްކުރީމެވެ. މިއީ ނާދިފްއަށް މުހިއްމު ވަގުތެކެވެ.

އެތަނުގައި ހުރި ކޮމްޕިއުޓަރ ސްކްރީން ފުރަގަހުގައި އަހަރެން މަޑުކޮށްލީމެވެ. ދެން ފެނުނީ އެއްޗެހި ބަދަލުކޮށްގެން ނާދިފް ނިކުތްތަނެވެ. އޭނާގެ ހަށިގަނޑުން އަހަރެންގެ ނަޒަރު ދުރަކަށް ނުލެވުނެވެ. ގަމީހުގެ އެންމެ މަތީ ތިން ގޮށް ނައްޓުވާލާފައި ހުރިއިރު ނާދިފްގެ މޭމަތި ހާމައަށް ފެނެއެވެ. ހަން އޮމާން، ދޮން ހަށިގަނޑެކެވެ. ރަގަޅު ކާނާއާއި ފުރިހަމަ ކަސްރަތުގެ ފައިދާ އެ ހަށިގަނޑުން ސާބިތުކޮށްދެއެވެ. އާމަންޑެއްފަދަ ލޮލާއި ޗޮކްލެޓްކޮޅެއްފަދަ ރީތި ކަޅިއަށް އަހަރެންގެ ޝައުގުވެރިކަން ހުއްޓުނެވެ. ރީތިކަމުގެ ހުރިހައި ސިފައެއް އޭނާއަށް ﷲ މިންވަރު ކޮށްދެއްވާފައިވެއެވެ. އަހަރެންގެ މޫނުމަތީގައިވާ ހިނިތުންވުން ފާހަގަކުރެވުނީ ކިހައި އިރެއްފަހުންކަން އަހަންނަކަށް ނޭގެއެވެ.

"އެކްޝަން.."

އެހިސާބުން ޝޫޓް ފެށިއްޖެއެވެ.

.................

ފަސްގަޑި ތިރީސްވުމުގެ ކުރިން ޝޫޓް ނިމިއްޖެއެވެ. ނާދިފްގެ ކޮންމެ އިބާރާތެއް، އޭނާގެ ކޮންމެ ހަރަކާތެއް އަހަރެން އަޖައިބު ކުރުވިއެވެ. ކެމެރާ ކުރިމަތީގައިވެސް ޖެހިލުންވުމުގެ ކަންފުޅެއްވެސް ނެތެވެ. އަހަރެން އަންތަރީސްވިއެވެ. ނާދިފްގެ ކުޅަދާނަކަމަށް ހިތުގެ އެންމެ އަޑިން ތަޢުރީފު ކުރެވުނެވެ. އޭނާގެ ފުރިހަމަކަމަށްޓަކައި ފަޚުރުވެރިވެވުނެވެ. އަބަދުވެސް ނާދިފްއަށް ކާމިޔާބު އެދެމެވެ.

ސިކުނޑިއަށް މިވަގުތު ހަމައެކަނި އުނދަގޫވަމުންދިޔަ ސަބަބަކީ އަހަންނަށް ކުރެވުނު ކުށާއި ބެހޭގޮތުން ނާދިފް އެއްވެސް އެއްޗެއް ނުބުނުމެވެ. މިގޮތް އަހަންނަށް ކަމަކު ނުދިޔައެވެ. ނާދިފް އަހަރެންނާއި ދިމާއަށް ހަޅޭއްލަވައި އޭނާގެ ނުރުހުން ދައްކައިލުމަށް އަހަރެންގެ ހިތް އެދުނު މިއީ ފުރަތަމަ ފަހަރު ކަމަށްވެދާނެއެވެ. އޭނާގެ އަޑު އަހައިލުމަށް އަހަރެންގެ ހިތް އެދުނު މިއީ ފުރަތަމަ ފަހަރު ކަމަށްވެސް ވެދާނެއެވެ. އަހަރެންގެ ކޮންމެވެސް ނުރަނގަޅު ކަމަކާއިމެދު ނުރުހިގެންވިޔަސް ނާދިފް އެއްޗެހި ކިޔާލަން އަހަރެންގެ ހިއްސުތައް އެދުނު މިއީ ފުރަތަމަ ފަހަރު ކަމަށްވެސް ވެދާނެއެވެ.

ނާދިފް ނިކުންނާންދެން އަހަރެން މަޑުކުރީމެވެ.

ކުރިންވެސް ލައިގެން ހުރި އެއްޗެހި ލައިގެން ނިކުތެވެ. އެކަމަކު އަހަރެން ފެންނަކަމަށްވެސް ނުހެދިއެވެ. އެންމެ ފަހަރަކުވެސް އަހަންނާއި ދިމާއަށް ބަލައިނުލިއެވެ.

"ނާދިފް.." ވަރަށް މަޑުމަޑުން އެކަމަކު އަޑު އިވޭވަރަށް އަހަރެން ގޮވައިލީމެވެ. ހަށިގަނޑު ސީދާކޮށްލާފައި ފުން ނޭވާއެއްލާފައި އޭނާ ހިނގައްޖެއެވެ.

އަހަރެން އެނބުރި އައީ ކޮޓަރިއަށެވެ. ކަންތައް ވެގެންދިޔަގޮތް ނާދިފްއަށް އޮޅުން ފިލުވައިދޭނެ ގޮތެއްވެސް އަހަންނަކަށް ނޭގެއެވެ. އެނދުމައްޗަށް ވެއްޓިގަނެވުނެވެ. ނާދިފްއާއި މުއާމަލާތުކުރަން ހަދާނެގޮތެއް ނުވިސްނުނެވެ. ދެ ލޯ މަރައިލެވުނު އިރެއްވެސް ނޭގެއެވެ.

...............

އަހަންނަށް ހޭލެވުނުއިރު އަށްގަޑި ތިރީސް ވެއްޖެއެވެ. ވަށައިގެން ބަލައިލީމެވެ. އޭރުވެސް އޭނާއެއް ނެތެވެ.

ބޫޓަށް އަރައިގެން ތިރިއަށް ފޭބީމެވެ.

ރިސެޕްޝަން ކައިރީގައި ހުރި ސޯފާއެއްގެ އެންމެ ފަހަތުގައި ނާދިފް އިށީންދެ އިނެވެ.

"ނާދިފް"

އާރަވްގެ އަޑު އިވުމުން މައްޗަށް ނާދިފް ބަލައިލިއެވެ.

"މިޒްރާ ހިއަރ ޓޫ" އާރަވް ބުނެލިއެވެ.

މިރޭގެ ރޭގަނޑުގެ ކެއުމަށް ހެދެން އޮތް ހަމައެކަނި ގޮތް އާރަވް ބުނެދިނެވެ. ބަނގުލޯ ހިމެނޭ މުޅި ސަރަހައްދުވަނީ މިރޭ ބަންދުކޮށްފައެވެ. އެތައް ޝޫޓްއެއް މިރޭ ކުރިއަށް އެބަދެއެވެ. އޯޑަރކޮށްގެންވެސް މިރޭ އެއްޗެއް ނުގެނެވޭނެކަމަށް ބުންޏެވެ. އެންމެ ގާތުގައި ހުންނަ ރެސްޓޯރެންޓަށް ދިއުމަށްވެސް ފަނަރަ މިނެޓް ހިނގަން ޖެހެއެވެ. ހުރިހައި މަގެއް ބަންދުކޮށްފައި އޮތުމުން ވެހިކަލްއެއް ނުދުއްވޭނެއެވެ. އޮތް ހަމައެކަނި ގޮތަކީ ހިނގާލާފައި ގޮސް، އެއްޗެއް ކައިގެން އައުމެވެ.

ހުރިހައި މައުލޫމާތެއް ދީފައި އާރަވް ހިނގައްޖެއެވެ.

