ads
ހެލްތް މިނިސްޓަރު ޑރ. ހަލީލް: ފޮޓޯ ހެލްތް މިނިސްޓްރީ
ސިއްހަތަކީ އަސާސީ ހައްގެއްގޮތަށް ދެކުން މުހިއްމު: މިނިސްޓަރު ހަލީލް
ގައުމުގެ ސިއްހީ، އިޖްތިމާއި އަދި އިގްތިސާދީ ސިޔާސަތުތަށް ބައްޓަން ކުރެވިގެންދާއިރުގައި، ސިއްހަތު އެއީ އަސާސީ ހައްގެއްކަމަށް ރިއާޔަތްކޮށްގެން ކަންކަން އިންތިޒާމްކޮށް ތަރުތީބު ކުރުމަކީ ވަރަށް މުހިއްމުކަމެއްކަމަށް ހެލްތް މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ހަލީލް މިހެން ވިދާޅުވެފައިމިވަނީ ދުނިޔޭގެ ސިއްހަތު ދުވަހުގެ މުނާސަބަތުގައި އެމަނިކުފާނު ދެއްވި ހިތާބުގެތެރެއިންނެވެ.

"އަހަރެންގެ ސިއްހަތު - އަހަރެންގެ ހައްގު" ގެ ދަށުން މިއަދު ފާހަގަކުރަމުން އަންނަ ދުނިޔޭގެ ސިއްހަތު ދުވަހާ ގުޅިގެން މިނިސްޓަރު ދެއްވި ހިތާބުގައި ވިދާޅުވީ، ސިއްހަތަކީ ކޮންމެ މީހަކަށް ލިބިފައިވާ ހައްގަކަށް ވާއިރު އެ ހައްގާ އެކު ޒިންމާއެއް ވެސް ވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ގިނަ ފަހަރަށް ސިއްހަތަކީ ނުވަތަ ޞިއްހަތުގެ ޙައްޤަކީ، ހަސްފަތާލުތަކާ ސިއްހީ މަރުކަޒުތަކުން ލިބެން ހުންނަ ސިއްހީ ފަރުވާއާއި ހިދުމަތްތައްކަމުގައި ހީވެފައި އޮންނަނަކަމަށާއި އެހެންނަމަވެސް އެއަށްވުރެ ބޮޑަށް ސިއްހަތާއި ގުޅޭކަންކަމަށް ހޭލުންތެރިވާންޖެހޭ ކަމަށެވެ.

"އުނގެނުމާ ތަރުބިއްޔަތުގެ، ކުޅިވަރާ މުނިފޫހިފިލުވުމުގެ މާޙައުލުތަކުގެ އަދި މަގުމަތީގެ ސާފުތާހިރުކަމާ ރައްކާތެރިކަން، ތަޢުލީމާ ތަމުރީނާ ސައްހަ މައުލޫމާތު، ފަރުދުންގެ މެދުގައި އޮންނަ ގުޅުންތަކާ އިޖްތިމާޢީ ފޭރާން، އިޖްތިމާޢީ އަދި އިގުތިސޯދީ ހަރަކާތްތައް ހިމެނޭ. މިކަންކަމަކީ، ސިއްހަ ހިދުމަތްދޭ މަރުކަޒުގެ އަދި ބައެއްފަހަރަށް ސިއްހީ ދާއިރާގެ ބޭރުގައި ހުރި، އެހެނަސް އަހަރެމެންގެ ޖިސްމާނީ އަދި ނަފުސާނީ ސިއްހަތާ ސީދާ ގުޅުންހުރި ކަންކަން." މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވަނީ ސިއްހީ ގޮތުން ރަނގަޅު މައުލޫމާތު ހޯދައި ދުޅަހެޔޮ އާދަތަކަށް މުޖުތަމައު އަހުލުވެރިކުރުވައި ބަލިތަކުން ދުރާލާ ރައްކާތެރިކުރުމަށް ލިބިޖެހޭ ވެކްސިންތަކާއި ބޭސް ބޭނުންކުރުމާއި، ބައްޔެއް ހުރިތޯ ދުރާލާ ދެނެގަތުމަށް ގަވާއިދުން މެޑިކަލް ޓެސްޓުތައް ހެދުމަކީ ފަރުދީ ފެންވަރުގައި ކުރެވިދާނެ ކަންކަން ކަމަށް ވިދާޅުވެފަ އެވެ.

އެ ހިތާބުގައި މިނިސްޓަރު ވިދާޅުވީ ދިވެހިންނަށް އެއްވެސް ތަފާތު ކުރުމެއް ނެތި ހަމަހަމަކަމާ އެކު، އެކަށީގެންވާ އަދި ފެންވަރު ރަނގަޅު ސިއްހީ ފަރުވާ އާއި ސިއްހީ ހިދުމަތްތަކާއި ސިއްހީ ރައްކާތެރިކަމާއި މާލީ އަދި ޖިންމާނީ ގޮންޖެހުންތަކާ ނުލައި ލިބޭނެ ގޮތް ކަށަވަރު ކުރުމަކީ ދައުލަތުގެ ޒިންމާއެއް ކަމަށެވެ. ރާއްޖެ އިން ބައިވެރިވެފައިވާ އިންސާނީ ހައްގުތަކާ ބެހޭ ބައިނަލްއަގްވާމީ ގަރާރުތަކުން އެކަންކަން ކަށަވަރު ކޮށްދޭއިރު އެ ހައްގުތައް ހިމާޔަތްކުރުމަކީ މުޅި ދައުލަތުގެ ޒިންމާއެއް ކަމަށް ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް