ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ރައްޔިތުންގެ މަޖިލިހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަދި ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ވިދާޅުވީ ބޭރުކޮށްލި ސޮވެރިން ފަންޑުގެ ބިލަކީ ގައުމީ މައްސަލައަކާ ބެހޭ ގޮތުން ހުށަހަޅާފައި އޮތް ބޮޑު ބިލެއް ކަމަށެވެ.
ސިރާޖް ވިދާޅުވީ އެ ބިލަށް ވޯޓަށް އެހީ ޕީއެންސީގެ މެމްބަރަކު ތަޅުމުގައި ވަޑައިގެން ނެތީހަށް ކަމަށެވެ. މެންބަރުން ނުކުނެވަޑައިގެން ތިއްބެވީ އެންޓިޑިފެކްޝަން ބިލު ދިރާސާކުރާނެ ކޮމިޓީއަކާ މެދު ހިޔާލުތަފާތުވުމާ ގުޅިގެން އިހުތިޖާޖުކުރެއްވުމުގެ ގޮތުން ކަމަށް އޭނާ ވިދާޅުވި އެވެ.
އެހެންކަމުން އެ މެމްބަރުންނަށް އެންގެވުމަކާއި ނުލައި ވޯޓަށް އެއްސެވީ އުސޫލާ ހިލާފަށް ސަރުކާރުގެ މެމްބަރުންނަށް ވޯޓު ދޭނެ ފުރުސަތު ނުދެއްވުމަށް ކަމަށް އޭނާ ތުހުމަތުކުރެއްވި އެވެ.
އޭގެއިތުރުން ޖަލްސާގައި ވޯޓަށް އެހުމަށްފަހު ޖަލްސާ މެދުކަނޑާލާފައިވާތީ ސިރާޖު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އަދި ކޯރަމެއް ނެތި މެންބަރުން ވޯޓު ލައިގެން ބިލު ބޭރުކޮށްލުނުން ރައްޔިތުން އެކަން ބަލަން ޖެހޭ ކަމެއް އޭނާ ފާހަގަކުރެއްވި އެވެ.
އެސްޑީއެފް ބިލަކީ ސިޔާސީ މަގުސަދެއްގައި ހުށަހަޅައިފައި އޮތް ބިލެއް ނޫން ކަމަށް ވެސް ސިރާޖު ވަނީ ވިދާޅުވެފަ އެވެ.
ތުލުސްދޫ ދާއިރާގެ ޕީއެންސީ މެމްބަރު އިބްރާހީމް ނަސީމް ހުށަހެޅުއްވި ސޮވްރިން ޑިވެލޮޕްމެންޓް ފަންޑު ބިލާމެދު ނެގި ވޯޓު އެއްވަރުވުމުން ގޮތް ނިންމީ ރިޔާސަތުގައި އިންނެވި އަހްމަދު ސަލީމްގެ ވޯޓާއެކުގަ އެވެ.