ދިގު އިންތިޒާރަކަށްފަހު އަހަންނަށް ފެނުނީ ނާދިފް އަހަންނާއި ދިމާއަށް ބަލަހައްޓައިގެން ހުއްޓައެވެ. އިރުކޮޅެއް ވަންދެން ކަޅިޖަހައިނުލައި ބެލިއެވެ. އެކަމަކު އިރުކޮޅެއްގެ ތެރޭގައި އޭނާގެ މޫޑް ބަދަލުވިއެވެ. އެއްވެސް އެއްޗެއް ނުބުނެ ހިނގައިގަތެވެ. ފަހަތުން އަހަރެންވެސް ހިނގައިގަތީމެވެ.

މަގުތައް އަނދިރިއެވެ. މަގުބައްތިތަކުގެ ފަނޑު އަލިކަމެއްނޫނީ ނުވެއެވެ. މަގުގެ ދެފަރާތުން ފެންނާން ހުރީ ބޮޑެތި ބިޔަ ގަސްތަކެވެ. ފަނޑުއަލިކަމެއް އެކި އެއްޗެއްސައް އެޅުމުން އެތަކެތީގެ ހިޔަނި ފެންނަމުންދިޔައީ މާ ހިތްގައިމުގޮތަކަށް ނޫނެވެ. ރޭގެ ހާދިސާގެ ބިރުވެރިކަން އަހަރެންގެ ހިތުގައި އަދިވެސް ތާޒާއެވެ. ބާރަށް ހިނގަމުންދިޔަ ނާދިފްއާއި އެއްވަރުކުރެވޭތޯ އަހަރެން ވަރަށް މަސައްކަތް ކުރީމެވެ. އެކަމަކު އޭނާގެ ދިގު ދެފައިގެ ކޮންމެ ފިޔަވަޅަކަށް އަހަރެންގެ ހަތަރުފިޔަވަޅު ބޭނުންވާ ފަދައެވެ. ދޭތެރެއަކުން ފަހަތް ބަލައިލައެވެ. އެއާއެކު އަނެއްކާވެސް އޭނާގެ ސްޕީޑްގައި ހިނގައިގަނެއެވެ.

ރެސްޓޯރެންޓް ތެރެއަށް ވަދެވުނުއިރު އަހަރެން ހުރީ މާނޭވާލެވިފައެވެ. އެއީ ވަރަށް ކުޑަ ރެސްޓޯރެންޓެކެވެ. އެތަނުގައި ޒުވާންފުރައިގެ ކުދިންކޮޅެއް ޕާޓީކުރަމުންދިޔައެވެ. އެމީހުންގެ ކުޅިވަރުބަލަން އަހަރެން ގަޔަކު ހަކަތައެއް ނެތެވެ. އެތެރެއަށް ބަލައިލީމެވެ. ހުސްކޮށްހުރީ ހަމަ އެންމެ މޭޒެކެވެ. ޖީންސްގެ ދެ ޖީބަށް އަތްޖަހާލައިގެން ނާދިފްވެސް ހުރީ އެ މޭޒާއި ދިމާއަށް ބަލާށެވެ. އެނާކައިރީގައި އަހަރެން ހުރިކަން އޭނާއަށް އެނގޭހެން ހިޔެއްވެސް ނުވެއެވެ. ޖީބުން ފޯނު ނަގައިގެން އަހަރެންނާއި ދުރަށް ނާދިފް ޖެހެލިއެވެ. ފުރަގަސްދީގެންހުރެ ފޯނުން ޖަވާބުދޭން ފެށިއެވެ.

ލިބުނު ނާއުއްމީދުގައި ނިއްކުރިއަށް ރޫ އަރުވާލެވުނެވެ. ދެލޯ ފެންކަޅިވިއެވެ. އަހަރެންގެ ވަށައިގެން ހިނގާ އެއްވެސް ކަމަކަށް ވިސްނާކަށް މިވަގުތު ބޭނުމެއް ނޫނެވެ. ދެއަތުން ލޯ ފޮހެލީމެވެ. އަހަރެންގެ ލޭނާރުތަކުގެ ހިނގުން ބަދަލުވަމުން އަންނަކަން އިހުސާސްކުރެވެއެވެ. އަނެއްކޮޅުން، އަހަރެން ވަރުބަލިވެގެން ކުޑަދޫ ނިކުންނަވަރު ވެއްޖެއެވެ.

ދެން ފެނުނީ ތަބަކެއްގެ ތެރޭ، ހިމަދިގު ބިއްލޫރިތަށިތަކެއް ލައިގެން އުޅުނު ވެއިޓަރެކެވެ. އަންނަ ކަސްޓަމަރުންނަށް ފެން ދިނުމަށް ޚާއްސަކޮށްފައިވާ ކުއްޖެއްކަމަށް އަހަރެންގެ ސިކުނޑި ބުނެލިއެވެ. އޭނާއަށް އިޝާރާތްކޮށްލުމަށް އަހަރެންގެ އަތް ހިއްލާލީމެވެ. އޭނާއައިސް އަހަރެންނާއި ދާދި ގާތުގައި ހުއްޓުމާއެކު އިތުރު ވިސްނުމަކާ ނުލައި އެ ތަބަކުން ފެންތައްޓެއް ނަގާފައި އަހަރެން އެއްފަހަރުން ހުސްކޮށްލީމެވެ. ކުޑަކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ. ކަރުހިއްކުން ފިލާތޯއެވެ. ނަމަވެސް އެ ފެނުގައި ލަނީ މުޅިން ތަފާތު ރަހައެކެވެ. އެއީ އަހަރެންގެ ހިއްސުތައް ދަންނަ ރަހައެއް ނޫނެވެ. ކަރުތެރޭގައި ހީވީ އަލިފާން ޖެހިހެނެވެ. ގޮހުރުތެރޭގައި ވަގުތުން ހަނގުރާމަ ފެށިއެވެ. ތޫނު ޒާތެއްގެ ވިހަ ރަހަޔަކުން އަހަރެންގެ ބޮލަށް އެނބުރުން އެރިއެވެ.

ދެން ފެނުނީ ހުސްކޮށްހުރި މޭޒުދޮށުގައި ނާދިފް އިށީންދެ އިންދައެވެ. އަހަރެން ގާތުގައި ބުނެވެސްނުލައި އޭނާ އޭނީ އިށީންދެއެވެ. ބޮލުން އަރަމުންދިޔަ އާވީގެ އަސަރާއެކު އަހަރެން ބާރުހިނގުމުގައި ގޮސް ނާދިފްގެ ކުރިމަތީންހުރި ގޮނޑީގައި އިށީނީމެވެ. ވެއިޓަރ އައިސް ނާދިފް ގާތުގައި ހުއްޓުމުން، އޭނާ އޯޑަރ ދިނެވެ.

"ޖަސްޓް ވަން ޑްރިންކް!"

ނާދިފްގެ އޯޑަރ ވެއިޓަރ ލިޔުނެވެ. އެއަށްފަހު އަހަރެންނާއި ދިމާއަށް އެނބުރުނެވެ. އަހަރެންގެ ހަށިގަނޑަށް ބަދަލުތަކެއް އަންނަމުންދިޔަކަން އޭރު ފާހަގަކުރެވުނެވެ. އެކަމަކު އަހަރެން ފެންނަކަމަށްވެސް ނުހަދަން ނާދިފް އެކުރާ ކަންކަން ތަހަންމަލްކުރާނެ ހަކަތައެއް އިތުރަކަށް ނެތެވެ. އަހަރެންނާއި ދިމާއަށް ބަލަހައްޓައިގެން ވެއިޓަރ ހުއްޓެވެ. ހަށިގަނޑަށް އަންނަމުންދިޔަ ބަދަލާއެކު ރަގަޅަށް ލޯ ހުޅުވައިގެން އިނދެވޭތޯ ބެލީމެވެ. ނާދިފް އޯޑަރ ދިންއެއްޗެއް އަހަންނަކަށް ނޭގުނެވެ. ބޭނުންވީ، އޭނާވެސް ކާއެއްޗެއް އަހަރެންވެސް ކާށެވެ.

