އިންކަމް ޓެކްސް ނެގުމުގެ ބިލް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މިދިޔަ ޑިސެމްބަރު މަހުގެ ހަތަރު ވަނަ ދުވަހު އެވެ. މިބިލް ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރެއްވީ މިދިޔަ ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހު އެވެ.
އިންކަމް ޓެކްސް ނަގާނީ 60،000 ރުފިޔާއިން މަތީގެ އާމްދަނީ ލިބޭ މީހުންގެ އަތުން މުސާރައިގެ ގޮތުގައި ލިބޭ އާމްދަނީ ނޫން އެހެން ހުރިހާ އާމްދަނީ އަކުންނެވެ.
އިންކަމް ޓެކްސް ބްރެކެޓްތަކަށް ބަހާލާފައިވާ ގޮތާއި ނެގޭނެ އަދަދު:
• 60،000 ރުފިޔާ އިން ދަށުގެ އާމްދަނީ - 0 ޕަސެންޓް.
• 60،000 އާއި 100،000 ރުފިޔާއާ ދެމެދުގެ އާމްދަނީ: 5.5 ޕަސެންޓު.
• 100،000 އާއި 150،000 ރުފިޔާއާ ދެމެދުގެ އާމްދަނީ: އަށް ޕަސެންޓު.
• 150،000 އާއި 200،000 ރުފިޔާއާ ދެމެދު އާމްދަނީ އިން 12 ޕަސެންޓު.
• 200،000 ރުފިޔާ އިން މަތީގެ އާމްދަނީ އިން 15 ޕަސެންޓް.
އިންކަމް ޓެކްސް ނަގާނެ ސުންގަޑިތައް މިއަދު މީރާއިން އާންމުކުރިއިރު މަހުން މަހަށް ކަނޑާ އުސޫލުން މި ޓެކްސް ދައްކާނަމަ އަންނަ މަހުގެ 15 ގެ ކުރިން ޓެކްސް ފައިސާ ދައްކަން ޖެހެ އެވެ.
އޭގެ އިތުރުން އިންޓެރިމް ޕޭމެންޓްގެ ގޮތުގައި ދައްކަން ޖެހޭ ފުރަތަމަ ޕޭމެންޓް އަންނަ ޖުލައި މަހުގެ 31 ވަނަ ދުވަހަށް ހަމަވެ އެވެ.
އިންކަމް ޓެކްސް ދައްކަންޖެހޭ މީހުންގެ ސީލިންއެއް ގޮތަށް ސަރުކާރުން މަޖިލީހަށް ބިލް ހުށަހެޅިއިރު އެންމެ ފުރަތަމަ ބިލްގައި ބުނެފައިވަނީ 40،000 ރުފިޔާ އިން މަތީގެ އާމްދަނީ ލިބޭ މީހުންގެ އަތުން މި ޓެކްސް ނެގުމަށެވެ. ނަމަވެސް މަޖިލީހުން މިއަދަދު 60،000 ރުފިޔާ އިން މައްޗަށް ޖެއްސުމާ ގުޅިގެން އިންކަމް ޓެކްސް ދައްކަންޖެހެނީ ގާތްގަނޑަކަށް 3،245 މީހުންނެވެ.
ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހެޅި އަންނަ އަހަރުގެ ބަޖެޓުގައި އިންކަމް ޓެކުހުން 600 މިލިއަން ރުފިޔާ ލިބިގެން ދާނެ ކަމަށް ވަނީ އަންދާޒާ ކޮށްފަ އެވެ.
މުއްސަނދިންނާއި ފަގީރުންގެ ފަރަގު ނައްތާލުމަށް އިންކަމް ޓެކްސް ނެގުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ.