
މިކަމަށްޓަކައި އުރީދޫގެ އެމް-ފައިސާ އާއި މަނީގްރާމް އިންޓަރނޭޝަނަލާއެކު ވަނީ ޕާޓްނަރޝިޕެއް އެކުލަވާލާފަ އެވެ.
އުރީދޫއިން ބުނީ މި ޕާޓްނާޝިޕާއެކު ރާއްޖޭގައި ދިރިއުޅޭ ފަރާތްތަކަށް، ދުނިޔޭގެ އެކި ހިސާބުތަކަށް ފަސޭހަ ކަމާއެކު ފައިސާ ފޮނުވުމަށް މަގުފަހިވާނެ ކަމަށެވެ.
އުރީދޫގެ ކަސްޓަމަރުންނަށް ދުނިޔޭގެ އެކި ހިސާބުގައި ދިރިއުޅެމުންދާ ކޮންމެ މީހަކަށްވެސް ބޭންކު އެކައުންޓް، މޮބައިލް ވޮލެޓު ނުވަތަ މަނީގްރާމްގެ އޭޖަންޓެއް މެދުވެރިކޮށް ނަގުދު ފައިސާ ނެގޭގޮތަށް ފޮނުވިދާނެއެވެ. ނަމަވެސް އެއީ ފައިސާ ލިބޭ ފަރާތް ދިރިއުޅެމުންދާ ފަރާތް އުޅޭ ގައުމުން އެ ހިދުމަތް ލިބޭ ނަމައެވެ.
އުރީދޫގެ ސީއީއޯ އަދި މެނޭޖިންގް ޑިރެކްޓަރު ހާލިދް އަލް-ހަމާދީ ވިދާޅުވީ އެއީ ގިނަ ބަޔަކަށް ފަސޭހަތަކެއް ފޯރުކޮށްދޭނެ ހިދުމަތެއް ކަމަށެވެ.
ސީއީއޯ އިތުރަށް ވިދާޅުވީ މި ހިދުމަތުގެ ސަބަބުން މިހާރު ދިމާވަމުންދާ ގޮންޖެހުންތަކަށް ލުޔެއް ލިބޭނެކަމަށާއި، މި ހިދުމަތް ދިނުމުގައި މަނީގްރާމް ފަދަ ތަޖުރިބާކާރު ކުންފުންޏަކާއެކު ކުރިއަށް ދިޔުމަކީ ކަސްޓަމަރުންނަށް ދެވޭ ހިދުމަތް އެންމެ ރަގަޅަށް ދިނުމަށް މަގުފަހިވާނެ ކަމެއް ކަމަށެވެ.
މަނީގްރާމް އަކީ ފިންޓެކް އިނޮވޭޝަންގައި ވަރުގަދަ، ކަސްޓަމަރުންނާއި ގާތުން މަސައްކަތްކުރަމުންދާ ކުންފުންޏެކެވެ. މްނީގްރާމްގެ ޒަމާނީ ޕްލެޓްފޯމް މެދުވެރިކޮށް ދުނިޔޭގެ އެންމެ ކުޅަދާނަ ކުންފުނިތަކާއެކު މާލީ ހިދުމަތްދިނުމުގެ މަސައްކަތުގައި ކުރިއަށްދަމުންނެވެ.
މި އެއްބަސްވުމާއެކު ރާއްޖެއިން ފައިސާ ފޮނުވުމުގެ ހިދުމަތް ފަހިވެގެން ދާނެކަމަށް އުރީދޫއިން ހާމަކުރެއެވެ.