"ސޭމް"

...................

"ޑިޑް ޝީ ޖަސްޓް ސޭ ސޭމް!؟"

އަހަރެންގެ މޫނުމަތީގައި އަތުގެ އިނގިލަތައް ޕްރިންޓްކޮށްލާފައި މުޅިދުވަސް ޚިޔާލީ ދުނިޔޭގައި ހޭދަކޮށްފައި މިހާރު މިފެންނަނީ މުޅިން ތަފާތު މިޒްރާ އެކެވެ. އޭނާއަށް ބަދަލުތަކެއް އައިސްފިއެވެ. މިކަހަލަ މާހައުލުތަކަށް މިޒްރާ ފަރިތަ ނުވާނެކަން، އުޑާއިބިން ވަކިކުރާން އިނގޭފަދައިން އޭނާ ދަންނަ ކޮންމެ މީހަކަށް އެނގޭނެއެވެ. އޭނާގެ މިޒާޖާއި އުޅުމާއި އަދި އެހެން އެއްވެސް ގޮތަކުން

މިފަދަ ތަނަކަށް އޭނާ ޝައުގުވެރިވާނެކަމުގެ ނިޝާނެއް ފާހަގަކުރެވިފައެއް ނެތެވެ. މިޒްރާއަކީ ދީނީކަންކަމަށް ލޯބިކުރާ، އިޖްތިމާއީ ވައްޓަފާޅިތަކަށް އިހްތިރާމްކުރާ އަބުރުވެރި ކުއްޖެކެވެ. ކޮމްޕެނީގައި މަސައްކަތްކުރަން ފެށީންސުރެން އޭނާއާއެކު މަސައްކަތްކުރާ އެންމެންނަށް އެކަން އިނގޭނެއެވެ. ހިތާއި ދެކޮޅަށްވިޔަސް، އަހަރެންވެސް އެކަން ގަބޫލުކުރަމެވެ.

ރާއްޖޭން ބޭރުގައި ނުވަތަ ރިސޯޓެއްގައިވިޔަސް، ޕްރީޝާއަކީ މިކަހަލަ ތަންތަނުގައި ޕާޓީކޮށް، މިފަދަ މާހައުލުތަކަށް އަހުލުވެރި ކުއްޖެކެވެ. އަދި ޒަމާނީ މަޖާކުރުމަކީ ޕްރީޝާގެ އުފަލެކެވެ. މިފަދަ މާހައުލުތަކަށް އަހަރެން އަހުލުވެރިކުރުވީ ޕްރީޝާގެ ލޯތްބެވެ.

މިޒްރާއަށް އަހަރެން ބަލައިލީމެވެ. މޮޔައެއްހެން ހިނިއައިސްފައި އަހަންނާއި ދިމާއަށް ބަލަހައްޓައިގެން އިނެވެ.

އަހަރެންގެ ނުވަތަ އަހަރުމެންގެ އޯޑަރ ހިފައިގެން ދާދި އަވަހަށް ވެއިޓަރ އައިސްފިއެވެ. މޭޒުމަތީގައި އޯޑަރބަހައްޓާފައި ވެއިޓަރ ހިނގައްޖެއެވެ. ހިނދުކޮޅެއްގެ ތެރޭގައި ފެނުނު މަންޒަރުން އަހަރެންގެ އަނގަ ބަންދުވެ، ދެ ލޯ ބޮޑުވެގެން ދިޔައެވެ. ގަތްބިރުން ނިއްކުރިން ދާތިކިތައް ހިއްލާލިއެވެ.

.................

މަދުނުވާނެވަރަށް މޭޒުމަތީގައި ފައިސާ ބަހައްޓާފައި މިޒްރާ ގޮވައިގެން އެތަނުން ނިކުތީމެވެ.

-ނުނިމޭ-

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް