ޑޮލަރުގެ ރޭޓް ދަށަށް ދާން ފަށާފައިވާކަމަށް އިގްތިސާދާއި ބޭހޭ ވަޒީރު މުހައްމަދު ސައީދު ވަނީ މިމަހުގެ 20 ވަނަދުވަހު ވިދާޅުވެފައެވެ. ސައީދު ވިދާޅުވީ އެ ބަދަލު އައީ ކަޅު ބާޒާރުގައި ބޮޑު އަގުގައި ޑޮލަރު ވިއްކާ މައްސަލައަށް ހައްލު ގެނައުމަށް ސަރުކާރުން އެޅި މުހިއްމު ފިޔަވަޅުތަކުގެ ސަބަބުންކަމަށެވެ.
ސަރުކާރުގެ މިވާހަތަކަށް ކުރީގައި ރައީސް ޔާމީން މިވަނީ ރައްދުދެއްވާފައެވެ. އެމަނިކުފާނު އުފައްދަވަން މަސައްކަތް ކުރައްވާ ޕަޓީ ޕީޕަލްސް ނޭޝަނަލް ޕްރޮންޓްއިން މަޖިލީހަށް ވާދަކުރާ ކެންޑިޑޭޓުން ތާއާރަފުކުރުމަށް ބާއްވަމުން އަންނަ ސިލްސިލާ ބައްދަވުންތަކުގައި ވާހަކަ ދައްކަވަމުން ރޭ ރައީސް ޔާމީން ވިދާޅުވީ ޑޮލަރުގެ އަގު ދަށަށް ދިޔައީ ސަރުކާރުގެ މާ މޮޅު ޕްލޭނެއްގެ ސަބަބުން ނޫންކަމަށެވެ. އެކަން އެގޮތަށް އެ ހިންގަނީ ސަރުކާރު ހިންގަމުން އައި ހުރިހާ ބޮޑެތި ކެޕިޓަލް މަޝްރޫއުތައް ހުއްޓާލާފައި އޮތުމުންކަމަށާއި ފަށާ ކޮންމެ މަޝްރޫއެއް ސަރުކާރުން ހުއްޓާލާކަމަށް ޔާމީން ވިދާޅުވިއެވެ.
ޑޮލަރުގެ އަގާއި ގުޅިގެން ސަރުކާރުން ދައްކާފައިވާ ވާހަކަތަކަށް ރައްދު ދެއްވަމުން ރައީސް ޔާމީން ވިދާޅުވީ މަޝްރޫއުތައް ނުހިންގާތީ މަރުކަޒީ ބޭންކާއި ކޮމާޝަލް ބޭންކުތަކަށް އެއްވެސް ޑޮލަރުގެ ޕެރެޝަރެއް މިވަގުތު ނެތްކަމަށެވެ. އަދި މީ ރާއްޖެއަށް ވަންނަ ޑޮލަރު އިތުރުވެގެން ލިބުނު ދާއިމީ ހައްލެތް ނޫންކަމަށްވެސް ރައީސް ޔާމީން ސިފަކުރެއްވިއެވެ.
އިގްތިސާދާއި ބެހޭ ވަޒީރު ސައީިދު ވިދާޅުވެފައިވަނި ރަމަޟާން މަހާއި އުމްރާ އާއި އިމްޕޯޓް ބޮޑުވުމާ ދިމާކޮށް ޑޮލަރުގެ އަގު ބޮޑުވި ނަމަވެސް ޑޮލަރުގެ ރޭޓް ހަމައަކަށް އެޅެން ފަށާފައިވާކަމަށެވެ، އަދި ކުރިއަށް ހުރި އިތުރު ފިޔަވަޅުތަކާއެކު ރޭޓްތައް ދަށަށް ދާނެ ކަމަށް ބެލެވޭކަމަށްވެސް ސައީދު ވިދާޅުވިއެވެ.
ޑޮލަރުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން ކަޅު ބާޒާރުގައި ޑޮލަރު ވިއްކަމުން ދިޔަ ހަތް ބިދޭސީއަކު އަތުލައިގަނެ އެމީހުން ޑީޕޯޓްކޮށްލާފައިވާކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.